ރާއްޖެ އާއި އިންޑިޔާ ވަރިއެއް ނުކުރެވޭނެ؛ މިއީ އެއްފޮތަކުން ކިޔަވާ، އެއްބައެއް: ނަޝީދު

ދިވެހިރާއްޖެއާއި އިންޑިޔާ އަކީ އެއް ފޮތަކުން ކިޔަވައިގެން ތިބި، އެއް ބައެއް ކަމަށާ، މި ދެގައުމަކީ ވަރިކުރެވޭނެ ދެ ގައުމު ނޫން ކަމަށް ކުރީގެ ރައީސް އަދި މަޖިލީހުގެ މައްޗަންގޮޅީ މެދު ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ. 
ނަޝީދު މިފަދައިން ވިދާޅުވީ އިންޑިޔާގެ ރިޕަބްލިކް ނޫހަށް ދެއްވި ޚާއްސަ ބަސްދީގަތުމެއްގައެވެ. 
އެގޮތުން ރާއްޖެއާއި އިންޑިޔާ އާއި ދެމެދު އޮތް ގުޅުމާއި ގުޅޭގޮތުން ވާހަކަދައްކަވަމުން ރައީސް ނަޝީދު ވަނީ އިންޑިޔާ އައުޓް އަކީ ދިވެހިން ތާއިދުކުރާ ކެންޕެއިނެއް ނޫން ކަމަށް ތަކުރާރުކޮށް ވިދާޅުވެފަ އެވެ. އަދި އެވާހަކަ ތަކުރާރުކޮށް އެމާނިކުފާނު ވިދާޅުވަމުންދާ ކަމަށްވެސް ވިދާޅުވި އެވެ. 
Advertisement
މިއާއެކު ނަޝީދު ވަނީ ދިވެހިންނާއި އިންޑިޔާއަކީ އެތައް ގޮތަކުން ގުޅިފައިވާ ބައެއްކަން ފާހަގަކުރައްވައި މި ދެގައުމަކީ ދުރު ނުކުރެވޭނެ ދެ ގައުމު ކަމަށް ވިދާޅުވެފައެވެ. 
އަހަރެމެން ކިޔަނީ އެއް ފޮތެއް. އަހަރެމެން ބަލަނީ އެއް ފިލްމެއް. އަހަރެމެން ކަނީ އެއް ކެއުމެއް. އަހަރެމެންގެ ޘަގާފަތް އެއްގޮތް. އަހަރެމެންނަނީ ވަރަށް އެއްބައިވަންތަ ބައެއް. އަހަރެމެންނަކީ އެއްބައެއް. އަހަރެމެންނާއި އިންޑިޔާއާއި ވަރިއެއް ނުކިރެވޭނެ. އަހަރެމެންނާއި އިންޑިޔާ އާއި ދުރެއްވެސް ނުކުރެވޭނެ. އެމްޑީޕީގެ 
ކުރީގެ ރައީސް މުހައްމަދު ނަޝީދު 
ރައީސް ނަޝީދު އިތުރަށް ވިދާޅުވީ، ރާއްޖޭގެ ގިނަ ޑޮކްޓަރުންނާއި، ޓީޗަރުންނާއި، އެކައުންޓެންޓުންނަކީ ވެސް އިންޑިޔާގެ ރައްޔިތުން ކަމަށާ، އިންޑިޔާއާއި ދެކޮޅުވެގެން ދިވެހިންނަށް ސިޔާސީ ގޮތުންވެސް އެއްވެސް މަންފާއެއް ކުރާނެ ކަމަށް އެމަނިކުފާނު ގަބޫލު ނުކުރައްވާކަމަށެވެ. 
އަދި އިންޑިޔާއާއި ދެކޮޅު ކެންޕެއިން ތަކަކީ ދިވެހިންގެ ކެންޕެއިން ތަކެއް ކަމަށް ގަބޫލު ނުކުރައްވާ ކަމަށް އެމާނިކުފާނު ވިދާޅުވި އެވެ. 
މީގެ އިތުރުން ރާއްޖޭގައި ތިބި އިންޑިޔާ ސިފައިން ބޭލުމާއި ގުޅޭގޮތުން ކުރެވުނު ސުވާލަށް ޖަވާބު ދެއްވަމުން ނަޝީދު ވިދާޅުވީ، ރާއްޖޭގައި އިންޑިޔާގެ ތިން ހެލިކޮޕްޓަރާއި އެއް ޑޯނިއާ ފްލައިޓް މިހާރުވެސް އޮތް ކަމަށެވެ. އަދި އެ ހެލިކޮޕްޓަރު ތައް ބޭނުން ކުރަމުންދަނީ ސިއްހީ އެމެޖެންސީ ތަކުގައި ބަލި މީހުން އުފުލުމަށް ކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އެހެންކަމުން، އެމީހުންގެ އެ މަސައްކަތް ރާއްޖޭގައި ކުރެވެންޖެހޭނެ ކަމަށް ނަޝީދު ވިދާޅުވިއެވެ. 
އެކަމަކު ރައީސް މުޢިއްޒު ބޭނުންވެލައްވަނީ އެކަން އެހެން ގޮތަކަށް ކުރަން. އަޅުގަނޑު ގަބޫލެއް ނުކުރަން އެކަން އެގޮތަށް ކޮށްގެން ވާނެ ކަމަކަށް. އެމަނިކުފާނު ބޭނުންފުޅުވަނީ ސިފައިންގެ ބަދަލުގައި ސިވިލިއަން އެކަން ކުރަން. މިކަން އެންމެ ފުރަތަަމަ ވެސް ކުރަން ނިންމާފައިވާ ގޮތަކީ، އެމީހުން (އިންޑިޔާ ސިފައިން) ރާއްޖޭގެ ސިފައިން އެ މަސައްކަތްތައް ކުރަން ޓްރެއިން ކުރަން. އަދި ޓްރެއިނިން ނިމެންދެން އެމީހުން ރާއްޖޭގައި ތިބެން. އަޅުގަނޑު ގަބޫލު ކުރަނީ އެކަން އެގޮތަށް ވާން. އަޅުގަނޑު ގަބޫލު ކުރަނީ އެހެން އެކަން ވާނެ ކަމަށް
ކުރީގެ ރައީސް މުހައްމަދު ނަޝީދު 
މީގެ އިތުރުން ނަޝީދު ވިދާޅުވީ 'ކުޑަ ރާއްޖެއިން' އެ ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭލުމަށް އެދުމުން، އިންޑިޔާއިން އެކަމާއި ދެކޮޅު ނުހަދައި ވާހަކަ ދައްކައިގެން އެކަން ކުރުމަށް އެއްބަސްވި ކަމަށެވެ. އަދި އިންޑިޔާއިން ރާއްޖޭގެ އެ ނިންމުމަށް އިހްތިރާމް ކުރި ކަމަށާ އެއީ ޒިންމާދާރު ދުނިޔޭގެ ބާރަކުން ކަން ކުރާނެ ގޮތް ކަމަށްވެސް ނަޝީދު ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ