މި ފެންނަނީ ޒަމާނީ ޑިމޮކްރަސީ ނެތިގެންދާތަން: މައުމޫން

މިހާރު ފެންނަމުން ދަނީ ޒަމާނީ ޑިމޮކްރަސީ ގެނައުމަށް ކުރެއްވި މަސައްކަތްތައް ނެތިގެންދާތަން ކަމަށް ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަދި ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެއެވެ. ޕީޕީއެމްގެ ރައީސް މައުމޫން މިއަދު ނެރުއްވި ބަޔާނެއްގައި އެމަނިކުފާނު ވިދާޅުވެފައި ވަނީ، ރައްޔިތުންގެ މަޖިލީހުން ފަހަކަށް އަައިސް ފާސް ކުރި ބައެއް ބިލްތަކާއި ގާނޫނުތަކަށް ގެނައި އިސްލާހުތަކަކީ، 2008ވަނަ އަހަރުގެ ރައްޔިތުންގެ މަޖިލީހުން ފާސްކުރައްވައި އެމަނިކުފާނު ތަސްދީގު ކުރެއްވި ގާނޫނުއަސާސީއާ ޚިލާފު ބިލްތަކަކާއި އިސްލާހުތަކެއް ކަމަށެވެ. މިދިޔަ ހަފްތާގައި މަޖިލީހުން ފާސްކޮށް ރައީސުލްޖުމްހޫރިއްޔާ ތަސްދީގުކުރެއްވި ޚިޔާޅުފާޅުކުރުމާއި އަބުރު ރައްކާތެރި ކުރުމުގެ ބިލުން، ގާނޫނުއަސާސީގެ 27 ވަނަ މާއްދާގެ ދަށުން ރައްޔިތުންނަށް ލިބިދީފައިވާ ޚިޔާލުފާޅުކުރުމުގެ މިނިވަންކަން ހަނިކޮށްފައިވާ ކަމަށާއި ގާނޫނުއަސާސީގެ 28 ވަނަ މާއްދާއިން ލިބިދީފައިވާ ނޫސްވެރިކަމުގެ މިނިވަންކަން ވެސް އެ ބިލުން ހަނިކޮށްފައިވާ ކަމަށް ރައީސް މައުމޫންގެ ބަޔާނުގައިވެ އެވެ. މީގެ އިތުރުން އެއްވެ އުޅުމުގެ ބިލަށް ގެނައި އިސްލާހުގެ ސަބަބުން، ގާނޫނުއަސާސީގެ 32 ވަނަ މާއްދާއިން ރައްޔިތުންނަށް ލިބިދީފައިވާ އެއްވެއުޅުމުގެ މިނިވަންކަން ހަނިވެގެން ގޮސްފައިވާ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ. 2004 ވަނަ އަހަރު އަޅުގަނޑު އިއުލާނުކުރި އިސްލާހީ އެޖެންޑާގެ ދަށުން، ރާއްޖެއަށް ޒަމާނީ ޑިމޮކްރަސީ ގެނައުމަށް، ދިވެހި ރައްޔިތުންގެ ތާއީދާއެކު މަސައްކަތްތަކެއް ކުރިން ނަމަވެސް މިހާރު މިފެންނަނީ، އަޅުގަނޑު ގެންނަން މަސައްކަތްކުރި ޒަމާނީ ޑިމޮކްރަސީގެ ފިޔަވަޅުތައް ނެތިގެންދާ ތަން، އަދި ރައްޔިތުންނަށް ގާނޫނުއަސާސީގެ ތެރެއިން އަޅުގަނޑު ހޯދައިދޭން މަސައްކަތްކުރި އަސާސީ ހައްގުތައް ހަނި ކުރެވެމުންދާތަން. މިކަމާ އަޅުގަނޑު ވަރަށްބޮޑަށް ކަންބޮޑުވެ ހިތާމަކުރާ ވާހަކަ ދަންނަވަން.ރައީސް މައުމޫން ރައީސް މައުމޫން ވިދާޅުވީ، މިހާރު ފެންނަމުން މިދަނީ، ޕީޕީއެމް އުފެއްދި މައިގަނޑު މަގުސަދުތަކާ ވެސް ހިލާފުކަންތައްތަކެއް ކަމަށެވެ. ޕީޕީއެމްގެ އަސާސީ ގަވާއިދާ ހަވާލާ ދެއްވައި މައުމޫންގެ ބަޔާނުގައި ވިދާޅުވެފައި ވަނީ ޕާޓީން މަސައްކަތްކުރާން ޖެހޭނީ، ގާނޫނުއަސާސީން ރައްޔިތުންނަށް ލިބިދީފައިވާ އަސާސީ ހައްގުތައް ފުރިހަމައަށް ހޯދައިދީ، ރާއްޖެއަކީ ގާނޫނުއަސާސީ އާއި ގާނޫނުތައް ތަންފީޒުކުރެވޭ، އަދި ގާނޫނުތަކަށް އިހްތިރާމްކޮށް ބޯލަނބާ ރައްޔިތުން ދިރިއުޅޭ ތަނަކަށް ހެދުން ކަމަށެވެ. ރައީސް މައުމޫން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގައި ޕީޕީއެމްގެ ކޯލިޝަންގެ އަޣްލަބިއްޔަތު އޮވެމެ، މަޖިލީހުން މިހާރަކަށް އައިސް ފާސްކުރައްވަމުން ގެންދަވާ ބައެއް ބިލްތަކާއި އިސްލާހުތަކަކީ ރާއްޖޭގެ ގާނޫނުއަސާސީ އާއި ޕާޓީގެ މައިގަނޑު މަގްސަދުތަކާއި އުސޫލުތަކާ ޚިލާފު ބިލްތަކަކާއި އިސްލާހުތަކެއް ކަމަށްވާތީ އެކަންކަމަށް ތާއީދު ނުކުރެއްވުމަށް ޕީޕީއެމްގެ މެންބަރުންނަށް ތަކުރާރުކޮށް ދަންނަވަމުން ގެންދަވާ ކަމަށެވެ. "މި އިސްލާހުތަކަށް ވޯޓު ނުދެއްވި މެންބަރުން އެ ކުރައްވާ ގައުމީ މަސައްކަތަށް މި ފުރުސަތުގައި އަޅުގަނޑު ޝުކުރު ދަންނަވަން،" ވޯޓު ނުދެއްވި މެންބަރުން މަސައްކަތް ކުރައްވަމުން ގެންދަވަނީ ޕީޕީއެމްގެ މަގުސަދުތަކާއި ގައުމާއި ރައްޔިތުންގެ ހައްގުގައިކަން ފާހަގަކުރައްވަމުން ރައީސް މައުމޫނު ވިދާޅުވިއެވެ. ރައީސް މައުމޫން ވިދާޅުވީ، އެމަނިކުފާނު އެންގެވި ގޮތަށް މަސައްކަތްކުރެއްވި މެންބަރުންނަކީ ނަމޫނާއެއް ކަމަށް ބައްލަވައިގެން ޕީޕީއެމްގެ އެހެން މަޖިލީސް މެންބަރުން ވެސް ކުރިއަށް އޮތްތާނގައި ގައުމާއި ރައްޔިތުންގެ ހައްގުގައި އިޚްލާސްތެރިކަމާއެކު މަސައްކަތްކޮށްދެއްވުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ