ބަދަލުގެ ގޮތުގައި އެއް ބިލިއަން ނަގައިދޭން ނިންމި ސެޓްލްމަންޓް ކޮމިޓީ އުވާލައިފި

ކުރީގެ ސަރުކާރުން އުފެއްދި ސެޓްލްމަންޓް ކޮމިޓީން އެކި ފަރާތްތަކަށް ބަދަލުގެ ގޮތުގައި ފައިސާ އާއި މުދާ ހިމެނޭ ގޮތުން އެއް ބިލިއަނަށް ވުރެން ގިނަ ރުފިޔާ ދައުލަތުން ނަގައިދޭން ނިންމާފައި ވަނިކޮށް ރައީސް ޑރ. މުހައްމަދު މުއިއްޒު، އެ ކޮމިޓީ މިއަދު އުވާލައްވައިފިއެވެ.
ރައީސް އޮފީހުން ނެރުނު ބަޔާނެއްގައި ބުނީ ސެޓްލްމަންޓް ކޮމެޓީ މިއަދު އުވާލި އިރު، އެ ކޮމިޓީން ވަނީ އެކި ފަރާތްތަކަށް ބަދަލުގެ ގޮތުގައި 225 މިލިއަނަށް ވުރެ ގިނަ ރުފިޔާ ދިނުމަށް ނިންމާފައި ކަމަށެވެ. ފައިސާގެ އިތުރުން ދޭން ކަނޑައެޅި ހަރުމުދަލާއި ރަށްތަކާއި ފަޅު ފަދަ ތަންތަން އަގުމަގުކުރުމުން، އެކި ފަރާތްތަކަށް ބަދަލުގެ ގޮތުގައި އެއް ބިލިއަން ރުފިޔާގެ އަގުހުރި ހަރުމުދަލާއި ފައިސާ ދައުލަތުގެ މިލްކިއްޔާތުގެ ތެރެއިން ދޭން އެ ކޮމެޓީން ނިންމާފައިވާ ކަމަށް އަންދާޒާ ކުރެވޭ ކަމަށް ބަޔާނުގައިވެއެވެ.
"ސަރުކާރާ އަމިއްލަ ފަރާތްތަކާ ދެމެދު ވެފައިވާ އެއްބަސްވުންތަކާ ގުޅިގެން އުފެދިފައިވާ މައްސަލަތައް ހައްލުކުރުމުގައި އަމަލުކުރާނެ ގޮތުގެ އުސޫލު" ގެ ނަމުގައި ގާނޫނީ އޮނިގަނޑެއް އަދި ގާނޫނީ ބާރެއް ނެތި މިދިޔަ ނޮވެމްބަރު މަހުން ފެށިގެން އެކުލަވާލާފައިވާ އުސޫލު އުވާލާފައި ވަނީ ބަންޑާރަ ނައިބު އަހުމަދު އުޝާމް ދެއްވި ލަފައަކާ ގުޅިގެންނެވެ.
މި އުސޫލުގެ ދަށުން މައްސަލަތައް ހައްލުކުރުމުގެ ނަމުގައި އެކި ފަރާތްތަކަށް މާލީ ބަދަލުތައް ދިނުން ފަދަ ކަންކަން ދައުލަތުގެ ބަންޑާރަ ނައިބުގެ އޮފީހުގެ އެއްވެސް ބައިވެރިވުމެއް ނެތި، އަދި އެއްވެސް ލަފައެއް ވެސް ނެތި ކުރިއަށް ގެންދިޔައީ، ގާނޫނުއަސާސީގެ 133 ވަނަ މާއްދާގެ (ނ)އާ ހިލާފަށް ކަމަށް ވެސް ބަންޑާރަ ނައިބުގެ ލަފާ ލިބިފައިވާ ކަމަށް ރައީސް އޮފީހުން ބުންޏެވެ.
ރައީސް އޮފީހުން ބުނި ގޮތުގައި ޝަރުއީ މަރުހަލާގައި މައްސަލަަތައް ކުރިއަށް ދަނިކޮށް، ބަންޑާރަ ނައިބު އޮފީހުގެ އެއްވެސް ލަފައެއް ހޯދުމެއް ނެތި، ކޯޓުން ބޭރުގައި ފަސް މައްސަލައެއް ކުރީގެ ސަރުކާރުން ވަނީ ނިންމައިފައެވެ. މި މައްސަލަތައް ކޯޓުން ބޭރުގައި ނިންމީ ބަންޑާރަ ނައިބުގެ ފަރާތުން ޝަރުއީ މަރުހަލާގައި ފާހަގަކުރަމުންދިޔަ ނުކުތާތަކަށް ވެސް ބެލުމެއް ނެތި އަދި އެ މައްސަލަތަކުގައި ދިނުމަށް ފެންނަ ބަދަލާ ގުޅޭ ގޮތުން އޮޑިޓާ ޖެނެރަލް ދެއްވާފައިވާ ރައުޔާ ވެސް ހިލާފަށް ކަމަށް ބަންޑާރަ ނައިބުގެ ލަފަޔާ ހަވާލާ ދީ ރައީސް އޮފީހުން ބުންޏެވެ.
"މި އުސޫލަކީ އެއްވެސް އިންސާފެއް ހަމަހަމަކަމެއް ނެތި، ތައައްސުފީކޮށް އަމަލުކުރުމަށް މަގުފަހިވާ އުސޫލެއް،" އެ ބަޔާނުގައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ