އިންޑިއާގެ އެހީގައި ހުޅުމާލޭގައި އިމާރާތް ކުރި 700 ހައުސިން ޔުނިޓް ނިންމައި ހަވާލުކޮށްފި

އިންޑިއާގެ އެގްޒިމް ބޭންކުގެ ލޯން އެހީގައި ހުޅުމާލޭގައި އިމާރާތްކޮށްފައިވާ 700 ހައުސިން ޔުނިޓްގެ މަސައްކަތް ނިންމައި ހަވާލުކޮށްފިއެވެ.
މި ހައުސިން ޔުނިޓްތައް ނިންމައި ދިވެހި ސަރުކާރާ ހަވާލުކުރެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިންޑިއާއަށް ކުރައްވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން ދެ ޤައުމުގެ ދެމެދު މުހިންމު ދާއިރާތަކުން އެއްބަސްވުން ބަދަލުކުރުމަށް ބޭއްވެވި ރަސްމިއްޔާތުގެ ތެރެއިންނެވެ.
އިންޑިއާގެ އެގްޒިމް ބޭންކުގެ 227 މިލިޔަން ޑޮލަރު ނުވަތަ 3.5 ބިލިޔަން ރުފިޔާގެ ލޯނުގެ އެހީގައި ހުޅުމާލެ ދެވަނަ ފިޔަވަހީގައި 4000 ހައުސިން ޔުނިޓް ތަރައްޤީ ކުރުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ. އެގޮތުން ކޭޕީއައިއެލް ހަދާ 16 ޓަވަރު އަދި އެންބީސީސީން ހަދާ 16 ޓަވަރު މީގެ ތެރޭގައި ހިމެނެއެވެ.
މި ހައުސިން ޔުނިޓްތަކުގެ ތެރެއިން 700 ހައުސިން ޔުނިޓްގެ މަސައްކަތް ނިންމާ ހަވާލުކޮށްފައިވަނީ ފިނިޝަިންގެ ހުރިހާ މަސައްކަތްތަކެއް ނިންމުމަށްފަހުގައެވެ.
މި ހައުސިންގ ޔުނިޓް ބެހިފައިވަނީ ޖުމްލަ 32 ޓަވަރަކަށެވެ. މި މަޝްރޫޢުގެ ދަށުން ތަރައްޤީކުރަނީ 2 ކޮޓަރީގެ 1200 ހައުސިންގ ޔުނިޓާއި، 3 ކޮޓަރީގެ 2800 ހައުސިންގ ޔުނިޓެވެ. މީގެތެރެއިން 2 ކޮޓަރީގެ ޔުނިޓްތަކުގައި 650 އަކަފޫޓު ހުންނައިރު، 3 ކޮޓަރީގެ ފްލެޓްތަކުގައި 900 އަކަފޫޓު ހުންނާނެއެވެ.
މި 4000 ހައުސިންގ ޔުނިޓްގެ މަސައްކަތްތައް އެއްކޮށް ނިމޭނެ ކަމަށް އެފްޑީސީން ލަފާކުރަނީ 2025 ވަނަ އަހަރުގެ ފުރަތަމަ އަދި ދެވަނަ ކުއާޓަރގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ