ރަށްރަށަށް ދިއުމުން އެނގިގެން ދިޔައީ ރައްޔިތުން މާޔޫސްވެފައިވާ މިންވަރު - އަދުރޭ

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒާއެކު ރާއްޖޭގެ އެކި ކަންކޮޅުތަކަށް ދަތުރުކުރައްވާއިރު ރަށްރަށުން ފެންނަނީ ވީރާނާކަމާއި މާޔޫސްކަމާއި ކަންބޮޑުވުން ކަމަށް ރައީސް، ޑރ. މުހައްމަދު މުއިއްޒުގެ ސްޕެޝަލް އެޑްވައިޒަރު އަދި ޕޮރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.
އަދުރޭ މިހެން ވިދާޅުވީ ގދ. ތިނަދޫ ރައްޔިތުންނާއި ބައްދަލު ކުރައްވާ ވާހަކަ ދައްކަވަމުންނެވެ.
އަދުރޭ ވިދާޅުވީ ރަށްރަށުގެ މަގުތައް އޮތީ ހަލާކުވެފައި ކަމަށާއި މިސްކިތްތަށް ހުރީ އާބާތުރަ ފިލުވަންވެފައި ކަމަށެވެ. އަދި އޮފީސްތައް މަރާމާތު ކުރަން ވެފައި ހުރި އިރު، ސްކޫލްތައް ހުރީ ޖާގައިގެ ދަތިކަން ކުރިމަތިވެފައި ކަމަށްވެސް ވިދާޅުވިއެވެ.
"މިއީކީ ނޫން އަޅުގަނޑުމެން ހޯދަން މިއުޅޭ ދިވެހިންގެ ރާއްޖެއަކީ. އަޅުގަނޑުމެން ހޯދަން މިއުޅޭ ދިވެހިންގެ ރާއްޖެ އަކީ ނިކަން ހިތްފަސޭހަ ރާއްޖެއެއް. އެ ރާއްޖޭގެ ރައްޔިތުންގެ މޫނުމަތިން ފެންނާން ވަނީ ނިކަން އުފާވެރިކަން. ތުންފަތް މަތިން ދެކެން ބޭނުންވަނީ ހިނިތުންވުން. ރަށު ތެރެއިން އަޅުގަނޑުމެން ދެކެން ބެނުންވަނީ އެކުވެރިކަމާ އެއްބައިވަންތަކަން، ސުލްހަވެރިކަމާއި އަމާންކަން. ކުރިއެރުމާއި ތަރައްގީ އާއި ތަމައްދުންގެ ރިވެތި ސިފަތައް." އޭނާ ވިދާޅުވިއެވެ.
އަދުރޭ ވިދާޅުވީ މި ސިފަތައް ހުރި ރާއްޖެއެއް ބިނާކުރުމުގެ މަސްއޫލިއްޔަތު ނުވަތަ އެ ބުރަ ޒިންމާ ރައްޔިތުން ހަވާލު ކުރެއްވީ ރައީސް ޑރ. މުއިއްޒު އާ ކަމަށެވެ. އަދި އެމަނިކުފާނު އެހުންނެވީ ސާބިތުކަމާއެކީގައި ދިވެހިން އެދޭފަދަ ދިވެހީންގެ ރާއްޖެއެއް ހޯއްދަވައި ދެއްވުމަށް ނިކުމެ ވަޑައިގެން ކަމަށްވެސް ވިދާޅުވިއެވެ.
"އެހިތްވަރު އެމަނިކުފާނުގެ ކިބައިގައި އެބަހުރި. އެ ހުނަރުވެރިކަން އެބަހުރި. އިހުލާސްތެރިކަމާއި ތެދުވެރި ނިޔަތް އެމަނިކުފާނުގެ އެބަހުރި. އޭގެ އިތުރުން އެމަނިކުފާނުގެ އިލްމީ ހުނަރުވެރިކަމާއި ގާބިލްކަމާއެކީގައި، ދިވެހިންގެ ރާއްޖެއެއް ބިނާ ކުރުމުގެ މަސްއޫލިއްޔަތު ބޮލު އަޅުވައިގެން ރައީސް މުއިއްޒު އެހުންނެވީ ތެދުވެ ވަޑައިގެން." އޭނާ ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ