ސަރުކާރުން ކުންފުނިތަކުގައި ފައިސާ ނެތޭ ކިޔާފައި, ފަހުން ފައިސާ ދައްކާ ގޮތަށް (ކްރެޑިޓަށް) ބޮޑު އަގުގައި މުދަލާއި ހިދުމަތް ހޯދާ މައްސަލަ ބޮޑުވެ, އެކަން ހުއްޓުވައިދޭން ހުޅުމާލޭ ދެކުނު ދާއިރާގެ މެންބަރު ޑރ. އަހުމަދު ޝަމްހީދު ގޮވާލައްވައިފި އެވެ.
ޝަމްހީދު މިހެން ގޮވާލެއްވީ މާލިއްޔަތު ކޮމިޓީން ދިރާސާކުރަމުންދާ އެސްއޯއީތަކުގެ ޕްރޮކިއުމަންޓާ ގުޅޭ މައްސަލަތަކުގައި ކުރި މަޝްވަރާގެ ތެރެއިންނެވެ. އޭނާ ވިދާޅުވީ އެ މައްސަލަ ދިރާސާކުރަމުން ދިޔައިރު ފާހަގަކުރެވުނު ކަންކަމުގެ ތެރޭގައި ކުންފުނިތަކުން މާ ބޮޑު އަގުގައި ކްރެޑިޓަށް ތަކެތި ހޯދުން ހިމެނޭ ކަމަަށެވެ.
"ދެން ދެންމެ އަޅުގަނޑުމެން މިތާނގައި މި ވާހަކަ ދެކެވުނީ ކްރެޑިޓަށް ނަމުގައި ސަރުކާރު ކުންފުނިތަކުގައި ފައިސާ ނެތޭ ބަހަނާއަކަށް ދައްކާފައި އަޅުގަނޑުމެން 200, 300, 400 ޕަސެންޓު މާޖިންގައި އެއްޗެހި ހޯދުން," އޭނާ ވިދާޅުވި އެވެ.
މިހެން ބޮޑު އަގުގައި ތަކެތި ހޯދުމާ ގުޅިގެން އޭނާގެ ހުރި ކަންބޮޑުވުންތައް ހިއްސާކުރައްވަމުން ޝަމްހީދު ވިދާޅުވީ ދަރަންޏަށް ވިޔަސް މުދަލެއް ނެގޭނީ އެ ދެއްކޭނެ ގޮތެއް ހޯދާފައި ހުރީމައި ކަމަށެވެ. ނަމަވެސް މައްސަލައަކީ ނުއުފުލޭ ވަރުގެ ދަރަނި ނެގުން ކަމަށް އޭނާ ވިދާޅުވި އެވެ.
އޭގެ މިސާލަކަށް ޝަމްހީދު ދެއްކެވީ ފެނަކަ އެވެ. އޭނާ ވިދާޅުވީ އެ ކުންފުނީގެ ހާލަތު އެހާ ގޯސްވީ ކުރިން ނުއުފުލޭ ވަރަށް ދަރަނި ނަގާފައި ހުރުމުން ކަމަށެވެ.
ޝަމްހީދު ވަނީ ފިނޭންސް މިނިސްޓްރީއަށާއި ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން (ޕީސީބީ) ގައި އެދިގެން މިކަން ހުއްޓުވަން އަވަސް ފިޔަވަޅުތަކެއް އަޅައިދޭން ހުށަހަޅާފަ އެވެ. އެކަމަކު ކޮމިޓީގެ މެންބަރުންގެ ތާއީދެއް މި ހުށަހެޅުމަކަށް ނުލިބެ އެވެ.
ސަރުކާރު ކުންފުނިތަކުގެ ޕްރޮކިއުމަންޓުގެ ތެރެއިން ކުރާ ވައްކަންތަކަކީ ޒަމާނުއްސުރެން ކުންފުނިތަކުގައި ބޮޑު މައްސަލައެކެވެ. ނަމަވެސް މިހާތަނަށް މިފަދަ މައްސަލަކުގައި ޝާމިލުވާ މީހުންނާ ދެކޮޅަށް އެއްވެސް ފިޔަވަޅެއް އަޅަން ނުކުޅެދިފައިވާއިރު, މިހެން ހިންގާފައި ހުރި ވައްކަންތަކުގެ ސަބަބުން އެތައް ބިލިއަން ރުފިޔާއަށް ގެއްލުންވެފައިވެ އެވެ.
އެސްއޯއީތަކުން ބޮޑު އަގުގައި ކްރެޑިޓަށް މުދާ ނެގުން ހުއްޓުވުމަށްޓަކައި ފިޔަވަޅުތަކެއް އަޅަން ޝަމްހީދު ގޮވާލައްވައިފި އެސްއޯއީތަކުން ބޮޑު އަގުގައި ކްރެޑިޓަށް މުދާ ނެގުން ހުއްޓުވުމަށްޓަކައި ފިޔަވަޅުތަކެއް އަޅަން ޝަމްހީދު ގޮވާލައްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ