އެޗްއާރްސީއެމްގެ ފުރަތަމަ ރައީސް ލިޔުއްވި ފޮތް ރައީސްއަށް ހަދިޔާ ކުރައްވައިފި

ފޮރިން މިނިސްޓްރީގެ އެންމެ މަތިވެރި ޝަރަފް ލިބިވަޑައިގެންފައިވާ، ހިއުމަން ރައިޓްސް ކޮމިޝަންގެ ފުރަތަމަ ރައީސް، އަހުމަދު ސަލީމް، ލިޔުއްވި ފޮތް، “އެޗްއާރުސީއެމްގެ ހަނދާންތައް“ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒަށް ހަދިޔާ ކުރައްވައިފިއެވެ.
މި ފޮތް ރައީސްއަށް ހަދިޔާ ކުރެއްވުމަށް މިއަދު ހެނދުނު ރައީސް އޮފީހުގައި ބޭއްވެވި ބައްދަލުކުރެއްވުމުގައި، ރައީސް ވަނީ މި ފޮތް އިފުތިތާހުކޮށްދެއްވާފައެވެ.
މި ފޮތުގައި، ހިއުމަން ރައިޓްސް ކޮމިޝަން އުފެދިގެންއައި ގޮތާއި، ދިވެހިރާއްޖޭގެ ފުރަތަމަ ހިއުމަން ރައިޓްސް ކޮމިޝަންގެ ރައީސްކަމުގައި ހޭދަކުރެއްވި 5 އަހަރުގެ ތަޖުރިބާތަކާއި، ދިވެހިރާއްޖެ ޑިމޮކްރަސީ ނިޒާމަށް ބަދަލުވެގެންދިޔަ ތާރީހީ މުހިންމު ދަނޑިވަޅުގައި ހިނގާފައިވާ ކަންތައްތަކުގެ މައްޗަށް މިފޮތުގައި ވަނީ އަލިއަޅުއްވާލައްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާގެ ގަރާރަކުން 2003ވަނަ އަހަރު ފުރަތަމަ ފަހަރަށް ރާއްޖޭގައި ހިއުމަން ރައިޓްސް ކޮމިޝަނެއް އުފެއްދެވިއިރު، އެ ކޮމިޝަނަށް އައްޔަނު ކުރެއްވި މެންބަރުންގެ ތެރޭގައި އަހުމަދު ސަލީމް ހިމެނިވަޑައިގެންނެވިއެވެ.
އަދި މިހާރު އަމަލުކުރަމުންގެންދާ 2008 ވަނަ އަހަރު ތަސްދީގު ކުރެވުނު ގާނޫނު އަސާސީގެ ދަށުން އެކުލަވައިލެވުނު ހިއުމަން ރައިޓްސް ކޮމިޝަންގެ ފުރަތަމަ ރައީސަކީވެސް އަހުމަދު ސަލީމެވެ.
 
 
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ