ހއ. ދިއްދޫގައި ރޭ ބޭއްވި ކެމްޕޭން ޖަލްސާއެއްގައި ކަރަންޓު ދޫކުރަންވީ ހަމައެކަނި އެ ޕާޓީގެ މީހުންގެ ގެތަކަށް ކަމަށް ބުނެ ދިއްދޫ ފެނަކަ ބްރާންޗުގެ އެސިސްޓެންޓް މެނޭޖަރު އަބްދުﷲ ރަޝީދު ވިދާޅުވި މައްސަލަ ސަރުކާރު ހިންގާ މައި ޕާޓީ ޕީއެންސީ އިން ކުށްވެރިކޮށްފިއެވެ.
ޕީއެންސީން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ، "ކަރަންޓު ހަމައެކަނި ދޫކުރަންވީ ޕާޓީ ގެތަކަށް" ކަމަށް ބުނެ ފެނަކައިގެ އެސިސްޓެންޓް މެނޭޖަރުގެ މަގާމުގައި ހުންނެވި އަބްދުﷲ ރަޝީދު ދިއްދޫގައި ރޭ ބޭއްވި ކެމްޕެއިން ޖަލްސާގައި ދެއްކި ވާހަކަތައް ވަރަށް ހަރުކަށިކޮށް ކުށްވެރިކުރާ ކަމަށެވެ.
ފެނަކަ މެނޭޖަރު ދެއްކެވި ވާހަކަތަކަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އަދި ޕީއެންސީގެ ސިޔާސަތެއް ނޫން ކަމަށް އެ ޕޯސްޓުގައިވެއެވެ.
"ރައީސް މުއިއްޒުގެ ސިޔާސަތަކީ ވަކި ފިކުރަކަށް ނުބަލައި ރައްޔިތުންނަށް ފޯރުކޮށްދޭން ޖެހޭ ހިދުމަތްތައް ފޯރުކޮށްދިނުމުގެ ސިޔާސަތެއް ކަމުގައި ދަންނަވަން،" ޕީއެންސީގެ ޕޯސްޓުގައިވެއެވެ.
ރައީސް މުއިއްޒު ވެސް ވަނީ އެ ޕޯސްޓަށް ތާއީދު ކުރެއްވުމުގެ ގޮތުން ރީޕޯސްޓް ކުރައްވައިފައެވެ.
ދިއްދޫ ދާއިރާއަށް ޕީއެންސީގެ ޓިކެޓުގައި ވާދަކުރައްވާ އަބްދުލް ލަތީފް މުހައްމަދުގެ ކެމްޕޭން ޖަލްސާގައި އަބްދުﷲ ރަޝީދު ވިދާޅުވީ ކަރަންޓު ދޭކަން ވެސް އެއީ ނަސީބެއް ކަމަށާއި ކަރަންޓު ދޫކުރަންވީ ގެތަށް ބަލައި ވަކިވަކިން ކަމަށެވެ. މަޖިލިސް އިންތިހާބުގެ ނިމެންދެން ކަރަންޓު ދޫކުރަންވީ ޕީއެންސީގެ މީހުންނަށް އެކަނި ކަމަށް ވެސް ވިދާޅުވިއެވެ.
ޕީއެންސީގެ މީޑިއާ ގްރޫޕުގައި ނޫސްވެރިއަކު ސުވާލު ކުރުމުން އެ ޕާޓީގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވީ އެމައްސަލަ ބަލައި އަޅަން ޖެހޭ ފިޔަވަޅު އެޕާޓީއިން އަޅާނެ ކަމަށެވެ. ފެނަކައިގެ މެނޭޖިން ޑިރެކްޓަރަކަށް އަބްދުﷲ ރަޝީދު އައްޔަން ކުރީ މިދިޔަ ފެބްރުއަރީގައެވެ.
ޕާޓީ މީހުންނަށް އެކަނި ކަރަންޓު ދޫކުރަން ދިއްދޫ ފެނަކަ މެނޭޖަރު ގޮވާލުމުން ޕީއެންސީން ކުށްވެރިކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ