ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ރޭ ބޭއްވި އަހަރީ ސްޓާފް އެވޯޑް ހަފްލާގައި އެންމެ ރަނގަޅަށް މަސައްކަތް ކުރި މުވައްޒަފުންގެ އަގުވަޒަން ކޮށްފިއެވެ.
މި ހަފްލާގެ އެންމެ ޝަރަފުވެރި އެވޯޑު ކަމަށްވާ "އެމްޕްލޯއީ އޮފް ދަ އިޔާ" އެވޯޑް މިއަހަރު ހާސިލްކުރީ ހެޑް އޮފް ބިޒްނަސް ސިސްޓަމްސް (ޓެކްނޮލޮޖީ ޑިވިޝަން) މިސްބާހް އަބްދުއް ރަޝީދެވެ. މިއީ 2025 ވަނަ އަހަރު މިސްބާހް ދެއްކެވި ފުރިހަމަ ހުނަރާއި ބޭންކަށް ކޮށްދިން އަގުހުރި ހިދުމަތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުން ދެވުނު އެވޯޑެއް ކަމަށް ބީއެމްއެލް އިން ބުނެއެވެ.
"ލީޑަޝިޕް އެކްސެލެންސް އެވޯޑް" ހާސިލް ކުރީ ހެޑް އޮފް ޕްރޮޕަޓީ (ޕްރޮޕަޓީސް އެންޑް އެޑްމިނިސްޓްރޭޝަން ޑިވިޝަން) ޔުޒްނާ ނަސީމްއެވެ. މީގެ އިތުރުން އައުޓްސްޓޭންޑިން ޓީމް އެޗީވްމަންޓް، ޕްރޮޖެކްޓް އެކްސެލެންސް އަދި އިނޮވޭޝަން ކެޓަގަރީތަކުން ވަކިވަކި މުވައްޒަފުންނަށާއި ޓީމުތަކަށް އެވޯޑް ދީފައި ވެއެވެ.
ބޭންކުގެ ކުރިއެރުމަށާއި ދިގު މުއްދަތުގެ އިސްތިރާޖީ ކާމިޔާބީތަކަށް މުހިންމު ހިއްސާއެއް ވެދީފައިވާ ފަސް މުވައްޒަފަކަށް "ސީއީއޯ އެވޯޑް ފޯ އައުޓްސްޓޭންޑިން އެޗީވްމަންޓް" ވަނީ ދީފައެވެ. މި މުވައްޒަފުންނަކީ މަސައްކަތް ކުރާ ދާއިރާތަކުގެ އިތުރުން، ބޭންކުގެ އިސްތިރާޖީ ރޭވުންތަކާއި، މަސައްކަތްތައް ތަންފީޒު ކުރުމާއި، ވިޔަފާރީގެ ނަތީޖާ ހާސިލްކުރުމުގައި ނަމޫނާ ލީޑާޝިޕެއް ދައްކަވާފައިވާ ބޭފުޅުން ކަމަށް ބީއެމްއެލް އިން ބުނެއެވެ.
މި ހަފުލާގައި ބޭންކުގެ އެކި ދާއިރާތަކުން ފާހަގަކޮށްލެވޭ ހިދުމަތްތައް ކުރި މުވައްޒަފުންނަށް ޖުމްލަ 38 އެވޯޑެއް ދީފައި ވެއެވެ. މީގެ އިތުރުން، އައުޓްސްޓޭންޑިން ޓީމް އެޗީވްމެންޓް، ޕްރޮޖެކްޓް އެކްސެލެންސް އަދި އިނޮވޭޝަން ކެޓަލިސްޓް، މި ކެޓަގަރީތަކުން ފާހަގަކޮށްލެވޭ ޓީމްތަކާއި މުވައްޒަފުންނަށް އެވޯޑު ދީފައި ވެއެވެ.
މި ހަފްލާގައި މުވައްޒަފުންނާ މުހާތަބު ކުރައްވަމުން ބޭންކުގެ ސީއީއޯ އެންޑް މެނޭޖިން ޑައިރެކްޓަރު މުހައްމަދު ޝަރީފް ވިދާޅުވީ، 2025 ވަނަ އަހަރަކީ ބޭންކުގެ 43 އަހަރުވީ ތާރީހުގައި ފާހަގަކޮށްލެވޭނެ، އަދި މިހާތަނަށް އެންމެ ކާމިޔާބު އަހަރު ކަމަށެވެ. މިއީ ހަމައެކަނި މާލީ ގޮތުން ލިބުނު ކުރިއެރުމެއް ނޫން ކަމަށާއި މިއީ ރާއްޖޭގެ އިގްތިސާދީ ކުރިއެރުމުގައި ބޭންކުން އަދާކުރާ ދައުރު ފުޅާވަމުންދާކަމުގެ ހެއްކެއްކަމަުގައި ޝަރީފް ވިދާޅުވިއެވެ.
"މި ކާމިޔާބީގެ އަސްލަކީ އަޅުގަނޑުމެންގެމުވައްޒަފުންގެ ހީވާގިކަމާއި، ފަންނީ ގާބިލްކަމާއި، އަދި ކުރިއަށް ދިއުމަށް ކުރާ އުންމީދު. މިރޭ އަޅުގަނޑުމެންއަގުވަޒަންކުރަނީ އެންމެ ފުރިހަމަ މަސައްކަތްތަކެއް ކޮށްފައިވާ މުވައްޒަފުންނާއި ޓީމުތަކުގެ މަސައްކަތް."ޝަރީފް ވިދާޅުވިއެވެ.
މުޅި ރާއްޖެ ހިމެނޭ ބޭންކިން ވިއުގައަކާއެކު ބީއެމްއެލްއަކީ ރާއްޖޭގެ އެންމެ އިސް މާލީ އިދާރާގެ އިތުރުން ރާއްޖޭގައި އެންމެ ގިނަ ބަޔަކަށް ވަޒީފާ ފޯރުކޮށްދޭ އެއް ތަނެވެ. ބޭންކުގެ 99 ޕަސެންޓް މުވައްޒަފުންނަކީ ދިވެހިންނެވެ.
ބީއެމްއެލް ސްޓާފް އެވޯޑްގައި އެންމެ ރަނގަޅަށް މަސައްކަތްކުރި މުވައްޒަފުންގެ އަގުވަޒަންކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ