ރާއްޖޭގެ ރޭސިން އެސޯސިއޭޝަނުން އެފްއައިއޭ ކޮންފަރެންސްގައި ބައިވެރިވެއްޖެ
ބައިނަލްއަގުވާމީ މޮޓޯސްޕޯޓްސް ފެޑެރޭޝަން (އެފްއައިއޭ)ގެ އަހަރީ އާންމު ޖަލްސާ އަދި ކޮންފަރެންސްގައި ރޭސިން އެސޯސިއޭޝަން އޮފް ދަ މޯލްޑިވްސް (ރޭމް)އިން ފުރަތަމަ ފަހަރަށް ބައިވެރިވެއްޖެއެވެ. މި އިވެންޓުތައް ބޭއްވީ މިދިޔަ އަންގާރައިން ފެށިގެން ބުރާސްފަތި ދުވަހުގެ ނިޔަލަށް މަކާއުގައި ހުންނަ ގެލެކްސީ މަކާއު ރިސޯޓުގައެވެ. މިއީ އެފްއައިއޭއިން އެ ފެޑެރޭޝަންގެ މެންބަރު ޖަމްޢިއްޔާތަކަށް ޚާއްސަކޮށްގެން ކޮންމެ އަހަރަކު ބާއްވާ ދެ ކޮންފަރެންސްގެ ތެރެއިން މި އަހަރުގެ ފުރަތަމަ ބައްދަލުވުމެވެ. ދެވަނަ ބައްދަލުވުން އޮންނާނީ މި އަހަރުގެ ޑިސެންބަރު މަހުގައެވެ. މިއީ ރޭމް، އެފްއައިއޭގެ މެންބަރަކަށްވެ، ބައިވެރިވި ފުރަތަމަ ކޮންފަރެންސެވެ. އަދި ރާއްޖޭގެ މޮޓޯސްޕޯޓްސް އެސޯސިއޭޝަނެއް މިފަދަ ކޮންފަރެންސެއްގައި ބައިވެރިވި ފުރަތަމަ ފަހަރުވެސް މެއެވެ. މި ކޮންފަރެންސްގައި އަލަށް ގުޅުނު ގައުމުތަކާއެކު ޚާއްސަ ފޯރަމެއް ބޭއްވިއެވެ. ރާއްޖޭގެ އެށސިން އެސޯސިއޭޝަނުން ވަނީ ފުރަތަމަ ފަހަރަށް އެފްއައިއޭ ކޮންފަރެންސްގައި ބައިވެރިވެފައި -- ފޮޓޯ/ ރޭމް މި ފޯރަމްގައި ރާއްޖޭގެ މޮޓޯސްޕޯޓްސްގެ ހާލަތާއި މިހާރު ކުރިއަށްގެންދާ ހަރަކާތްތަކާ ބެހޭގޮތުން މަޢުލޫމާތު ހިއްސާކުރަމުން ރޭމްގެ ރައީސް މުހައްމަދު ޝާމިހް (ޝާމް) ވިދާޅުވީ މި ކޮންފަރެންސްގައި ބައިވެރިވުމުގެ ސަބަބުން ގިނަގުނަ ފައިދާތަކެއް ކުރާނެ ކަމަށެވެ. އަދި މި ފަދަ އިވެންޓެއްގައި ބައިވެރިވުމުގެ ފުރުސަތު ލިބުމަކީ، އެ އެސޯސިއޭޝަނުން މެދުކެނޑުމެއްނެތި ކުރަމުން އައި މަސައްކަތުގެ ނަތީޖާކަން އޭނާ ފާހަގަ ކުރެއްވިއެވެ. "މި ކޮންފަރެންސްއިން ވަރަށް ގިނަ ކަންތައްތަކެއް ދަސްވެ، ރާއްޖޭގައި ކުޅިވަރު ކުރިއަރުވައި އާލާކުރުމަށް އިތުރު ޚިޔާލުތައް ލިބިގެން ދިޔަ. އެންމެ މުހިންމު ކަމަކީ އެފްއައިއޭ އާއި އޭޝިއާ ސަރަޙައްދުގެ މެންބަރު ޖަމިއްޔާތަކާއެކު އުފެދުނު ގުޅުން. މިއީ ދިވެހިރާއްޖޭގެ މޮޓޯސްޕޯޓްސްއަށް ވަރަށް ގިނަ ގޮތްގޮތުން ފަސޭހަތަކެއް ލިބިގެންދާނެ ކަމެއް" ޝާމް ވިދާޅުވިއެވެ. އޭނާ ވިދާޅުވި ގޮތުގައި މި ފުރުސަތުގެ ސަބަބުން ރޭމްގެ ކުޅުންތެރިން އަވައްޓެރި ގައުމުތަކަށް މުބާރާތްތަކާއި ތަމްރީނު ޕްރޮގްރާމްތަކަށް ދިއުމުގެ ފުރުސަތުތައް އިތުރުވާނެއެވެ. ރާއްޖޭގެ އެށސިން އެސޯސިއޭޝަނުން ވަނީ ފުރަތަމަ ފަހަރަށް އެފްއައިއޭ ކޮންފަރެންސްގައި ބައިވެރިވެފައި -- ފޮޓޯ/ ރޭމް ކޮންފަރެންސްގައި އެފްއައިއޭގެ ރައީސް މުހައްމަދު ބިން ސުލައިއަމް ވަނީ ރޭމްގެ މެންބަރުންނާ ބައްދަލު ކުރައްވައިފައެވެ. އަދި ގައުމުގެ ބޮޑުކުޑަމިނަށް ބެލުމެއްނެތި ފެޑެރޭޝަންގެ ދަށުގައިވާ ހުރިހާ މެންބަރު ގައުމުތަކަށް އެހީތެރިވެދޭނެ ކަމުގެ ޔަގީންކަން ދެއްވައިފައެވެ. ރާއްޖެފަދަ ގައުމެއްގައި މޮޓޯސްޕޯޓްސް ހީނުކުރާހާ ބޮޑަށް ފާއިތުވެދިޔަ ހަތް އަހަރުތެރޭ ކުރިއަރާފައިވާކަން ފާހަގަކުރައްވައި އުފާކުރާކަމަށް މި ބައްދަލުވުމުގައި އޭނާ ވިދާޅުވިއެވެ. ރާއްޖެ ރަމްޒުކޮށްދޭ ހަނދާނީ ހަދިޔާއެއް ރޭމްގެ ފަރާތުން ވަނީ އެފްއައިއޭގެ ރައީސަށް އަރުވައިފައެވެ. ރޭމްއިން ބުނީ، އެ އެސޯސިއޭޝަންގެ އުންމީދަކީ މިފަދަ ކޮންފަރެންސްތަކުގައި ބައިވެރިވެ، ރާއްޖޭގައި ކުޅިވަރު އިތުރު ހަރުފަތަކަށް ގެންދިއުމުގެ މަސައްކަތް ހުއްޓުމެއްނެތި ކުރިއަށް ގެންދިއުމެވެ. އަދި ސަރުކާރާއެކު މަޝްވަރާކޮށް، ދިމާވެފައިވާ ގޮންޖެހުންތަކަށް ހައްލު ހޯދައި، ވީހާ ވެސް އަވަހަކަށް މިކުޅިވަރު އަލުން ފެށުން ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ