ޞިއްޙީ ދާއިރާގެ ޙާލަތާމެދު އިންތިޚާބީ ރައީސްގެ އޮފީހުން ބޮޑެތި ކަންބޮޑުވުންތަކެއް ފާހަގަކޮށްފި

ޞިއްޙީ ދާއިރާގެ ޙާލަތު ބެލުމަށް އިންތިޤާލީ ކޮމިޓީތަކުން ކުރި މަސައްކަތްތަކުން ފާހަގަކުރެވިފައިވާ ކަންކަމަށް ރިއާޔަތްކޮށް އިންތީޚާބީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ޞިއްޙީ ދާއިރާގެ ޙާލަތާމެދު ބޮޑެތި ކަންބޮޑުވުންތަކެއް ފާހަގަކޮށްފިއެވެ.
އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުޙައްމަދު ފިރުޒުލް މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވީ ދައުލަތުގެ އިދާރާތަކަށް އިންތިޤާލީ މަރުހަލާގައި އިންތިޚާބީ ރައީސްގެ ޓީމުތަކުން ކުރަމުން އަންނަ ޒިޔާރަތްތަކުގެ ތެރެއިން ސަރުކާރުގެ އެކި އިދާރާތަކުގެ ހާލަތު ހުރި ގޮތާމެދު ފާހަގަވާ ކަންކަން ރައްޔިތުންގެ ސަމާލުކަމަށް އެ އޮފީހުން ގެންނާނެ ކަމަށެވެ.
އެގޮތުން ހެލްތު މިނިސްޓްރީއަށް އެ އޮފީހުގެ ޓީމުތަކުން ކުރި ޒިޔާރަތުން ކަންބޮޑުވާ ކަންކަން ފާހަގަކުރެވިފައިވާކަމަށް ފިރުޒުލް ވިދާޅުވިއެވެ. އޭނާ ފާހަގަކުރެއްވި އެއް ކަންބޮޑުވުމަކީ ހޮސްޕިޓާތަކާއި ޞިއްޙީ މަރުކަޒުތަކުގެ ޚިދުމަތް ދިނުމަށް އެއްފަހަރު ބޭނުންކުރުމަށްފަހު އެއްލައިލަންޖެހޭ ކޮންޒިއުމަބަލްސްއަކީ ދެމެހެއްޓެނެވި ގޮތެއްގައި ސްޓޮކްކޮށްގެން އެތަންތަނަށް ފޯރުކޮށްދޭންޖެހޭ ތަކެތި ކަމުގައިވީ ނަމަވެސް އެކަން އެގޮތުގައި ނުކުރެވޭ ކަމެވެ.
ފިރުޒުލް ވިދާޅުވި ގޮތުގައި ހެލްތު ދާއިރާއަށް ބޭނުންވާ ކޮންޒިއުމަބަލްސް ހޯދަމުން އަންނަނީ ކޮންމެ އަހަރަކުވެސް ދެ ފަހަރެއްގެ މަތިން ޕާޗޭސިން އޯޑަރު ހަދައިގެންނެވެ. ނަމަވެސް 2023 ވަނަ އަހަރުގެ ފަހު 6 މަހަށް ބޭނުންވާ ކޮންޒިއުމަބަލްސް ހޯދުމަށް ހެލްތު މިނިސްޓްރީން މިހާތަނަށްވެސް ޕާޗޭސިން އޯޑަރު ހަދާފައިނުވާކަމަށް އޭނާ ވިދާޅުވިއެވެ.
"އަޅުގަނޑުމެންނަށް ފާހަގަކުރެވޭ މިހާރުވެސް ހެލްތު މިނިސްޓްރީގެ ދަށުން ހިންގަމުންދާ ހޮސްޕިޓާތަކާއި ޞިއްޙީ މަރުކަޒުތަކުގެ ޚިދުމަތްތައް ހުއްޓުމަކަށް އަންނަމުންދާކަން. އަދި ވަރަށް ބޮޑަށް ފާހަގަކުރެވޭ ކަމަކީ މިހާލަތު މިގޮތަށް ދެމިގެން ގޮސްފިނަމަ ނޮވެންބަރު މަހާ ހަމައަށް އަންނަންވާއިރަށް ނުވަތަ ނޮވެންބަރު މަހުގެ މެދަކާ ހަމައަށް ދާއިރަށް މި ހޮސްޕިޓާތަކާއި ހެލްތު ސެންޓަރުތަކުގެ ޚިދުމަތް އެކީ އެކައްޗަކަށް ހުއްޓުމަކީ އެކަށީގެންވާ ކަމެއް،" ފިރުޒުލް ވިދާޅުވިއެވެ.
އަދި މިހާރު މި ހޮސްޕިޓާތަކާއި ޞިއްޙީ މަރުކަޒުތަކުގައި ޚިދުމަތްތައް ދެމުންދަނީ ކޮންޒިއުމަބަލްސްގެ އެމަޖެންސީ ސްޓޮކް ބޭނުންކޮށްގެން ކަމަށްވެސް އޭނާ ވިދާޅުވިއެވެ. މިކަމުގެ ސަބަބުން ހޮސްޕިޓާތަކުން ދޭ އަސާސީ ބައެއް ޚިދުމަތްތަކާއި ލެބޯޓަރީގެ ގިނަ ޚިދުމަތްތަކެއް ހުއްޓިދާނެތީ އެކަމުގެ ކަންބޮޑުވުން ވަރަށް ބޮޑަށް އެބައޮތްކަމަށް ފިރުޒުލް ވިދާޅުވިއެވެ.
އިތުރަށް ފިރުޒުލް ފާހަގަކުރެއްވި ކަންބޮޑުވުމަކީ ރާއްޖޭގެ މައި ސަރުކާރު ހޮސްޕިޓަލުކަމަށްވާ އިންދިރާގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް)ގައި ޚާއްޞަ ބަލިތަކަށް ފަރުވާ ދިނުމަށް ޤާއިމުކޮށްފައިވާ މަރުކަޒުތަކާ ގުޅޭ ކަންބޮޑުވުމެވެ. އެއިން ބައެއް މަރުކަޒުތަކަކީ ބޭރުގެ ހޮސްޕިޓާތަކާ ގުޅިގެން ހިންގާ މަރުކަޒުތަކެވެ.
އެގޮތުން ހިތުގެ ބަލީގެ މަރުކަޒާއި ނާރުގެ ބަލީގެ މަރުކަޒު ހިންގާ ބޭރުގެ ކުންފުންޏަށް ދައްކަންޖެހިފައި ހުރި ބިލުތަކުގެ ތެރެއިން ނުދައްކައި 5.3 މިލިއަން ޑޮލަރު ނުވަތަ 81.7 މިލިއަން ރުފިޔާ ހުރިކަން ފާހަގަވެފައިވާކަމަށް ފިރުޒުލް ވިދާޅުވިއެވެ.
މި ބިލުތަކުގެ ތެރެއިންވެސް އެންމެ ގިނައީ އެ ސެންޓަރުތަކުން ފޯރުކޮށްދޭ ޚިދުމަތްތަކަށް ބޭނުންވާ ކޮންޒިއުމަބަލްސްއާ ގުޅުންހުރި ބިލުތައް ކަމަށާއި، އެ ފައިސާ ނުދައްކައި ހުރުމުގެ ސަބަބުން އެ ޚިދުމަތްތައް ހުއްޓިދާނެތީ ކަންބޮޑުވެވަޑައިގަންނަވާކަމަށް އޭނާ ވިދާޅުވިއެވެ.
އިތުރަށް އައިޖީއެމްއެޗުގެ ބަޖެޓުގެ ތެރެއިން މިއަހަރުގެ ފަހު މަސްތަކަށް އޮތީ ހަމައެކަނި މުވައްޒަފުންނަށް މުސާރަދެވޭ މިންވަރުގެ ބަޖެޓެއްކަމަށްވުމުން، އިމާރާތުގެ މަރާމާތުގެ މަސައްކަތާއި، އެ ހޮސްޕިޓަލުގައި ބޭނުންކުރާ މެޝިނަރީތަކުގެ އާބާތުރަފިލުވޭނެ ގޮތެއް ނެތްކަމަށްވެސް އެ ހޮސްޕިޓަލުން މައުލޫމާތު ލިބިފައިވާކަމަށް ފިރުޒުލް ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ