ހުޅުމާލޭގައި ހުރި މެކޭނިކަލް ޕާކިން ސިސްޓަމްތައް ހިންގާނެ ބަޔަކު ހޯދަނީ

ހުޅުމާލޭގައި ހުރި މެކޭނިކަލް ޕާކިން ސިސްޓަމްތަކުގެ ތެރެއިން ބައެއް ޕާކިން ސިސްޓަމްތައް މަރާމާތުކުރުމަށްފަހު، އެ ތަންތަން އޮޕަރޭޓްކޮށް ހިންގާނެ ބަޔަކު ހޯދުމަށް ހުޅުމާލެ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން އިއުލާނުކޮށްފިއެވެ. އެޗްޑީސީން މިއަދު ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ ހުޅުމާލޭ ފޭސް އެކެއްގައި ހުރި ހަ މެކޭނިކަލް ޕާކިން ސިސްޓަމެއް އޮޕަރޭޓްކޮށް ހިންގަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު މިހާރު ހުޅުވާލާފައިވާ ކަމަށެވެ. މީގެ ތެރޭގައި ހިމެނެނީ ނިރޮޅުމަގުގައި ހުރި ދެ ޕާކިން ސިސްޓަމާއި، ކަނީރުމަގުގައި ހުރި ޕާކިން ސިސްޓަމުގެ އިތުރުން، ބޯގަންވިލާ މަގުގައި ހުރި ތިން ޕާކިން ސިސްޓަމެވެ. މި ހަ ޕާކިން ސިސްޓަމުގައި ޖުމްލަ 166 ކާރަށް ޕާކް ކުރެވޭނެއެވެ. މިކަމާއި ގުޅޭގޮތުން ކުރިއަށްގެންދާ މައުލޫމާތުދިނުމުގެ ބައްދަލުވުން އަންނަ އަންގާރަ ދުވަހު ޒޫމް މެދުވެރިކޮށް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި ޕާކިން ސިސްޓަމްތައް ހިންގުމަށް ޝައުގުވެރިވާ ފަރާތްތަކުން މި މަހުގެ 27 ވަނަ ދުވަހު އެކަމަށް އެދި ހުށައަޅަންޖެހޭއިރު، ހުށައަޅާ ޕްރޮޕޯސަލްތައް ހުޅުވުމަށް ތާވަލްކޮށްފައިވަނީ އަންނަ އޭޕްރިލް މަހުގެ ތިންވަނަ ދުވަހުއެވެ. ކުރީގެ ރައީސް ޔާމީނު ސަރުކާރުން ހުޅުމާލޭ ފޭސް އެކެއްގައި ޤާއިމްކުރި މެކޭނިކަލް ޕާކިން ސިސްޓަމްތައް ބޭނުންނުކޮށް ގިނަ ދުވަސްތަކެއް ވަންދެން ބެހެއްޓުމުގެ ސަބަބުން އެ ސިސްޓަމްތައް ދަބަރުޖަހަން ފަށާފައިވަނިކޮށް، އެ ޕާކިން ސިސްޓަމްތައް މަރާމާތުކުރުމުގެ މަސައްކަތް ސަރުކާރުން ފަށާފައިވަނީ މިދިޔަ އަހަރުގެ މެއި މަހުގެ ތެރޭގައެވެ. މެކޭނިކަލް ޕާކިން ސިސްޓަމްތައް އަލުން މަރާމާތުކޮށް ބޭނުންކުރަން ފެށުމަށް ތައްޔާރުވަމުންދާއިރު، މި ޕާކިން ސިސްޓަމްތައް ބޭނުންކުރަން ފެށުމުން ޕާކްކުރުމަށް މިހާރުއޮތް ދަތިކަމަށް ކޮންމެ ވެސް ވަރެއްގެ ހައްލެއް ލިބިގެންދާނޭކަމަށް އެޗްޑީސީން ބުނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ