އަމިއްލަ ކުންފުނިތަކަށް ރޯދައިގެ ކުރިން ދޭން ބުނި ފައިސާ އަދިވެސް ނުދޭ
ރޯދައިގެ ކުރިން ބޮޑުބައެއް ދައްކާ ނިންމާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވި ނަމަވެސް ސަރުކާރު ހިއްސާވާ ކުންފުނިތަކުން އާންމުންނަށް ދައްކަންޖެހޭ ދަރަނި އަދިވެސް ނުދައްކާކަން އެނގިއްޖެއެވެ. ފެނަކައާއި ރޯޑް ޑިވޮލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) ފަދަ ސަރުކާރުން ހިއްސާ ކުންފުނިތަކުން އާންމުންނަށް ދައްކަންޖެހޭ ދަރަނީގެ ބޮޑުބައެއް ރޯދައިގެ ކުރިން ދައްކާ ނިންމާނެ ކަމަށް ރައީސް ވިދާޅުވީ ޖެނުއަރީ މަސް ތެރޭގައެވެ. އެއީ، މިދިޔަ ސަރުކާރުން ނުދީ ހުރި ފައިސާ ކަމަށާއި އެ ފައިސާގެ ބޮޑުބައެއް ރޯދައިގެ ކުރިން ދައްކާނެ ކަމަށް ރައީސް އެ ދުވަހު ވިދާޅުވިއެވެ. އެކަމަކު، 'ސަން'އަށް އެނގިފައިވާ ގޮތުގައި ރޯދަމަހުން ހަތް ދުވަސްވީއިރު އަދިވެސް އެ ފައިސާ ނުދައްކައެވެ. މި ކަމާ ގުޅިގެން ފިނޭންސް މިނިސްޓްރީގެ ބަހެއް ހޯދަން ތަކުރާރުކޮށް މަސައްކަތް ކުރި ނަމަވެސް އެ މިނިސްޓްރީން ބަހެއް ލިބިފައެއް ނުވެއެވެ. ސަރުކާރު ކުންފުނިތަކުން އާންމުންނަށް ދައްކަންޖެހޭ ދަރަނީގެ ބޮޑު ބައެއް ރޯދައިގެ ކުރިން ދައްކާ ނިންމާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވީ، ގދ. އަތޮޅަށް ކުރެއްވި ރަސްމީ ދަތުރުފުޅުގެ ތެރެއިން ހޯނޑެއްދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ. https://sun.mv/201086 "ކުރީ ސަރުކާރުގެ ދުވަސްވަރު ފެނަކަ، އާރުޑީސީ، އެމްޓީސީސީ، ވެމްކޯ، މިހެން ގޮސް ކިޔާނެ ކަމެއް ނެތް މި ކަހަލަ ކުންފުނިތައް އާދައިގެ ކުދިކުދި ކުންފުނިތައް ލައްވާ މި ކަހަލަ ރަށްރަށުގައި ހުންނަ ކުދިކުދި ކުންފުނިތައް ލައްވާ މަސައްކަތް ކުރުވާފައި ނުދީ ހުރި ފައިސާގެ ބޮޑު އަދަދެއް ނުދެވި އެ ހުރީ. އެ ކުންފުނިތައް މިސްމެނޭޖްކޮށްފައި އޮތްލެއް ބޮޑުކަމުން. އޭގެން ވެސް ބޮޑު އިންސައްތައެއް މި ބަލަނީ މި ދެ މަސް ތެރޭގައި ރޯދަމަސް އަންނަން ވާއިރަށް ދީ ނިންމޭތޯ،" އެ ދުވަހު ރައީސް މުއިއްޒު ވިދާޅުވިއެވެ. ފާހަގަކޮށްލެވޭ ގޮތުގައި ސަރުކާރު ކުންފުނިތަކުގެ ދަރަނި ވަރަށް ބޮޑެވެ. ޚާއްސަކޮށް، ފެނަކަ ފަދަ ކުންފުނިތަކުން އަމިއްލަ ކުންފުނިތަކަށް ދޭންޖެހޭ ފައިސާ ދޫނުކުރާކަމުގެ ކަންބޮޑުވުން ވަނީ ބޮޑުވެފައެވެ. އަމިއްލަ ކުންފުނިތަކަށް ސަރުކާރުން ދަރާފައި އޮތް 500 މިލިއަނަށްވުރެ ގިނަ ރުފިޔާ ދޫކުރަން ފެށިކަމަށް ރައީސް އެ ދުވަހު ވިދާޅުވިއެވެ. އެކަމަކު، އެ ފައިސާ އަދިވެސް ދޫކޮށްފައިނުވާކަން ވަނީ އެނގިފައެވެ. ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމެއްގެ ތެރެއިން: ކުންފުނިތަކަށް ދައްކަންޖެހޭ ފައިސާ ރޯދައިގެ ކުރިން ދޫކުރާނެ ކަމަށް ބުނި ނަމަވެސް އަދިވެސް ނުދޭ -- ފޮޓޯ/ ރައީސް އޮފީސް "...އެއީ މި ދެންނެވިހެން ސަރުކާރުން އެކި މީހުން ލައްވާ ކުރުވާފައި ހުރި ކަންކަމަށް. ކުދި އަދި މެދު ފަންތީގެ ކުންފުނިތަކަށް [ފައިސާ] ދޫކުރަމުން ދާނެ. އަދި މިދިޔަ މަސްތަކުގައި ވެސް އެކަން ހުންނާނީ ކޮށްފައި،" ރައީސް އެ ދުވަހު ހޯނޑެއްދޫގައި ހުންނަވައި ވިދާޅުވިއެވެ. ފެނަކައިގެ ދަރަނި އެކަނި ވެސް ހަތަރު ބިލިއަން ރުފިޔާއަށް އަރައެވެ. އެހެންވެ، އެ ކުންފުނިތައް ހިންގުން ދަތިވެ، އެސްޓީއޯގެ ދަށަށް ފެނަކަ ބަދަލުކުރަން ވެސް މި ސަރުކާރުން ނިންމިއެވެ. އެކަމަކު، ދުވަސްތަކެއް ފަހުން އެ ނިންމުން ވަނީ އަނބުރާ ގެންގޮސްފައެވެ. ރާއްޖޭގެ މާލީ ހާލަތު ގޯސްވެ، ޚަރަދު ކުޑަކުރުން ނޫން ގޮތެއް ނެތް ކަމަށް ބޭރުގެ މާލީ އިދާރާތަކުން ބުނަމުން އަންނަތާ ކިތަންމެ ދުވަހެކެވެ. އެ އިދާރާތަކުން އަންނަނީ ޚަރަދު ކުޑަކުރަން ތަކުރާރުކޮށް ސަރުކާރަށް ނަސޭހަތްތެރިވަމުންނެވެ. ޚަރަދު ކުޑަކުރަން ބައެއް ފިޔަވަޅުތައް އެޅުމަށް ފަހު ސަރުކާރުން ވަނީ މާލީ ދަތިކަމުން އަރައިގަނެވޭނެކަމުގެ ޔަގީންކަންދީފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ