ރާއްޖޭގެ ތިން ސަރަހައްދެއްގައި އީސްޕޯޓްސް އެރީނާ ގާއިމުކޮށްދޭނަން: މުއިއްޒު

އިދިކޮޅު ޕީޕީއެމް، ޕީއެންސީގެ ވެރިކަމެއްގައި ރާއްޖޭގެ ތިން ސަރަހައްދެއްގައި އީސްޕޯޓްސް އެރީނާ އަޅައިދެއްވާނެ ކަމަށް އެ ކޯލިޝަނުގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. އޭނާގެ ރިޔާސީ ކެމްޕޭނުގެ ތެރެއިން ބޭއްވި، "މުއިއްޒު ފޯ އީސްޕޯޓްސް" ހަރަކާތުގައި ބައިވެރިވެވަޑައިގަތުމަށް ފަހު، އެ ތަނުގައި ތިބި ޒުވާނުންނާ މުޚާތަބުކުރައްވާ ވާހަކަދައްކަވަމުން މުއިއްޒު ވިދާޅުވީ، ރިޔާސީ އިންތިޚާބު ކާމިޔާބު ކުރުމަށް ޒުވާނުންގެ އިތުބާރާއި، ތާއީދު ބޭނުންވާނެ ކަމަށެވެ. އޭނާގެ މެނިފެސްޓޯގައި ޒުވާނުންނާއި، ކުޅިވަރަށް ހުރި ބައެއް ކަންކަން ކިޔައިދެއްވަމުން މުއިއްޒު ވިދާޅުވީ، އިންޓަނޭޝަނަލް އީސްޕޯޓްސް އެރީނާއެއް މާލޭގެ އިތުރުން، ރާއްޖޭގެ އުތުރާއި، ދެކުނުގެ ދެ ރަށެއްގައި ގާއިމުކޮށްދެއްވާނެ ކަމަށެވެ. "އިރާދަކުރެއްވިއްޔާ ޒުވާންކުދިން ހިތްހަމަޖެހޭ ވަރުގެ ފުރިހަމަ ތަނަކަށް އެތަން ވާނެ," އޭނާ ވިދާޅުވިއެވެ. މުއިއްޒު ވިދާޅުވީ ޒުވާނުންނަށް އަމިއްލަ ޓެލެންޓު ވިއްކައިގެން، އަމިއްލަ ފައިމައްޗަށް ތެދުވެގެން އުޅެވޭނެ ގޮތް ހޯދައިދެއްވާނެ ކަމަށެވެ. އިދިކޮޅު ޕީޕީއެމް/ ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު، "މުއިއްޒު ފޯ އީ ސްޕޯޓްްސް" އިވެންޓުގައި ބައިވެރިވެލައްވަނީ -- ފޮޓޯ/ ވަގުތު މީގެ އިތުރުން މުއިއްޒު ވިދާޅުވީ ޒުވާނުން މާލޭގައި އުޅޭ ދަތި ހާލު އެނގިވަޑައިގަންނަވާ ކަމަށެވެ. އެހެން ކަމުން، 18 އަހަރު ފުރުމާ އެކު، އަމިއްލަ ހައުސިން އެއް ލިބޭނެ ގޮތް ހައްދަވައިދެއްވާނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ. "އަޅުގަނޑު ބޭނުން އެފޯޑަބަލް ހައުސިންއެއް ޒުވާނުންނަށް ފޯރުކޮށްދީގެން ލައިފް އެއް ބިލްޑު ކުރަން ފުރުސަތު ދޭން" މުއިއްޒު ވިދާޅުވިއެވެ. ޗަންޕާ ސެންޓްރަލް ހޮޓަލުގައި މިއަދު ހަވީރުން ފެށިގެން ކުރިއަށް ދިޔަ "މުއިއްޒު ފޯ އީސްޕޯޓްސް" ހަރަކާރުގެ ތެރެއިން، ބޭއްވި ފީފާ މުބާރާތުގައި 32 ކުޅުންތެރިން ވާދަކުރެއެވެ. މި މުބާރާތުން ވަނަވަނައަށް އަންނަ މީހުންނަށް އަގުހުރި އިނާމްތަކެއް ދީފައިވެއެވެ. އެގޮތުން އެއް ވަނައަށް އައި ކުޅުންތެރިއަކަށް 15،000 ރުފިޔާގެ ފައިސާގެ އިނާމެއް ދީފައިވެއެވެ. އަދި ދެވަނައަށް ދިޔަ ކުޅުންތެރިޔާއަށް އެންމެ ފަހުގެ ފީފާ ސީޑީގެ ވައުޗާއެއް ދޭނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ