ރާއްޖެއާއި އިންޑިއާއާ ދެމެދު ރުފިޔާއާއި ރުޕީސްއިން މުއާމަލާތް ކުރެވޭ ގޮތް ހަދައިފި
ރާއްޖެއާއި އިންޑިއާއާ ދެމެދު ކުރާ ވިޔަފާރީގެ މުއާމަލާތްތައް ދެ ގައުމުގެ އަމިއްލަ ފައިސާއިން ކުރެވޭނެ ގޮތް، ރިޒާވް ބޭންކް އޮފް އިންޑިއާ (އާރުބީއައި)އިން މިއަދު ހަމަޖައްސައިފިއެވެ. ރާއްޖެއާއި އިންޑިއާއާ ދެމެދު ކުރާ ފައިސާގެ މުއާމަލާތްތަކުގައި ރުފިޔާއާއި ރުޕީސް ބޭނުންކުރުމަށް މަރުކަޒީ ބޭންކް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)އާއި އާރުބީއައިއާ ދެމެދު މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ވަނީ ފަހުމުނާމާއެއްގައި ސޮއިކޮށްފައެވެ. އާރުބީއައިއިން މިއަދު ނެރުނު ސާކިއުލާއެއްގައިވަނީ، އެ ފަހުމުނާމާގެ ދަށުން، ދެ ގައުމުގެ މެދުގައި ރުޕީސްއާއި ރުފިޔާއިން މުއާމަލާތު ކުރެވޭނެ ގޮތް ހަދަން ނިންމައިފައިވާ ކަމަށެވެ. އަދި އެ ނިންމުމަށް މިއަދުން ފެށިގެން އަމަލުކުރާނެ ކަމަށް އެ ސާކިއުލާގައިވެއެވެ. އެމްއެމްއޭގެ ގަވަރުނަރު އަހުމަދު މުނައްވަރު އިންޑިއާއަށް ކުރެއްވި ދަތުރުފުޅެއްގައި ސޮއިކުރެއްވި އެ ފަހުމުނާމާގައި ވަނީ ކަރަންޓް އެކައުންޓު މުއާމަލާތްތަކުގައިއާއި ހުއްދަ ކުރެވޭ ކެޕިޓަލް އެކައުންޓް މުއާމަލާތްތަކުގައިއާއި އެހެނިހެން އިގުތިސާދީ، މާލީ މުއާމަލާތްތަކުގައި ދެ ގައުމުން އެއްބަސްވާ ގޮތެއްގެ މަތީން ރުފިޔާއާއި ރުޕީސް ބޭނުންކުރުމަށް ބާރު އަޅައިފައެވެ. އޭގެކުރިން އޮކްޓޫބަރު މަހު ރައީސް ޑރ. މުޙައްމަދު މުއިއްޒު އިންޑިއާއަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން ބޮޑުވަޒީރު ނަރެންދުރަ މޯދީއާ ބައްދަލުކުރައްވައި ވަނީ، ދެ ގައުމުގެ މެދުގައި ކުރާ ފައިސާގެ މުއާމަލާތްތަކުގައި ރުފިޔާއާއި ރުޕީސް ބޭނުންކުރުމާ ގުޅޭ ގޮތުން މަޝްވަރާކުރައްވައިފައެވެ. އިންޑިއާއަކީ ރާއްޖެއަށް މާލީ ގޮތުން އެންމެ ބޮޑަށް އެހީ ފޯރުކޮށްދޭ އެއް ގައުމު ކަމަށްވާއިރު، ރާއްޖޭގައި ތިބި އިންޑިއާގެ ސިފައިން އަނބުރާ ފޮނުވާލުމުގެ ބޮޑު ކެމްޕެއިނަކަށް ފަހު ވެރިކަމަށް އައި މި ސަރުކާރުގެ ފުރަތަމަ ދުވަސްކޮޅު އިންޑިއާއާ ވަރަށް ގުޅުން ގޯސްވިއެވެ. އެގޮތުން ތިން ނައިބު ވަޒީރުން އިންޑިއާގެ ވެރިންނާއި ރައްޔިތުންނަށް ކުޑައިމީސްކޮށް ދެއްކި ވާހަކައަކާ ގުޅިގެން ރާއްޖޭގެ ފަތުރުވެރިކަން ބޮއިކޮޓް ކުރުމަށް ގޮވާލައި، އިންޑިއާގައި ކެމްޕެއިނެއް ވެސް ކުރިއަށްގެންދިޔައެވެ. އެއަށްފަހު މި ސަރުކާރުން ވަނީ އިންޑިއާއާ ގުޅުން ރަނގަޅު ކުރުމަށް ގިނަ މަސައްކަތްތަކެއް ކޮށްފައެވެ. އަދި އެގައުމުގެ އޮފިޝަލުންނާއި ދިވެހި ސަރުކާރުން ވެސް ވަނީ އެ މަސައްކަތްތަކާއެކު އިންޑިއާއާ ގުޅުން ރަނގަޅުވެފައިވާ ކަމަށް ބުނެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ