މިއަދު ރާއްޖޭގެ އެކިހިސާބަށް ވިއްސާރަކޮށް، ގުގުރުން އެކަށީގެންވާކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް އޮފީސް)އިން ލަފާކޮށްފިއެވެ.
ރާއްޖޭގެ ބައެއް ރަށްރަށަށް ގުގުރުން އެކަށީގެންވާ ކަމަށާއި ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހޭނެކަމަށް ލަފާކޮށް، އެ އިދާރާއިން ވަނީ މިއަދު މޫސުމަށް ސަމާލުވުމަށް އިލްތިމާސްކޮށްފައެވެ.
މެޓް އޮފީހުން ބުނީ، ދެކުނުގެ އަތޮޅުތަކަށް އިރު ދެކުނާއި، ދެކުނުން ގަޑިއަކު 8 މޭލާއި، 18 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށާއި، އެހެން ހިސާބުތަކަށް ހުޅަނގު ދެކުނާއި ހުޅަނގުން ގަޑިއަކު 13 މޭލާއި، 23 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށެވެ.
މެޓް އޮފީހުން މައުލޫމާތުދޭ ގޮތުގައި، ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލަށް ވައިގަދަވުން އެކަށީގެންވެއެވެ.
މީގެއިތުރުން، ރާޅުގެ އުސްމިން ހުންނާނީ 4 ފޫޓާއި 7 ފޫޓާ ދެމެދުގައި ކަމަށާއި، ރާއްޖޭގެ ކަނޑުތައް އުތުރާއި މެދު ރާއްޖެ ތެރޭގައި ގަދަވާނެ ކަމަށް އެ އިދާރާއިން ވަނީ ލަފާކޮށްފަވާއިރު ރާއްޖޭގެ ދެކުނުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެ ކަމަށްވެސް ވަނީ ލަފާކޮށްފައެވެ.
މިއަދު ރާއްޖޭގެ އެކިހިސާބަށް ވިއްސާރަކޮށް، ގުގުރުން އެކަށީގެންވާކަމަށް މެޓް އޮފީހުން ލަފާކުރާއިރު، އެ އިދާރާގެ ރެކޯޑްތައް ދައްކާގޮތުން ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އެންމެ ބޯކޮށް ވާރޭ ވެހުނުކަމަށް ރިކޯޑްކުރެވިފައިވަނީ އުތުރުން ލ. ކައްދޫއަށެވެ. ކައްދޫއަށް 77.7 މިލިމީޓަރުގެ ވާރޭވެހިފައިވާއިރު، ދެން އެންމެ ބޯކޮށް ވާރޭވެހުނު ކަމަށް ރިކޯޑްކުރެވިފައިވަނީ ބ. ތުޅާދޫއަށެވެ. އެރަށް 70.6 މިލިމީޓަރުގެ ވާރޭވެހިފައިވާ ކަމަށް ރިކޯޑްކުރެވިފައިވެއެވެ.
ރާއްޖެއަށް މިހާރު ކުރަމުންދަނީ ހުޅަނގު މޫސުމުގެ ވިއްސާރަ ކަމުގައިވާއިރު، ހުޅަނގު މޫސުން ފެށިފައިވަނީ މެއިމަހުގެ ކުރީކޮޅުއެވެ.
ދުވަސްދުވަހުގެ މެދުކެނޑުން އައި ނަމަވެސް މެއިމަހުން ފެށިގެން ރާއްޖެއަށް އަންނަނީ ވިއްސާރަކުރަމުންނެވެ.
އެހެންކަމުން ދަތުރަކަށް ފެށުމުގެ ކުރިން އަބަދުވެސް މޫސުމާ ބެހޭ ފަހުގެ މައުލޫމާތު ހޯދައި ދަތުރަށް ތައްޔާރުވުމަކީ މުހިންމު ކަމެކެވެ.
މިއަދުގެ މޫސުން: އެކިހިސާބަށް ވިއްސާރަކޮށް، ގުރުގުރުން އެކަށީގެންވޭ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ