އެމްޑީޕީގެ އިންތިހާބުތަކާއި ބެހޭ ގަވާއިދާ ހިލާފަށް ލޯކަލް ކައުންސިލް އިންތިހާބުގެ ޕްރައިމަރީ ކަންކަން އިންތިޒާމު ކުރުމާއި ޕާޓީގެ އަސާސީ ގަވާއިދާ ހިލާފަށް އިންތިހާބާ ބެހޭ ގަވާއިދަށް ބަދަލު ގެނެސްފައިވާކަން ފާހަގަކޮށް މާލެ ސިޓީގެ މޭޔަރު ކަމަށް އެމްޑީޕީގެ ޓިކެޓަށް ވާދަކުރައްވާ އަލީ އާޒިމް, އެ ޕާޓީގެ އިސްތިއުނާފް ފަނޑިޔާރުންގެ މަޖިލީހަށް ޝަކުވާގެ ދިގު ސިޓީއެއް ފޮނުވައިފި އެވެ.
އެ ސިޓީގައި ބުނެފައިވަނީ އަންނަ މަހުގެ 16 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ޕްރައިމަރީގައި ވޯޓްލެވޭ ރަށްތަކާއި ސިޓީތަކުގެ މެންބަރުންގެ ދަފްތަރު އާންމުކުރުމުގައި ކަންހިނގާފައިވާ ގޮތާއި އަދި އިދާރީ ގޮތުން ޕާޓީގެ އިންތިހާބައި ބެހޭ ގުނަވަންތައް ހަރަކާތްތެރިވަމުން އަންނަ ގޮތުން މިކަމަކީ އޭނާގެ އިންތިހާބީ ހައްގަށް އުނިކަން އަންނާނެ ކަންކަން ކަމަށް ދެކޭތީ އެކަންކަން ސަމާލު ކަމަށް ގެންނަ ކަމަށެވެ.
އެއް ކަމަކަށް ފާހަގަކޮށްފައި ވަނީ ޕްރައިމަރީގައި ވޯޓްލެވޭ މެންބަރުންގެ ދަފްތަރު އޭގެ ކުރީ ތާރީހަކަށް ބަންދުކުރެވޭ ގޮތަށް ކަނޑައަޅާ އާންމުކޮށްފައިވުމެވެ. އެހެން އަމަލު ކުރުމަކީ އެމްޑީޕީގެ އިންތިހާބުތަކާ ބެހޭ ގަވާއިދު ތަންދޭ ކަމެއް ނޫން ކަމަށް ވަނީ ބުނެފަ އެވެ. އަލީ އާޒިމްގެ ސިޓީގައި ބުނެފައިވަނީ ޕްރައިމަރީގައި ވޯޓްލެވޭނީ ޑިސެންބަރު 11 އާ ހަމައަށް ޕާޓީގެ މެންބަރުންގެ ގޮތުގައި އީސީގައި ދަފްތަރުވެފައިވާ މެންބަރުންނަށް ކަމަށް ދެކޭ ކަމަށެވެ.
މީގެ އިތުރުން އެމްޑީޕީގެ އިންތިހާބާ ބެހޭ ގަވާއިދަށް ބަދަލު ގެނެސްފައިވާކަން ވެސް ވަނީ ފާހަގަކޮށްފަ އެވެ. އެއީ ވަރަށް ކަންބޮޑުވާ ކަމެއް ކަަމަށް ވަނީ ބުނެފަ އެވެ. އަދި މިހާތަނަށް އަމަލު ކުރަމުން އައި ގަވާއިދު ގައުމީ މަޖިލީހަށް ނުގެންގޮސް ކުއްލިއަކަށް ބަދަލުކޮށްފައި ވަނީ އަސާސީ ގަވާއިދާ ހިލާފަށް ކަން ފާހަގަކޮށްފައިވެ އެވެ.
ދެވަނަ ކަމަކަށް ފާހަގަކޮށްފައި ވަނީ އެމްޑީޕީގެ ސެކްރެޓޭރިއެޓަށް ޒިންމާކުރެވިފައިވާ ކަންކަން އިންތިހާބުތަކާ ބެހޭ ގަވާއިދާ ހިލާފަށް ކޮމެޓީން ކުރަމުން ގެންދިއުމެވެ. އެގޮތުން އިންތިހާބަށް ކުރިމަތިލުމަށް ހުށައަޅާ ލިޔެކިޔުން ސެކްރެޓޭރިޓުން ބަލައިގަތުމަށް އޮތް ނަމަވެސް އިންތިހާބާބެހޭ ކޮމެޓީން އެތަކެއްޗާއި ހަވާލުވެ ބަލައިގަންނަމުން ގޮސްފައިވާތީ އެއީ ގަވާއިދާ ޚިލާފު ކަމެއް ކަން ވަނީ ފާހަގަކޮށްފަ އެވެ.
އާޒިމްގެ ސިޓީގައި ތިންވަނަ ކަމަކަށް ފާހަގަ ކުރައްވާފައި ވަނީ މި އިންތިހާބުގެ ކަންކަން ބަލައި ވިލަރެސް ކުރުމަށް އެކުލަވާލާފައިވާ އިންތިހާބާ ބެހޭ ކޮމެޓީގައި މަސްލަހަތު ފުށުއަރާ މެންބަރުން ހިމެނުމެވެ. އެގޮތުން ކޮމެޓީގެ މުގައްރިރު މުހައްމަދު ފަލާހް, އާދަމް އާޒިމްގެ ކެމްޕެއިންގައި ޕާޓީގެ މެންބަރުންނަށް ފޯނުން ވާހަކަ ދައްކާ އާޒިމަށް ވޯޓް ދިނުމަށް އެދުން ހިމެނެ އެވެ. މީގެ އިތުރުން ކޮމެޓީގެ ހުރިހާ އިދާރީ މަސައްކަތް ކުރަމުން ގެންދާ ކޮމެޓީގެ ނާއިބު މުގައްރިރު އިބްރާހިމް މުޢިއްޒު ޕްރައިމަރީގެ ކަންކަން ހިންގުމަށް އިނުމަކީ ވަރަށް ބޮޑަށް މަސްލަހަތު ފުށުއަރާ ކަމެއް ކަމުގައި ވަނީ ފާހަގަކޮށްފަ އެވެ. މުއިއްޒު ވަނީ އާދަމް އާޒިމަށް ކެމްޕެއިން ކޮށްދިނުމަށް ސޯޝަލް މީޑިއާގައި މަސައްކަތް ކޮށްފައިކަން ވެސް ފާހަގަކޮށްފައިވެ އެވެ. އަދި މުއިއްޒަކީ އާޒިމްގެ މޭޔަރު ކަމުގައި މާލެ ސިޓީ ކައުންސިލްގެ ސުޕަވައިޒަރެއްގެ މަގާމަށް އައްޔަނުކޮށްފައިވާ މީހެއް ކަމަށްވެސް ބުނެފައިވެ އެވެ.
އެހެން ކަމުން އާދަމް އާޒިމަށް ރިޕޯޓް ކުރަން ޖެހޭ ވަޒީފާއެއްގައި ހުރި މީހަކަށް "ވަކި ފަރާތަކަށް ބުރަނުވެ" މަސައްކަތް ކުރުމަކީ ހަމަ ބުއްދިން ބަލާއިރުވެސް ކުރެވޭނެ ކަމެއް ކަމަށް ގަބޫލުނުކުރެވޭތީ ކޮމެޓީން ތަނާޒުލްވާން ޖެހޭ ކަަމަށް ދެކޭ ކަމަށް އާޒިމްގެ ސިޓީގައިވެ އެވެ. އަދި އިންތިހާބާ ބެހޭ ކޮމެޓީގެ މެންބަރު ޝާތިރު އަބްދުއްރަހްމާން އަކީ ވެސް އާދަމް އާޒިމަށް ތާއީދުކޮށް ވާހަކަ ދައްކަމުން އަންނަ މީހެއް ކަމުން އޭނާ އަކީވެސް ވަކި ފަރާތަކަށް ބުރަނުވެ އިންސާފުވެރިކަމާއެކު މަސައްކަތް ކުރެވިދާނެ މީހެއް ކަމުގައި ގަބޫލު ނުކުރެވޭ ކަމަށް ބަޔާން ކޮށްފައިވެ އެވެ.
އެހެން ކަމުން މިކަންކަމަކީ ވަރަށް ސީރިއަސް ކަމާއެކު ބަލާ ރަނގަޅުކޮށް އަވަސް ފަރުވާ ބޭނުންވާ ކަންކަން ކަމަށާ މިއީ އިންތިހާބުގައި ބައިވެރިވާ ކެންޑިޑޭޓުންނާއި އެތައް ހާސް މެންބަރުންގެ މަސްލަހަތާއި ގުޅިފައިވާ ކަންކަން ކަމުގައި ބުނެފައިވެ އެވެ.
އަލީ އާޒިމް ވަނީ ޕްރައިމަރީގައި ވޯޓްލެވޭނީ ޑިސެންބަރު 11 އާ ހަމައަށް ޕާޓީގެ މެންބަރުންގެ ގޮތުގައި އީސީގައި ދަފްތަރުވެފައިވާ މެންބަރުންނަށް ކަމުގައި ކަނޑައެޅުމަށް ވަނީ އެދިފަ އެވެ. އަދި ޕާޓީގެ އަސާސީ ގަވާއިދުގައާއި ޕާޓީގެ އިންތިހާބުތަކާ ބެހޭ ގަވާއިދުގައި ޕާޓީގެ ސެކްރެޓޭރިއެޓުން ކުރަން ޖެހޭ މަސައްކަތް ކުރަން ޖެހޭނީ ޕާޓީގެ ސެކްރެޓޭރިއެޓުން ކަމާއި އެ މަސައްކަތް އެއްވެސް ހާލަތެއްގައި ޕާޓީގެ އެހެން ގުނަވަނަކާ ހަވާލު ނުކުރެވޭނެ ކަމަށާ ލޯކަލް ކައުންސިލް އިންތިހާބުގެ ޕްރައިމަރީ އަކީ އިންސާފުވެރި ޕްރައިމަރީއަކަށް ހެދުމަށްޓަކައި އިންތިހާބުތަކާބެހޭ ކޮމެޓީއާ އެ ކޮމެޓީގެ މެންބަރުން އަމަލުކުރުމަށް އަންގައި ދިނުމަށް އެދިފަ އެވެ.
އެމްޑީޕީ ކައުންސިލް ޕްރައިމަރީ: އަލީ އާޒިމްގެ ފަރާތުން ޝަކުވާގެ ދިގު ސިޓީއެއް، އިތުބާރު ގެއްލޭ އެތައް ކަމެއް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ