ގައުފު ބަލިކޮށް ސަބަލެންކާ ޗެމްޕިއަންކަން ހޯދައިފި

އެމެރިކާގެ ފްލޮރިޑާގައި މިހާރު ކުރިއަށްދާ މަޔާމީ އޯޕަން ޓެނިސް މުބާރާތުގެ ޗެމްޕިއަންކަން އެރީނާ ސަބަލެންކާ ހޯދައިފި އެވެ.
މަޔާމީގެ ހާޑްރޮކް ސްޓޭޑިއަމްގައި ކުޅުނު މަޔާމީ އޯޕަންގެ ފައިނަލް މެޗުން ދުނިޔޭގެ އެއްވަނަ އަންހެން ޓެނިސް ކުޅުންތެރިޔާ, ސަބަލެންކާ މޮޅުވެފައިވަނީ އެމެރިކާގެ ކޮކޯ ގައުފު ބަލިކުރުމަށްފަހުގަ އެވެ.
ފައިނަލް މެޗުން ސަބަލެންކާ މޮޅުވެފައިވަނީ ދެ ސެޓް އެއް ސެޓުންނެވެ. މި މެޗުގެ ފުރަތަމަ ސެޓު ހައެއް ދޭއްގެ ނަތީޖާއަކުން ސަބަލެންކާ މޮޅުވި ނަމަވެސް ދެވަނަ ސެޓުން ހަތަރެއް ހައެއްގެ ނަތީޖާއަކުން ގައުފް ވަނީ ކާމިޔާބުކޮށްފަ އެވެ. އަދި ތިންވަނަ ސެޓުން ހައެއް ތިނެއްގެ ނަތީޖާއަކުން ސަބަލެންކާ ވަނީ ކާމިޔާބުކޮށް މުބާރާތުގެ ޗެމްޕިއަންކަން ހޯދާފަ އެވެ.
މި މުބާރާތް ކާމިޔާބު ކުރުމާއިއެކު ސަބަލެންކާ ވެފައިވަނީ 2022 ވަނަ އަހަރު އިގާ ސްވިއަޓެކަށްފަހު 'ސަންޝައިން ޑަބަލް" ކާމިޔާބުކުރި ފުރަތަމަ ކުޅުންތެރިޔާއަށް ވެފައެވެ. ސަބަލެންކާ ވަނީ ނިމިގެންދިޔަ އިންޑިއަން ވެލްސްގެ ޗެމްޕިއަންކަންވެސް ހޯދާފަ އެވެ.
އުމުރުން 27 އަހަރުގެ ސަބަލެންކާ ހޯދި މި ކާމިޔާބީއާއިއެކު އޭނާ ވެފައިވަނީ އިންޑިއަން ވެލްސްގެ އިތުރުން މަޔާމީ އޯޕަން އެއް ސީޒަނެއްގައި ކާމިޔާބުކުރި ފަސް ވަނަ ކުޅުންތެރިޔާއަށް ވެފައެވެ.
ސަބަލެންކާ ވަނީ މި ސީޒަނުގައި ޑަބްލިއު ޓީ އޭ ތިން މުބާރާތް ކާމިޔާބުކޮށްފަ އެވެ. އަދި މި ސީޒަނުގައި އޭނާ ކުޅުނު 24 މެޗުގެ ތެރެއިން 23 މެޗުން އޭނާ ވަނީ މޮޅުވެފަ އެވެ.
މި ސީޒަނުގައި ސަބަލެންކާ ބަލިވެފައިވަނީ މިދިޔަ ޖެނުއަރީ މަހު ނިމިގެންދިޔަ އޮސްޓްރޭލިއަން އޯޕަން ޓެނިން މުބާރާތުގެ ފައިނަލުގައި އެލޭނާ ރައިބަކީނާ އަތުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ