ޑްރަގު މައްސަލައެއްގައި 12 އަހަރަށް ޖަލަށްލުމާ އެކު ލައްކަ އަކުން ޖޫރިމަނާކުރަން ހުކުމްކޮށްފި

ޑްރަގު މައްސަލައެއްގައި މީގެ ދެ އަހަރު ކުރިން ހައްޔަރު ކުރި މީހަކު އަމިއްލައަށް އިއުތިރާފުވުމުން، 12 އަހަރަށް ޖަލަށްލުމާ އެކު 100،000ރ.އިން ޖޫރިމަނާ ކުރުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.
ވީ ކިހިނެއް؟ - މެއި 2024ގައި ދައުވާ ކުރި މި މައްސަލާގައި މިދިޔަ ހަފްތާ ހޯމަ ދުވަހު ކްރިމިނަލް ކޯޓުން ހުކުމްކޮށްފައި ވަނީ، ހަމްދޫން އަހްމަދު،31، ދަފްތަރު ނަންބަރު 2069 އެވެ. އެ ހުކުމް މިހާރު ކޯޓުގެ ވެބްސައިޓުގައި ވަނީ ޝާއިއުކޮށްފަ އެވެ.
މަސްތުވާތަކެތި ބޭނުންކުރުމާއި އޭގެ ވިޔަފާރި ކުރި ކަމުގެ ތުހުމަތުގައި ހަމްދޫން ހައްޔަރުކޮށްފައި ވަނީ، ފެބްރުއަރީ 2024ގަ އެވެ. 
ތަފްސީލު  -  ހުކުމުން އެނގޭ ގޮތުގައި ދައުލަތުން އޭނާގެ މައްޗަށް ކުރި ޑްެރަގު ޓްރްފިކިން ދައުވާއަށް ހަމްދޫން ފުރަތަމަ އިންކާރު ކުރި އެވެ.  އެގޮތުން:
ނަމަވެސް ފަހުން މައްސަލައިގެ ޝަރީއަތް ފަށައި، ހެކިބަސް ނެގުމުގެ މަރުހަލާ ކުރިއަށް ދަނިކޮށް އޭނާ ވަނީ މައްސަލައަށް އިއުތިރާފުވެ، ދައުލަތާ އެކު އިއުތިރާފްގެ އެއްބަސްވުމެއް ހަދާފައި
އެއާ އެކު ޝަރީއަތުން އެ އެއްބަސްވުން ބަލައިގަނެ، މި މައްސަލަ އެކަށީގެންވާ ޝައްކެއް ނެތް މިންވަރަށް ސާބިތުވާ ކަމަށް ކަނޑައެޅި
އަދި އިއުތިރާފު އެއްބަސްވުމާ އެގޮތަށް އޭނާއަށް ކަނޑައަޅާފައި ވަނީ 12 އަހަރާއި ހަ މަހަށް ޖަލަށްލުމާ އެކު 100،000ރ.އިން ޖޫރިމަނާ ކުރުން
ތަހުގީގަށް އަދި ޝަރީއަތުގެ މަރުހަލާއަށް އޭނާ ޖަލުގައި ދެ އަހަރާއި އެއް މަސް ހޭދަކޮށްފައި؛ އެ މުއްދަތު ކެނޑުމުން ދެން އޭނާ ތަންފީޒު ކުރަން ޖެހޭނީ ނުވަ އަހަރާއި 10 މަހުގެ ޖަލު ހުކުމެއް
ގާނޫނުގައި މި ކުށަށް ކަނޑައަޅާފައިވާ އަސްލު އަދަބަކީ 25 އަހަރަށް ޖަލަށްލުމާ އެކު 10 މިލިއަން ރުފިޔާއާ ހަމަށް ޖޫރިމަނާ ކުރުމެވެ.
ފުލުހުން ހިނގި އޮޕަރޭޝަންގައި:
އޭނާ ދިރިއުޅެމުންދިޔަ މ. ޝަމީނާ ގޭގެ އެޕާޓްމަންޓް ބަލައި ފާސްކުރިއިރު، ފިލްމު ހުސްކުރި ނުވަ ދަޅުގައި 1206.6 ގްރާމް ކެނަބިސް ހޯދި
އޭގެ އިތުރުން ކެނަބިސް ހުރި ބައެއް ސެލޯފިންކޮޅު ފެނިފައިވޭ
އަދި މަސްތުވާކެތީގެ ވިޔަފާރިއަށް ބޭނުން ކުރާ ބައެއް އާލަތްތައް ފެނިފައިވޭ (އޭގެ ތެރޭގައި ޑިޖިޓަލް ދެ ކައްޓާއަކާއި ސެލޯފިން ރޯލު އަދި ފިލްމު ހުސްކުރި ހުސް ތިން ތަޅު ހިމެނޭ)
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ