ސްކޫލް ކުދިންނަށް ޚާއްސަ ބަސް ދަތުރުތައް ފަށަން މަޝްވަރާ ކުރަނީ

ދިރާސީ އާ އަހަރާ ދިމާކޮށް، ސްކޫލް ކުދިންނަށް ޚާއްސަ ބަސް ދަތުރުތަކެއް ފަށަން އެޑިއުކޭޝަން މިނިސްޓްރީން އެމްޓީސީސީއާއެކު މަޝްވަރާކޮށްފިއެވެ. އެޑިއުކޭޝަން މިނިސްޓްރީގައި އިއްޔެ ބޭއްވި މި މަޝްވަރާ ބައްދަލުވުމާ ގުޅިގެން އެ މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓެރީ އަހްމަދު އަލީ މިއަދު "ސަން"އަށް ވިދާޅުވީ، މަޝްވަރާކުރީ ދިރާސީ އާ އަހަރު ފެށުމުގެ ކުރިން ސްކޫލް ކުދިންނަށް ބަސް ދަތުރުތައް ފެށުމަށް ކަމަށެވެ. https://twitter.com/MoEdumv/status/1656353491609358336 އެގޮތުން ވިސްނުން ހުރީ އެމްޓީސީސީއާ ގުޅިގެން މިހާރު އޮތް ބަހުގެ ނިޒާމުގެ ތެރެއިން ސްކޫލް ކުދިންނަށް ޚާއްސަ ބަސް ދަތުރުތަކެއް ފަށަން ކަމަށް އޭނާ ވިދާޅުވިއެވެ. "ސްކޫލް ކުދިންނަށް ޑެޑިކޭޓެޑް ސްކޫލް ބަސް ދަތުރުތަކުގެ ޚިދުމަތް ދޭން ވެގެން މަޝްވަރާ ކުރެވުނީ، އެއީ ބާރު ބޮޑުވާ ގަޑިތަކަށް ޚާއްސަކޮށް އެ ކުދިންނަށް ޕްރަޔޯރިޓީ ދީގެން ބަސް ދަތުރުތަކެއް ކުރުމަށް،" އޭނާ ވިދާޅުވިއެވެ. އެޑިއުކޭޝަން މިނިސްޓްރީން އެމްޓީސީސީއާއެކު ބޭއްވި މަޝްވަރާ ބައްދަލުވުމުގެ ތެރެއިން --- ފޮޓޯ/ މިނިސްޓްރީ އަހުމަދު އަލީ ވިދާޅުވި ގޮތުގައި، މީގެ ކުރިން ވެސް ސްކޫލް ކުދިންނަށް ބާރުބޮޑުވި ގަޑިތަކުގައި އެމްޓީސީސީން ވަނީ އެ ކުދިންނަށް ޚާއްސަކޮށް ބަސްތަކެއް އިތުރުކޮށްފައެވެ. މިކަން ކުރުމުގެ ބޭނުމަކީ މި އަހަރުގެ އޯގަސްޓު މަހު، ދިރާސީ އާ އަހަރު ފެށުމުގެ ކުރިން، ސްކޫލް ކުދިންނަށް ދަތިނުވާނެ ގޮތުގެ މަތިން އެ ކުދިންނަށް އެންމެ ފަސޭހަ ގޮތަށް މިފަދަ ޚިދުމަތެއް ދިނުން ކަމަށް އޭނާ ވިދާޅުވިއެވެ. "އެމްޓީސީސީގެ ވިސްނުން ވެސް ހުރީ އެފަދަ ގޮތަކަށް. އެ ކުދިންނަށް ވަކިން ޚާއްސަ ގަޑިތަކެއްގައި ބަސްދަތުރުތަކެއް ކޮށް، ބަސް ސްޓޮޕްތައް ވެސް އެ ކުދިންނަށް އެންމެ ކޮންވީނިއެންޓް ވާނެ ގޮތަކަށް ބެހެއްޓުމަށް، އަޅުގަނޑުމެންގެ އަތުގަ ހުރި ޑޭޓާ އެއްޗެހި ވެސް ވަނީ ޝެއާ ކުރެވިފަ،" އޭނާ ވިދާޅުވިއެވެ. އަހުމަދު އަލީ ވިދާޅުވީ އެމްޓީސީސީން ވެސް ބޭނުންވަނީ ދަރިވަރުންނަށް ފަސޭހަ ގޮތްތަކެއް ހަދައިދިނުމަށް ކަމަށެވެ. އަދި މިކަމުގެ ފައިދާ ހުރިހާ ދަރިވަރުންނަށް ކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ. އެޑިއުކޭޝަން މިނިސްޓްރީން އެމްޓީސީސީއާއެކު ބޭއްވި މަޝްވަރާ ބައްދަލުވުމުގެ ތެރެއިން --- ފޮޓޯ/ މިނިސްޓްރީ ނަމަވެސް މި ބަސް ދަތުރުތަކާ ގުޅިގެން އަދި ވަކި ގޮތެއް އެމްޓީސީސީން ނިންމާފައި ނުވާ ކަމަށް ވެސް އަހުމަދު އަލީ ވިދާޅުވިއެވެ. ސްކޫލް ދަރިވަރުންނަށް ބަހުގެ ޚިދުމަތް ތައާރަފު ކުރުމަކީ 2021 ވަނަ އަހަރުގެ ކައުންސިލް އިންތިޚާބަށް އެމްޑިޕީގެ މާލެ ސިޓީ މެނިފެސްޓޯގައި ހިމެނި ކަމެކެވެ. އަދި ހަމަ އެ އަހަރުގެ އޯގަސްޓް މަހު، މިހާރު އޮތް މާލޭ ސިޓީ ކައުންސިލުން ވެސް ސްކޫލް ކުދިންނަށް ބަހުގެ ޚިދުމަތް ތައާރަފުކުރަން ވަނީ ނިންމާފައެވެ. ނަމަވެސް އަދިވެސް އެ ޚިދުމަތް ފެށިފައެއް ނުވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ