ރަސްމާލެ މަޝްރޫއަށް އާއެކޭ ނުބުނާނަން، އެއްބަސްވުން ބާތިލުކުރޭ

މި ސަރުކާރުގެ އެންމެ ބިޔަ މަޝްރޫއު ކަމަށްވާ ފުށިދިއްގަރުފަޅު، ރަސްމާލޭގެ ގޮތުގައި ތަރައްގީ ކުރުމަށް ހިންގާ މަޝްރޫއު އަށް އާއެކޭ ނުބުނާނެ ކަމަށާއި އެ މަޝްރޫއުގެ އެއްބަސްވުން ބާތިލުކުރަން ކުރީގެ ރައީސް އަބްދުﷲ ޔާމީން ގޮވާލައްވައިފި އެވެ.
ސްރީ ލަންކާގެ ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން ކޮމްޕެނީ (ސީއެމްސީސީ) އާ ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫއުގެ އަގު އަދާކުރަން ހަމަޖެހިފައި ވަނީ ހުޅުމާލޭން 10 ހެކްޓަރުގެ ބިމާއި ފުށިދިއްގަރުފަޅުން ހިއްކާ ބިމުން 60 ހެކްޓަރުގެ ބިން ސީއެމްސީސީ އަށް ދީގެންނެވެ. އެ ބިންތައް ދޫކޮށްފައިވަނީ 99 އަހަރުގެ މުއްދަތަކަށެވެ.
ފުވައްމުލަކު ސިޓީ އަށް ވަޑައިގެން ސަޕޯޓަރުންނާ ވާހަކަފުޅުދައްކަވަމުން ޔާމީން ވިދާޅުވީ އެމަނިކުފާނަކީ ރައީސް ޑރ. މުހައްމަދު މުއިއްޒު ކުރައްވާ ރަނގަޅު ކަންކަމަށް ދަތިކުރަން ނިކުމެ ހުންނެވި ބޭފުޅެއް ނޫން ކަމަށާއި ނަމަވެސް ރަސްމާލެ ހިއްކުމުގެ މަޝްރޫއު އަށް އާއެކޭ ނުބުނާނެ ކަމަށެވެ.
"އަޅުގަނޑު އާއެކޭ ނުބުނާނަމޭ، މިހާރު ރަސްމާލެ ހިއްކަން އެ ކުރާ މަސައްކަތަށް އަޅުގަނޑުމެން ނުބުނާނަމޭ އާއެކޭ. އަޅުގަނޑުމެން އަޅުވެތިވާ ގޮތަށް އަޅުގަނޑުމެންގެ ބިންތައް ނުއަގުގަ ވިއްކާލާ ވިއްކާލުމަށް މިއަދުވެސް މި ބުނަނީ ނޫނެކޭ، އެ އެގްރީމެންޓު ބާތިލް ކުރާށޭ،" ޔާމީން ވިދާޅުވި އެވެ.
ޔާމީން ވަނީ ރަސްމާލެ މަޝްރޫއު އާއި ވަޒީރުންނާއި ގުޅޭ ކޮރަޕްޝަނުގެ މައްސަލަތައް ފަދަ މައްސަލަަތައް ކޮންމެ ޕާޓީއަކުން ހުށަހެޅި ނަމަވެސް އެ ޕާޓީއަކާ އެކު މަސައްކަތް ކުރައްވާނެ ކަމަށްވެސް ވިދާޅުވެފަ އެވެ.
ރަސްމާލެ މަޝްރޫއުގެ ދަށުން 1،153 ހެކްޓަރުގެ ބޮޑު ސަރަހައްދެއް ހިއްކުމަށް ވަނީ ހަމަޖެހިފަ އެވެ. ރައީސް މުއިއްޒު ވިދާޅުވި ގޮތުގައި އެއީ ހުޅުމާލޭގެ ދެ ފިޔަވަހި އެއްކޮށްލީމާ ވާ ވަރުގެ ތިންގުނަ ބޮޑު ސަރަހައްދެކެވެ. ބިން ހިއްކުމުގެ މަޝްރޫއުގެ މަސައްކަތް 8 މަސް ދުވަހުގެ ތެރޭގައި ނިންމުމަށް ހަމަޖެހިފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ