ލަންކާގެ ކާފިއު ގަޑިތަކުގައި ބޭރަށް ނުދިޔުމަށް ދިވެހި ހައިކޮމިޝަނުން އިލްތިމާސްކުރައްވައިފި

ސްރީލަންކާގައި ކާފިއު ޢިއުލާންކޮށްފައިވާ ގަޑިތަކުގައި ބޭރަށް ނިކުމެ ނޫޅުމަށް އެޤައުމުގައި ދިރިއުޅޭ ދިވެހީންނަށް ސްރީލަންކާގައި ހުންނަ ދިވެހި ހައި ކޮމިޝަނުން އިލްތިމާސްކުރައްވައިފިއެވެ.
ސްރީލަންކާގައި ކާފިއު ޢިއުލާންކޮށްފައިވަނީ މިރޭ 10 އަކުން ފެށިގެން ހެނދުނު 6 ޖެހުމާ ހަމައަށެވެ. ހައި ކޮމިޝަނުންވަނީ ކާފިއު ގަޑިތަކުގައި އެޤައުމުގައި ދިރިއުޅޭ ދިވެހީން ބޭރަށް ނިކުމެ ނޫޅުމަށް އިލްތިމާސްކުރައްވާފައެވެ. އަދި އެގަޑިތަކުގައި ކުއްލި ޙާލަތުގައި ހައިކޮމިޝަންގެ އެހީތެރިކަމަށް ބޭނުންވާކަމުގައިވާނަމަ ލަންކާ މިޝަންގެ ހޮޓްލައިނަށް ގުޅުމަށްވަނީ އެދިފައެވެ.
ހައި ކޮމިޝަނުން ވިދާޅުވީ، ސްރީލަންކާގައި ބާއްވާ ރިޔާސީ އިންތިޚާބާއި ގުޅިގެން މިމަހުގެ 23 ވާ ހޯމަދުވަހަކީ އެޤައުމުގެ ބަންދުދުވަހެއްގެ ގޮތުގައި ހަމަޖައްސާފައިވާކަމަށެވެ. އެހެންކަމުން އެދުވަހަކީ ދިވެހި ހައި ކޮމިޝަންވެސް ބަންދު ދުވަހެއްކަމަށް އެކޮމިޝަނުން ވިދާޅުވެއެވެ.
ސްރީލަންކާގައި ރިޔާސީ އިންތިޚާބެއް މި ބާއްވަނީ 2022 ވަނަ އަހަރުގެ ޖުލައި މަހުގެ ތެރޭގައި އޭރު އެ ޤައުމުގެ ރައީސްގެ މަޤާމުގައި ހުންނެވި ގޮތަބަޔަ ރާޖަޕަކްސަ އިސްތިޢުފާ ދެއްވުމުންނެވެ. އޭނާ އިސްތިއުފާ ދެއްވުމުން އެ ޤައުމުގެ ޤާނޫނު ހަދާ މަޖިލީހުން ވަނީ ރައީސް ކަމުގެ މަޤާމަށް ވިކްރަމަސިންހަ އައްޔަންކޮށްފައެވެ.
ލަންކާގައި ބާއްވާ ރިޔާސީ އިންތިޚާބުގައި 38 ކެންޑިޑޭޓުންވަނީ ވާދަކޮށްފައެވެ. ސްރީ ލަންކާގެ 10 ވަނަ ރައީސް އިންތިޚާބުކުރުމަށް ކުރިއަށްގެންދިޔަ އިންތިޚާބުގެ މިހާރު ވޯޓު ގުނަން ފަށާފައިވާކަމަށް ޚަބަރުތައް ބުނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ