މިދިޔަ އާދިއްތަ ދުވަހު ޕީކް ގަޑިތަކުގައި ކަރަންޓު ބޭނުންކުރި މިންވަރު އިތުރުވެެއްޖެ

މިދިޔަ ހޮނިހިރު ދުވަހާ އަޅާބަލާއިރު، އާދިއްތަ ދުވަހުގެ ޕީކް ގަޑިތަކުގައި ކަރަންޓު ބޭނުންކުރި މިންވަރު އިތުރުވެއްޖެއެވެ. ސަރުކާރުގެ ކަރަންޓު ކުންފުނި، ސްޓެލްކޯއިން މި ރޯދަ މަހު އަންނަނީ މާލެއާއި ހުޅުމާލޭގައި ކޮންމެ ދުވަހު ކަރަންޓު ބޭނުންކުރާ މިންވަރުގެ ތަފާސްހިސާބުތައް އާންމުކުރަމުންނެވެ. އެގޮތުން، އެ ހިސާބުތަކަށް ބަލާއިރު، އާދިއްތަ ދުވަހު ރޭގެ ދަންވަރު 01:00 އިން ފެށިގެން ހެނދުނު 07:00 ގެ ނިޔަލަށް ކަރަންޓު ބޭނުންކުރި މިންވަރު ވަނީ ދަށަށް ގޮސްފައެވެ. މެންދަމު 1:00 ޖަހާއިރު، 87،985 މެގަވޯޓުގައި ހުރިއިރު، ހެނދުނު ހަތެއް ޖަހާއިރު އެ އަދަދު ހުރީ 70،733 މެގަވޯޓުގައެވެ. https://x.com/STELCOMALDIVES/status/1904191476231446570 އޭގެފަހުން، ހެނދުނު 08:00 ގައި ކަރަންޓުގެ ނިސްބަތުގެ މިންވަރު ވަނީ މައްޗަށް ދާން ފަށާފައެވެ. އާދިއްތަ ދުވަހު އެންމެ ގިނައިން ކަރަންޓު ބޭނުންކޮށްފައި ވަނީ ރޯދަމަހު އެންމެ ގިނަ އަދަދަކަށް ކަރަންޓު ބޭނުންކުރާ ގަޑި ކަމަށްވާ ހަވީރު 15:00 އިން ރޭގަނޑު 18:00 އަށެވެ. އެ ދުވަހުގެ 17:00 ގައި ކަރަންޓު ބޭނުންކުރި މިންވަރު 103 މެގަވޯޓަށް މައްޗަށް ދިޔައެވެ. އެއީ އެ ދުވަހު އެންމެ ގިނައިން ކަރަންޓު ބޭނުންކުރި މިންވަރު ކަމަށް ހިސާބުތަކުން ދައްކައެވެ. ހޫނު މޫސުމާ ރޯދަ މަހާ އެއް ދުވަސްވަރަކަށް ދިމާވާތީ، ކަރަންޓު ބޭނުންކުރަ މިންވަރު އިތުރުވާން މަގުފަހިވެއެވެ. އެހެންވެ، ސްޓެލްކޯއިން ވަނީ ހުޅުމާލޭގައި އަލަށް ހުޅުވި އިންޖީނުގެއެއް ހުޅުވައި، 1.6 މެގަވޮޓްގެ 12 ޖަނަރޭޓަރު ސެޓު ބަހައްޓަން ނިންމާފައެވެ. އެގޮތުން، މިވަގުތު ހަތް ޖަނަރޭޓަރު ސެޓު ވަނީ ގާއިމު ކުރެވިފައެވެ. އަދި އިތުރު ފަސް ޖަނަރޭޓަރު ސެޓު ގެނެސްފައިވާ ކަމަށާއި، މި ރޯދަމަސް ނިމުމުގެ ކުރިން ކޮމިޝަންކޮށް ނިންމުމަށް ހަމަޖެހިފައިވާ ކަމަށް ސްޓެލްކޯއިން ބުންޏެވެ. އެއާއެކު ހުޅުމާލެ އިންޖީނުގެ އެނެކްސް2ގެ ކެޕޭސިޓީ 19.2 މެގަވޮޓަށް އަރާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ