ބީއެމްއެލުން އަޅާ ފްލެޓުތަކުގައި މި ދައުރުގައި އުޅެވޭވަރު ވާނެ

އަތްފޯރާ އަގުގައި ފްލެޓް އެޅުމަށް ބީއެމްއެލްއިން އުފައްދާފައިވާ ސަބްސިޑަރީ ކުންފުނިން އަޅާ 3،000 އަށް ވުރެ ގިނަ ފްލެޓްތަކުގައި މި ދައުރުގައި އުޅެވޭވަރު ވާނެ ކަމަށް ހައުސިން މިނިސްޓަރު ޑރ. ޢަބްދުالله މުއްޠަލިބު ވިދާޅުވެއްޖެ އެވެ.
މި މަޝްރޫއުގެ ދަށުން އިމާރާތްކުރާ 2341 ފްލެޓް އިމާރާތްކުރުމުގެ މަސައްކަތް ވަނީ ޗައިނާގެ، ބެއިޖިން އާބަން ކޮންސްޓްރަކްޝަން ގްރޫޕް (ބީޔޫސީޖީ) އަދި ޗައިނާ މެޝިނަރީ އިންޖީނިއަރިންގ ކޯޕަރޭޝަން (ސީއެމްއީސީ)އާ ހަވާލުކޮށްފަ އެވެ. އެ ފްލެޓްތަކުގެ މަސައްކަތް މި މަހުގެ ތެރޭގައި ފެށުމަށް ވަނީ ހަމަޖެހިފަ އެވެ.
ދައުލަތުގެ މީޑިއާގައި ވާހަކަދައްކަމުން މިނިސްޓަރު މުއްތަލިބް ވިދާޅުވީ ބީއެމްއެލުން ފަންޑުކޮށްގެން އަޅާ 3،000 އަށް ވުރެ ގިނަ ފުލެޓުގެ މަސައްކަތް ނިންމައި މި ދައުރުގެ ތެރޭގައި އެ ފްލެޓްތަކުގައި ރައްޔިތުންނަށް ދިރިއުޅެވޭ ވަރު ކުރެވޭނެ ކަމަށާއި އަދި އެހެން ގައުމުތަކުގެ އެހީތެރިކަމާއެކު އަޅާ ފުލެޓުތަކުގެ މަސައްކަތް ނިންމައި މި ދައުރު ނިމުމުގެ ކުރިން އެ ތަންތަނަށް ރައްޔިތުން ވަދެވޭވަރު ކުރުމަކީ ސަރުކާރުގެ އަމާޒެއް ކަމަށެވެ.
އިންޑިއާ ސަރުކާރުގެ ލައިން އޮފް ކްރެޑިޓް (އެލްއޯސީ)ގެ ދަށުން ގުޅިފަޅުގައި ގާއިމްކުރަން ހަމަޖެހިފައިވާ 4000 ހައުސިން ޔުނިޓަށް ބޭނުންވާ ފައިސާ ވެސް މިހާރު ހަމަޖެހިފައިވާ ކަމަށާއި މިއަހަރުގެ މެދުތެރޭގައި އެ ހައުސިން ޔުނިޓްތަކުގެ އަމަލީ މަސައްކަތް ފެށޭނެ ކަމަށްވެސް މުއްތަލިބް ވިދާޅުވި އެވެ. އަދި ސަޢޫދީ ޢަރަބިއްޔާގެ އެހީތެރިކަމާއެކު އިމާރާތްކުރާ 400 ފުލެޓަކާއި، އިންޓްރެސްޓް ފްރީ ލޯނެއްގެ ތެރެއިން ޗައިނާއިން އިމާރާތްކުރާ 500 ފުލެޓުގެ މަޝްރޫއެއް ވެސް އެބައޮތް ކަމަށް ވިދާޅުވި އެވެ.
"އެހެންވީމަ މި 7900 ހައުސިން ޔުނިޓަކީ މިހާރުވެސް ޔަގީންވެފައި ހުރި އަދަދަށް ވުރެ މަދު އަދަދެކޭ ހަގީގަތުގައި. އެހެންވީމަ އަޅުގަނޑުމެން އިއުލާނުކޮށްފައި ހުރި ފްލެޓްތަކަކީ ވުޖޫދުގައި ނެތް އެއްޗެކޭ ނުދެންނެވޭނެ، މިއިން ކޮންމެ އެއްޗަކީ ޕްރޮޖެކްޓައް ފޯމިއުލޭޓްކުރެވިގެން ފައިސާ ހަމަޖެހިފައި ހުރި ޕްރޮޖެކްޓްތަކެކޭ އެކި ގައުމުތަކުގެ ހިނގާ މަޝްރޫއުތަކެއްކަމުގައިވަންޏާ ޕްރޮސެސްތަކެއް ހުންނާނެ،" މިނިސްޓަރު ވިދާޅުވި އެވެ.
މުއްތަލިބް ވަނީ މި ސަރުކާރު ވެގެން ދާނީ 2008 ވަނަ އަހަރަށް ފަހު ސަރުކާރަކުން ފަށާ ހައުސިން ޕްރޮޖެކްޓެއް ނިންމައި ރައްޔިތުންނަށް އެތާ ދިރިއުޅެން ފަށަން ފުރުސަތުދޭ ފުރަތަމަ ސަރުކާރަށް ކަމަށްވެސް ވިދާޅުވެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ