ދުންފަތުގެ ޖެނެރޭޝަން ބޭންއެއް ކަނޑައެޅުމަށް ކެބިނެޓުން ފާސްކުރި ސިޔާސަތު ތަންފީޒު ކުރުމަށް ޓަކައި ގާނޫނަށް ގެންނަން ޖެހޭ ބަދަލު ހިމަނައިގެން ދުންފަތް ކޮންޓްރޯލް ކުރުމާ ބެހޭ ގާނޫނަށް އިސްލާހު ގެންނަ ބިލެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ.
ވީ ކިހިނެއް؟ - ރައީސް މުހައްމަދު މުއިއްޒު ކަނޑައެޅުއްވި ސިޔާސަތު އެކުލަވާލަން ހެލްތު މިނިސްޓްރީން ދިރާސާކޮށް ހުށަހެޅި ކަރުދާހަށް މަޝްވަރާކުރުމަށް ފަހު ކެބިނެޓުން ނިންމީ 2007 އިން ފެށިގެން އުފަންވި އަދި އުފަންވާ ކުދިންގެ ޖީލަށް ދުންފަތް މަނާ ކުރުމަށެވެ.
ސަރުކާރުގެ ފަރާތުން ކިނބިދޫ ދާއިރާގެ މަޖިލިސް މެންބަރު އަހުމަދު އަޝްރަގު ހުށަހެޅުއްވި ބިލު މަޖިލީހުގެ ވެބްސައިޓްގައި ޝާއިއުކޮށް، މިއަދުގެ ޖަލްސާގެ އެޖެންޑާގައި ބިލުގެ ފުރަތަމަ ކިއުން އިއްވުން ހިމަނާފައިވެ އެވެ.
ތަފްސީލް - ދުންފަތް ބޭނުންކުރުން މަނާކުރަން ނިންމާފައިވާ ޖީލަށް ދުންފަތް ވިއްކުން ވެސް މަނާކޮށް، 21 އަހަރު ނުފުރޭ މީހުނަށް ވެސް ދުންފަތް ވިއްކުން މަނާކޮށް ބިލުގައި އޭގައި އަމަލުކުރަން ޖެހޭ ގޮތް ބަޔާންކޮށްފައިވެ އެވެ. އެގޮތުން:
ދުންފަތް ވިއްކުމުގެ އެއްވެސް މުއާމަލާތެއްގައި ވެސް އެ ޖީލުގެ މީހަކު ބައިވެރިކޮށްގެން ނުވާނެ
ދުންފަތް ގަންނަނީ ކޮން ޖީލެއްގެ މީހެއް ކަން ކަށަވަރުނުވާނެ ގޮތަކަށް، އޮންލައިންކޮށް ދުންފަތް ވިއްކައިގެން ނުވާނެ
ދުންފަތް މަނާވާ ޖީލުގެ މީހަކު ދުންފަތް ވިއްކުން ހުއްޓުވުމަށް އަދި އޮންލައިންކޮށް ދުންފަތް ވިއްކާއިރު ކުރަން ޖެހޭ ކަންކަމުގެ ގަވާއިދެއް މިނިސްޓްރީން ހަދަން ޖެހޭ
ދުންފަތުގެ ބާވަތްތައް ވިޔަފާރިކުރާ ތަންތަނުގައި ދުންފަތް މަނާކުރާ ޖީލުގެ މީހުނަށް އެ ތަކެތި ނުވިއްކޭނެ ކަން އަންގައިދޭ ބޯޑެއް ބަހައްޓަން ވާނެ
ދުންފަތް ގަންނަން އަންނަ މީހުންގެ އައިޑީކާޑު ބަލައި، ދުންފަތް މަނާކުރާ ޖީލުގެ މީހެއް ކަން ނުވަތަ ނޫންކަން ޔަގީންކުރުމަކީ ދުންފަތް ވިއްކާ ފަރާތުގެ ޒިންމާއެއް
ކެބިނެޓުން ނިންމާފައިވަނީ އަންނަ 1 ނޮވެމްބަރުން ފެށިގެން ޖެނެރޭޝަން ބޭން ތަންފީޒުކުރަން ފެށުމެވެ.
ފަސްފަހަތް - މި ސަރުކާރުން ދުންފަތާ ދެކޮޅަށް ދަނީ ބޮޑެތި ނިންމުންތަކެއް ނިންމަމުންނެވެ. ރާއްޖެއަށް ވޭޕް އެތެރެކުރުމާއި ބޭނުންކުރުމުން މަނާކޮށް، ދުންފަތާއި ސިނގިރޭޓުން ނަގާ ޓެކްސް އިތުރަށް ބޮޑުކޮށްފައި ވެސް ވެ އެވެ.
2007 އިން ފެށިގެން ފަހުގެ ޖީލަށް ދުންފަތް މަނާކުރަން މަޖިލީހަށް ބިލު ހުށަހަޅައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ