ޖަލުގައި ގައިދީންނަށް ފޯނާއި މަސްތުވާތަކެތި ފޯރުކޮށްދިނުމަށް އެހީތެރިވުމުގެ ތުހުމަތުގައި ދައުވާ އުފުލައިވާ ކަރެކްޝަންސްގެ އޮފިސަރުންގެ ޝަރީއަތުގެ އަޑުއެހުންތައް ސިއްރުކޮށްދެވެން ނެތް ކަމަށް އެ މައްސަލަ ބައްލަވާ ކްރިމިނަލް ކޯޓުގެ ގާޒީ އިސްމާއިލް ޝަފީއު މިއަދު ނިންމަވައިފި އެވެ.
ވީ ކިހިނެއް؟ - މިއަދުގެ އަޑުއެހުމުގައިި މި މައްސަލައިގެ އަޑުއެހުންތައް ސިއްރުކޮށްދިނުމަށް އެދުނީ ދައުވާ ލިބޭ މުހައްމަދު ފަތޫހު އަބްދުﷲގެ ވަކީލު އިބްރާހިމް ޝިޔާމް އެވެ. އަޑުއެހުންތައް ސިއްރުކޮށްދިނުމަށް ފަތޫހުގެ ފަރާތުން މީގެ ކުރިން ވެސް އެދިފައި ވެއެވެ.
ނަމަވެސް، މިއަދުގެ އަޑުއެހުމުގައި ދައުލަތުން ވަނީ އެ އަޑުހުންތައް ސިއްރުކޮށްގެން ކުރިއަށް ގެންދިއުމަށް އިއުތިރާޒު ކޮށްފަ އެވެ. އަދި މި މައްސަަލަ ބައްލަވާ ގާޒީ ޝަފީއު ވެސް ވިދާޅުވީ މިއީ ސިއްރުކޮށްގެން ކުރިއަށް ގެންދަން ޖެހޭ ބާވަތުގެ މައްސަލައެއް ނޫން ކަމަށެވެ.
ބުނީ ކީކޭ؟ - އަޑުއެހުންތައް ސިއްރުކޮށްދިނުމަށް އެދޭ ސަބަބަކަށް ދިފާއީ ވަކީލު ޝިޔާމް ވިދާޅުވީ:
މައްސަލައިގެ ބާވަތުން މުޖުތަމައުގެ އަހުލާގީ އުސޫލުތައް ހިފެހެއްޓުމަށްޓަކައި
އާންމުކޮށް ހުޅުވާލައިގެން ކުރިއަށް ގެންގޮސްފި ނަމަ އިންސާފު ގާއިމުކުރުމަށް ހުރަސް އެޅިދާނެތީ
މި މައްސަލައިގެ ހަބަރުތައް ޖެހުމުން ދައުލަތުގެ މުވައްސަސާތަކަށް ރައްޔިތުން ކުރާ އިތުބާރު ގެއްލުމުގެ ފުރުސަތު އޮތުމުން
ސޯޝަލް މީޑިއާގައި އެ މައްސަލައިގެ އެކި މައުލޫމާތުތައް ފެތުރުމުގެ ސަބަބުން ނުސީދާގޮތުން ހެކިންނަށް ނުފޫޒު ފޯރުވުމުގެ ފުރުސަތު އޮންނާނެތީ
"އަޅުގަނޑުމެންނަކަށް ކޮންޓްރޯލެއް ނުކުރެވޭނެ ހަބަރުތަކުގައި ޖަހާ މައުލޫމާތެއް. ތަންމިނަަށް ހުޅުވާލައިގެން އަޑުއެހުންތައް ކުރިއަށްދާއިރު އެ ހަބަރުތައް ޖެހުމުން އާންމުންގެ މެދުގައި އުފެދޭ ހިޔާލުތަކަކީ ވެސް ސޯޝަލް މީޑިއާ އާއި އެހެން ތަންތަނުގައި ދެކެވޭނެ ވާހަކަތައް. މިވާހަކަތައް ދެކެވުމުގެ ސަބަބުން ދައުލަތުގެ އިދާރާތަކަށް ކުރާ އިތުބާރަށް ގެއްލުމަކީ އޮތް ކަމެއް،" ޝިޔާމް ވިދާޅުވި އެވެ.
އަޑުއެހުންތައް ސިއްރުކުރަން އިއުތިރާޒުކޮށް ދައުލަތުގެ ވަކީލު އާމިލާ ހުސެއިން މިއަދު ވިދާޅުވީ ދިފާއުން ފާހަގަކުރާ އެކަންކަމަކީ އޭގެ ދެކޮޅުން ވެސް މާނަކުރެވިދާނެ ކަމެއް ކަމަށާއި ދައުލަތުގެ މުވައްސަސާތަކާއި ގުޅޭ އާންމުންގެ މަސްލަހަތު ހިމެނޭ ކަންކަމުގައި ކަން ހިނގާ ގޮތް އިނގެންޖެހޭނެ ކަމަށެވެ.
"ދިފާއުން އެ ބުނާ ގޮތަށް މި އަޑުއެހުންތައް ސިއްރުކުރަންޖެހޭ އެކަށީގެންވާ ސަބަބެއް ދިފާއަށް ދެއްކިފައިވާ ކަމަށް ދައުލަތުން ގަބޫލުނުކުރަން،" ވިދާޅުވި އެވެ.
ދެ ފަރާތުގެ ވާހަކަތައް އަޑުއެއްސެވުމަށް ފަހު، އެ އަޑުއެހުން ސިއްރު ނުކުރަން ނިންމަވައި ޝަފީއު ވިދާޅުވީ އެ ޝަރީއަތަކީ ސިއްރުކުރަންޖެހޭ ބާވަތުގެ މައްސަލައެއް ނޫން ކަމަށެވެ. އެ މައްސަލަ ސިއްރުކުރަން ނުޖެހޭ ސަބަބަކަށް ގާޒީ ވިދާޅުވީ:
ކޮންމެ ޖިނާއީ ކުށަކީ ވެސް މުޖުތަމައުގެ އަހުލާގީ މިންގަނޑާ ގުޅުން އޮންނާނެ ކަމެއް
ގާނޫނުގައި ސިއްރުކުރަން އޮންނަ ބާވަތުގެ މައްސަލަތަކުގެ މިންގަނޑުތަކަށް މި މައްސަލައެއް ނުފެތޭ
ޝަރީއަތް އާންމުކުރުމުން ހެކިންނަށް ނުފޫޒު ފޯރުވާފާނެތީ އާއި އިންސާފަށް ހުރަސް އެޅިދާނެ ކަމަށް ބަލައި މިހިދަށް ޝަރީއަތް ސިއްރުކުރަން ޖެހޭ ސަބަބެއް ނެތް
"އެހެންކަމުން، މި މައްސަލައިގެ އަޑުއެހުންތައް ޝަރީއަތުން ކުރިއަށް ގެންދާނީ ހުޅުވާލައިގެން. އެފަދަ [ސިއްރުކުރަންޖެހޭ] ސަބަބެއް މިހިދަށް ފާހަގަކުރެވެން ނެތުމުން،" ޝަފީއު ވިދާޅުވި އެވެ.
ފާހަގަކޮށްލެވޭ ކަމެއް - މިއަދުގެ އަޑުހުން ބޭއްވީ ޝަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުންތަކަށް ފަހު، މައްސަލައިގެ އަޑުއެހުންތައް ފެށުމަށެވެ. އެކަމަކު މައްސަލާގައި ހިމެނޭ ބައެއް މީހުންނަށް، އެ ހުށަހެޅުންތައް ހުށަހެޅުމަށް ދައުލަތުގެ ފަރާތުން ލިބެންޖެހޭ ލިޔެކިއުންތައް އަދި ލިބިފައި ނުވާތީ ޝަރީއަތުން ނިންމީ، މި މައްސަލާގައި ހިމެނޭ އެންމެންގެ ފަރާތުން ޝަރީއަތުގެ ކުރިން ހުށަހަޅަންޖެހޭ ހުށަހެޅުންތައް ހުށަހެޅުމުން، އެންމެންގެ ބައި އެކުއެކީގަ ކުރިއަށް ގެންގޮސް، ހެކިބަސް ނެގުން ވެސް އެކުއެކީގައި ކުރިއަށް ގެންދިއުމަށެވެ.
އެއަށް ފަހު، މިއަދުގެ އަޑުއެހުމުގައި ދެން އޮތީ، މައްސަލާގައި ދައުވާ ލިބޭ އަލީ ހިޝާމާއި އަލީ ނާޒިމްގެ މައްޗަށް ދައުވާތައް ހުށަހެޅުމާއި އެއަށް ޖަވާބުދާރީވުމުގެ ބައެވެ. މިއަދު ޝަރީއަތަށް އެ ދައުވާތައް ހުށަހެޅުމުން، ޝަރީއަތުން ވަނީ ދައުވާތައް ބަލައިގެންފަ އެވެ. ދައުވާތަކުގެ ތަފްސީލުތައް މިއަދުގެ އަޑުއެހުމުގައި އިއްވާފައެއް ނުވެ އެވެ.
ދައުވާތައް ބަލައިގަތްކަން ޝަރީއަތުން އިއުލާންކުރުމުން އެ ދެ މީހުންގެ ފަރާތުން ވެސް ވަނީ ދައުވާތަކަށް އިންކާރުކޮށްފަ އެވެ. އެހެންވެ، ހެކި ހުށަހެޅުމަށް މި މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް މުއްދަތެއް އޭނާއަށް ވަނީ އަރުވާފަ އެވެ.
އެއަށް ފަހު މިއަދުގެ އަޑުއެހުން ވަނީ ނިންމާލާފަ އެވެ.
އެނގުން މުހިންމު - ފުލުހުން މިދިޔަ އަހަރުގެ ޖޫން މަހުގެ ތެރޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ހާމަކުރި ގޮތުގައި ގައިދީންނަށް މަސްތުވާތަކެއްޗާއި ފޯން ފަދަ ތަކެތި ޖަލަށް ވައްދައިދީގެން ކަރެކްޝަންސްގެ ދަށް ލެވެލްގެ 18 އޮފިސަރެއްގެ އެކައުންޓަށް ޝައްކު ކުރެވޭ 73 މިލިއަން ރުފިޔާ ވަނީ ޖަމާކޮށްފަ އެވެ.
އެ ފައިސާ ޖަމާކޮށްފައި ވަނީ ޖަލުގައި ތިބި ގައިދީންނާއި އެ މީހުންނާ ގުޅުން ހުރި މީހުންގެ އެކައުންޓްތަކުން ކަމަށް ފުލުހުން ބުނެފައިވެ އެވެ.
މި މައްސަލައިގައި ކަރެކްޝަންސްގެ 13 އޮފިސަރަކަށް ދައުވާކޮށްދޭން އެދި ފުލުހުން ޕީޖީ އޮފީހަށް ފޮނުވި ނަމަވެސް، ދައުވާކޮށްފައިވަނީ ފަސް އޮފިސަރެއްގެ މައްޗަށެވެ.
މައްސަލާގައި ހިމެނޭ ތިން މީހަކު ދައުލަތާ އެކު އިއުތިރާފުގެ އެއްބަސްވުމެއް މީގެ ކުރިން ހެދި އެވެ. އެކަމަކު މި މައްސަަލައިގެ އަޑުއެހުންތައް ފެށިފަހުން ކޯޓުގައި، މައްސަލާގައި ހިމެނޭ އެމެން ބަންދުން ވެސް ދޫކޮށްލި ފަހުން، އެ އެންމެން ވެސް ވަނީ އިއުތިރާފުގެ އެއްބަސްވުން އުވާލާފަ އެވެ.
އެހެންވެ މިހާރު ކުރިއަށްދަނީ އަލުން އެމީހުންގެ މައްޗަށް ދައުލަތުން ދައުވާތައް ހުށަހަޅަން ބޭނުންވާތީ އެ މަރުހަލާ އެވެ. ދައުވާކޮށްފައިވާ ފަސް މީހުންނަކީ:
ޖިނާހު އަބްދުއްރަހީމް، އައިވަރީ ހައުސް/ރ.އުނގޫފާރު
އަލީ ހިޝާމް، ބީޗްހައުސް/ ކ.މާފުށި.
އަލީ ނާޒިމް، ތަރާނާގެ/ހދ. ނޭކުރެންދޫ
މުހައްމަދު ފަތޫހު އަބްދުﷲ، ކުއްޅަވައްގެ/ގއ. ވިލިނގިލި
އަލީ އަޝްފާގު، ކާމިނީގެ/ނ.ލަންދޫ
ކަރެކްޝަންސް އޮފިސަރުންގެ މައްސަލަ ސިއްރުކޮށްނުދޭން ނިންމައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ