ދިިވެހިންނަށް ރަނގަޅު ގޮތް ހޯދުމުގައި ފަތަން ޖެހުނު ކޮންމެ ކަނޑެއްގައިވެސް ފަތާނެ ކަމުގައި ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެންބަރު އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިފަދައިން ވިދާޅުވީ ޖުމްހޫރީ ޕާޓީގެ ގައުމީ ކޮންފަރެންސް ނިންމުމުގެ ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގެ ތެރެއިންނެވެ.
އެމަނިކުފާނުގެ ވާހަކަފުޅުގައި ރާއްޖޭގެ ވެރިކަން ޑިމޮކްރެޓިކް މިސްރާބަކަށް ގެންދިއުމަށްޓަކައި ދީދާލި ދީދާލުމުގެ މައްޗަށް ވާހަކަ އަމާޒުކުރެއްވިއެވެ. ގާސިމް ވިދާޅުވީ އެމަނިކުފާނު ކުރައްވާ މަސައްކަތްޕުޅަކީ ދިވެހި ރައްޔިތުނަށް އެމަނިކުފާނަށް ލިބިހުރި މަދަދުވެރިކަމަކާއި އެހީތެރިކަމެއް އޭގެ އެންމެ ތަނަވަސް މިނުގައި ފޯރުކޮށްދެއްވުން ކަމަށެވެ.
އަދި ޑިމޮކްރަސީގެ ޅަފަތުގައި އަޅުގަނޑުމެން ބޭނުންވާ ގޮތައް ކަންކަން ނުދާނެ ކަމަށާއި ތަޖުރިބާއެއްނެތި ކަން ކުރަންޖެހޭ ފަހަރުވެސް ޑިމޮކްރަސީގައި އަންނާނެކަމަށް ގާސިމް ވިދާޅުވިއެވެ.
އެމަނިކުފާނުގެ ވާހަކަފުޅުގައި ކުރީގެ ވާހަކަފުޅުތަކެކޭ އެއްގޮތައް ވިދާޅުވީ އިންސާނުންނަކީ އަދި ވެރިންނަކީވެސް ކުށްކުރެވޭނެ ބައެއް ކަމަށާއި ހިތް ހަލާސްކޮށް މައާފުކުރަންޖެހޭ ކަމަށެވެ.
އަދި މިގޮތައް، އިނގޭ މީހުންގެ ކިބައިން އުނގެނިގެން ނޭނގޭ މީހުންނަށް އަންގަދީގެން ރައްޔިތުންނާއިއެކު ކުރިއަށްދާންޖެހޭ ކަމަށެވެ. ގާސިމް ވިދާޅުވީ މި ކޮންފަރެންސްގެ ޖަލްސާއަށް ހާޒިރުވެ ތިއްބެވި ހުރިހާ ބޭފުޅުންވެސް ވަޑައިގެން ތިއްބެވީ ގައުމައްޓަކައިކުރާ ފޮނި އުއްމީދާއި ރައްޔިތުންއެދޭ ތަރައްގީ ގެނަސްދިނުމުގެ އަޒުމުގައި ކަމަށެވެ.
މި ވާހަކަފުޅުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ތައުރީފުކުރައްވާ ގާސިމް ވިދާޅުވީ ރައީސް ނަޝީދާއި ނުލައި އެމްޑީޕީ ނޯންނާނެ ކަމަށެވެ.
ގާސިމްވަނީ ޖުމްހޫރީ ޕާޓީގެ މި ކޮންފަރެންސުން ދެއްކި އެއްބައިވަންތަކަމާއި ކެތްތެރިކަމަށް ރާއްޖޭގެ ހުރިހާ ޕާޓީއަކުންވެސް މިސާލުނަގަންޖެހޭ ކަމަށް ވިދާޅުވެފައެވެ.
ގާސިމްވަނީ ޖުމްހޫރީ ޕާޓީން ގޮތް ނިންމާނީ ދިވެހި ރައްޔިތުންނާއި ހުރިހާ ސިޔާސީ ޕާޓީތަކަށް އެންމެ ފައިދާހުރި ގޮތައް ކަމަށެވެ.
ދިިވެހިންނަށް ރަނގަޅު ގޮތް ހޯދުމުގައި ފަތަންޖެހުނު ކޮންމެ ކަނޑެއްގައިވެސް ފަތާނަން: ގާސިމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ