ސަރުކާރުން ކަންކަން ކޮށްދެނީ ދޭ ވޯޓަކަށް ބަލައިގެން ނޫން: މުއްތަލިބް
ސަރުކާރުން ރައްޔިތުންނަށް ކޮށްދޭންޖެހޭ ކަންކަން ކޮށްދެނީ ދޭ ވޯޓަކަށް ބަލައިގެން ނޫން ކަމަށް މިނިސްޓަރ އޮފް އިންފްރާސްޓްރަކްޗަރ، ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓް ޑޮކްޓަރ ޢަބްދުﷲ މުއްތަލިބް ވިދާޅުވެއްޖެ އެވެ.މަޖިލީހުގެ ޖަލްސާގައި މެމްބަރަކު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން ވަޒީރު މުއްތަލިބް ވިދާޅުވީ މި ސަރުކާރުން މަސައްކަތް ކުރިއަށް ގެންދަނީ ވޯޓަކަށް މަސައްކަތް ފަށާފައި، ވޯޓް ނިމުނީމަ މަސައްކަތް ހުއްޓާލާ ގޮތަކަށް ނޫން ކަމަށެވެ.މުއްތަލިބް ވިދާޅުވީ ކައުންސިލް އިންތިޚާބުގައި ގާދިއްފުށި ކައުންސިލްގެ މެޖޯރިޓީ އިދިކޮޅަށް ލިބުމާ ގުޅިގެން އެ ރަށުގެ ބިން ހިއްކުމުގެ މަސައްކަތް ހުއްޓާލާފައިވާ ކަމަށް އަޑު ފެތުރިނަމަވެސް އެއީ ހަގީގަތާ ޚިލާފު ވާހަކަތަކެއް ކަމަށެވެ. އެގޮތުން، މިހާރުވެސް އެ ރަށުގައި މަސައްކަތް ކުރިއަށްދާ ކަމަށް ވިދާޅުވި އެވެ."ސަރުކާރުގެ ވިސްނުމަކީ ސަރުކާރުން ރައްޔިތުންނަށް ކޮށްދޭންޖެހޭ ކަންކަން ކޮށްދޭނީ ރައްޔިތުންދޭ ވޯޓަކަށް ނޫނޭ ކޮންމެހެނެއް. ސަރުކާރުން ކޮމިޓްމަންޓް ވެއްޖެއްޔާ އިރާދަކުރެއްވިއްޔާ އެ މަސައްކަތް ކުރިއަށްގެންގޮސްދޭނަން،" މުއްތަލިބް ވިދާޅުވި އެވެ.މުއްތަލިބް ވިދާޅުވީ ހިލަ ނުލިބުމުގެ ސަބަބުން ބައެއް ރަށްރަށުގައި ކުރިއަށްގެންދާ މަޝްރޫތައް މަޑުޖެހިފައިވާ ކަމަށެވެ. ރާއްޖެއަށް އާންމުކޮށް ހިލަ ގެންނަނީ މެދުއިރުމަތިން ކަމަށާއި ނަމަވެސް ހަނގުރާމައާ ގުޅިގެން ހިލަ ލިބުމުގައި ދަތިތަކެއް ދިމާވެފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ.އެ މައްސަލަ ހައްލުކުރުމަށް އިންޑިއާއިއެކު މަޝްވަރާތަކެއް ކުރަމުންދާކަމަށް މުއްތަލިބް ވިދާޅުވި އެވެ. އެެހެންކަމުން ހިލަ ލިބުމުގެ ދަތިތަކަމަށް އަވަސް ހައްލެއް ލިބިގެންދާނެ ކަމުގެ ޔަގީންކަން ވަޒީރު މުއްތަލިބް ދެއްވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ