ކަރަންޓު ދިނުމަށް ބޭނުންވާ ތެޔޮ އެތެރެ ކުރުމުން ސްޓެލްކޯއިން އެސްޓީއޯއަށް ދައްކަންޖެހޭ ފައިސާ ނުދައްކާތާ އެތައް ދުވަހެއް ފާއިތުވެފައިވާކަން މި ނޫހަށް އެނގިއްޖެ އެވެ.
ނޫހުގައި ނަން ނުޖެހުމަށް ޝަރުތުކޮށް އަދަދު އާ ވާހަކަ ދެއްކި އިތުބާރު ހިފޭ މަސްދަރަކުން ބުނީ، ސްޓެލްކޯއިން އެސްޓީއޯއަށް ފައިސާ ނުދައްކަނީ، ތެޔޮ ސަބްސިޑީއަށްވާ ފައިސާ ސަރުކާރުން ނުދައްކާތީ އާއި ސަރުކާރުގެ ގިނަ އޮފީސްތަކުން ކަރަންޓު ބިލު ނުދައްކާތީ އެވެ.
ތެޔޮ ބިލަށް ފައިސާ ނުދައްކާތީ ސަރުކާރުން ދަނީ ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސެއިން ފަހުމީއަށް ވަރަށް ބޮޑެތި ޕްރެޝަރު ކުރަމުން ކަމަށް ވެސް މި ނޫހާ ވާހަކަ ދެއްކި މަސްދަރުން ބުންޏެވެ.
މި ނޫހަށް އެނގިފައިވާ ގޮތުގައި ސަރުކާރު އޮފީސްތަކުން ސްޓެލްކޯއަށް ދައްކަންޖެހޭ ފައިސާ 500 މިލިއަނަށްވުރެ އިތުރެވެ. ޕީއެސްއެމް އިން އެކަނި ވެސް 130 މިލިއަން ރުފިޔާ ސްޓެލްކޯއަށް ނުދައްކައި އެބަ އޮތެވެ.
މާލެ އާއި ހުޅުލެ އާއި ހުޅުމާލެއިން މިއަދު ކުއްލި ގޮތަކަށް ކަރަންޓު ދިޔަ މައްސަލަ ރައީސް މުހައްމަދު މުއިއްޒު އަންގަވައިގެން ފުލުހުން ވަނީ ބަލަން ފަށައިފަ އެވެ.
މާލެ ސަރަހައްދުން ކަރަންޓު ކެނޑުނު މައްސަލަ ބަލަން އަންގާފައިވާނެ ކަމަށް ރައީސް މުއިއްޒު ވަނީ ވިދާޅުވެފަ އެވެ.
"މުޅި މާލެ، ހުޅުމާލެ އަދި ހުޅުލެ ހިމެނޭހެން ކަރަންޓު ގޮސްފައިވާ މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބެލުމަށް ކަމާބެހޭ ފަރާތްތަކުގައި ދަންނަވައިފިން. އަދި މިފަދަ ކަމެއް ތަކުރާރު ނުވާނޭހެން ކަރަންޓުގެ ހިދުމަތުގެ ކަންކަން އިންތިޒާމް ކުރަން ކުރަންޖެހޭ ހުރިހާ ކަމެއް ސަރުކާރުން ކުރާނެ ވާހަކަ ދަންނަވަން،" ސައުދީ އަރަބިއްޔާގައި މިވަގުތު ހުންނެވި ރައީސް މުއިއްޒު އެކްސްގައި ޕޯސްޓު ކުރެއްވި އެވެ.
ކަރަންޓު ކެނޑުނު މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށް ފުލުހުން ވެސް ވަނީ ބުނެފަ އެވެ.
"ގްރޭޓަރ މާލެ ސަރަހައްދުން ކަރަންޓް ކެނޑިފައިވާ މައްސަލައާ ގުޅިގެން ދިވެހި ފުލުހުންގެ ޚިދުމަތުން ވަނީ އެކަން ހިނގި ގޮތް ބެލުމަށް ހާއްސަ ތަހުގީގެއް ފަށައިފަ،" ދާދި ދެންމެއަކުން ފުލުހުން ބުނެފައި ވެ އެވެ.
އެސްޓީއޯ އަށް ދައްކަންޖެހޭ ތެޔޮ ބިލުތަކަށް ސްޓެލްކޯއިން ފައިސާ ނުދައްކާތާ އެތައް ދުވަހެއްވެއްޖެ އެސްޓީއޯ އަށް ދައްކަންޖެހޭ ތެޔޮ ބިލުތަކަށް ސްޓެލްކޯއިން ފައިސާ ނުދައްކާތާ އެތައް ދުވަހެއްވެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ