ގަނާކުރުމުގެ ވަބާގެ ސަބަބުން މަރުވާ މީހުންނާއި ކުޑަކުދީންގެ އަދަދު އިތުރުވަމުން އަންނައިރު, މީހަކަށް ޖިސްމާނީ ނުވަތަ ނަފުސާނީ އަނިޔާއެއް ދިނުމަކީ ބޮޑުވެގެންވާ ފާފައެއް ކަމަށާއި އެއީ އޭގެ ސަބަބުން ނަރަކަވަންތަވެރިއަކަށް ވެދާނޭ ކަމެއް ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުނެފި އެވެ.
”ނަފުސާއި އަބުރަށް ރައްކާތެރިވާށެވެ!“ މި މައުޞޫއުއަށް މިއަދު ދިން ހުކުރު ހުތުބާގައި ބުނީ, މާތް الله, އެކަލާނގެ އުފެއްދެވި ގިނަ ތަކެތީގެ މައްޗަށް އިންސާނާ މާތްކުރައްވާފައިވާ ކަމަށާއި އެހެންކަމުން މާތް ﷲ ހުރުމަތްތެރިކުރައްވައިފައިވާ ނަފުސެއް ހައްގަކާނުލައި މެރުމަކީ ހަރާމްކަމެއް ކަމަށެވެ.
ހުތުބާގައި ބުނީ, މާތް ﷲ މުސީބާތްތައް ޖައްސަވަނީ އިންސާނާ އިމްތިހާނުކުރެއްވުމަށް ޓަކައި ކަމަށާއި އެ އިމްތިހާނުން ފާސްވާނީ ކެތްތެރީން ކަމަށެވެ. އަދި މުސީބާތް ޖެހުމުން ކެތްތެރިނުވެ، އަމިއްލަ ނަފުސަށް ގެއްލުންދިނުން ހުއްދަވާ އެއްވެސް ސަބަބެއް ނުވާ ކަމަށް ބުންޏެވެ.
ކެތްތެރީންނަށް މާތް ﷲ ސުވަރުގެ ވައުދުވެވޮޑިގެންވާކަން ފާހަގަކޮށް ހުތުބާގައި ބުނީ, އިސްލާމްދީނުގައި އެއްވެސް މީހަކަށް، އޭނާގެ އަމިއްލަ ނަފުސުގެ މައްޗަށް ވެސް އަނިޔާވެރިވުމެއް ނުވާ ކަމަށާއި އަހަރެމެންގެ ނަފުސަކީ އަހަރެމެން ބޭނުން ގޮތަކަށް އެއާމެދު އަމަލުކުރެވޭނޭ އެއްޗެއް ނޫން ކަމަށެވެ. އަދި އޭގެ ވެރިފަރާތަކީ މާތް ﷲކަމަށާއި ނަފުސަކީ އަމާނާތަކަށްވާއިރު އަމާނާތަށް ގެއްލުންދިނުން ހަރާމްވެގެންވާ ކަމަށްވެސް ބުންޏެވެ.
އަމިއްލަ ނަފުސު ގަތުލުކުރާ މީހުންނާ މެދު މާތް ނަބިއްޔާ ހަދީޡްކުރައްވައިފައިވާ ބަސްފުޅެއްގެ މާނައިގައިވެ އެވެ.
”އަދި އެއްޗެއް ބޭނުންކޮށްގެން އަމިއްލަ ނަފުސު ގަތުލުކުރި މީހާއަށް، ނަރަކައިގައި އެ އެއްޗަކުން އަޒާބުދެއްވޭހުއްޓެވެ.“
އަމިއްލައަށް މަރުވުމަކީ ބޮޑުފާފައެއްކަން ފާހަގަކޮށް ހުތުބާގައި ބުނީ, އިސްލާމްދީނުގައި މީސްތަކުންގެ ފުރާނައާ އެއްވަރަށް އެބައިމީހުންގެ އަބުރު ވެސް ހުރުމަތްތެރިވެގެންވާ ކަމަށާއި އެހެންވެ، ހަނގާކޮށް، ފުރައްސާރަކޮށް، ހުތުރު ނަންތަކުން ގޮވައި، މަލާމާތްކޮށް އުޅުން އިސްލާމްދީނުގައި ހަރާމްކުރައްވާފައިވާ ކަމަށެވެ.
މުސީބާތް ޖެހުމުން ކެތްތެރިނުވެ، އަމިއްލަ ނަފުސަށް ގެއްލުންދިނުން ހުއްދަވާ ސަބަބެއް ނުވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ