ދިވެހިރާއްޖޭގެ ސިޔާސީ މައިދާނަށް ރަނގަޅު، ޤާބިލު ލީޑަރުން ބޭނުންވާކަމަށް އައްޑޫ ސިޓީގެ މޭޔަރު އަލީ ނިޒާރު ވިދާޅުވެއްޖެއެވެ.
ނިޒާރު މިހެން ވިދާޅުވީ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންގައި އެމްޑީޕީގެ ފަރާތުން ވާދަކުރައްވާ ކެންޑިޑޭޓް ޢަބްދުﷲ ޞާދިޤު (ސޯބެ) ގެ ކެމްޕެއިން ހަރަކާތެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ނިޒާރުގެ ވާހަކަފުޅުގައި މިވަގުތު ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ މަޤާމުގައި ހުންނެވި ޑރ. މުޙައްމަދު މުޢިއްޒަކީ ސިޔާސީ ގޮތުން ”އެވްރެޖް“ ބޭފުޅެއްކަމަށް ބައެއް ފަރާތްތަކުން ބުނަމުންދާކަން ފާހަގަކުރެއްވިއެވެ. އަދި ހުދު އޭނާއަކީވެސް ސިޔާސީ މަޝްރަހުގައި އާދައިގެ އެވްރެޖް މީހެއްކަން ފާހަގަކުރައްވައި، ޑިމޮކްރެސީގެ ތެރޭގައި ގިނަ ދުވަސްވެ ރައްޔިތުން ތަމްސީލުކުރުމުގެ ފުރުސަތުގެ ތެރެއިން ޒިންމާތަކާއި މަސްއޫލިއްޔަތުތައް އަދާކޮށްފައިވާނެކަމަށް ވިދާޅުވިއެވެ.
މިއަދާ ހަމައަށް އައިއިރު ސިޔާސީ މައިދާނުގައި ކުރެވުނު ތަޖުރިބާތަކަށް ބަލާއިރު ވަރަށް ބޮޑެތި މައްސަލަތަކެއް ހުރިކަން ފާހަގަކުރައްވައި، ގިނައީ ރަނގަޅުކުރަންޖެހޭ ކަންތައްތައްކަން ހުރިހާ ރައްޔިތުންވެސް މިއަދު ޤަބޫލުކުރާނެކަމަށް ނިޒާރު ވިދާޅުވިއެވެ. އަދި މި ބަދަލު ގެނައުމަށް ބޭނުންވަނީ ރަނގަޅު މީހުންކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
ސިޔާސީ މަޤާމުތަކަށް ކުރިމަތިލުމުގެ ފުރުސަތު ޤާނޫނުއަސާސީން ކޮންމެ މީހަކަށްވެސް ތަންމިނަށް ހުޅުވާލާފައި އޮތް ނަމަވެސް، ރައްޔިތުން އިތުބާރުކުރާނީ ކާކަށްތޯ ވިސްނަންޖެހޭކަމަށް މޭޔަރު ވިދާޅުވިއެވެ.
”އެފުރުސަތު އޮތަސް ރައްޔިތުން އެބަ ވިސްނަންޖެހޭ އެގެންނަ މީހާއަކީ ޤައުމުގައިހުރި ކަންކަން އިސްލާހުކޮށް ރަނގަޅު ހަރުދަނާ ފިކުރު ހުރި މީހަކަށް ވާންއެބަޖެހޭ. ޤާނުނު އަސާސީގައި ތަންމިނަށް އެފުރުސަތު ލިބިދީފައިއެބަވޭ، އެކަމަކު ރައްޔިތުން އިތުބާރު ކުރާމީހާ ރައްޔިތުމީހާ އެބަ ވިސްނަންޖެހޭ،“ ނިޒާރު ވިދާޅުވިއެވެ.
ރާއްޖޭގެ ޑިމޮކްރެޓިކް ނިޒާމުގެ ތެރެއިން މަސައްކަތް ކުރާއިރު ތަފާތު އެތަކެއް އާ މޫނުތަކެއް ކުރިއަށް އޮތްތަނުގައި ފެނުމަކީ އެކަށީގެންވާ ކަމެއްކަމަށްވެސް އޭނާ ވިދާޅުވިއެވެ. ނިޒާރުގެ ވާހަކަފުޅުގައި ނުސީދާ ގޮތެއްގައި ރައީސް ޑރ. މުޢިއްޒަކީ ސިޔާސީ މައިދާނުގައި ތަޖުރިބާއެއް ނެތް އާދައިގެ ބޭފުޅެއްގެ ގޮތުގައި ސިފަކުރައްވާފައިވެއެވެ.
ވާހަކަފުޅު ނިންމަވާލައްވަމުން ނިޒާރު ވިދާޅުވީ، މި ފަސް އަހަރުގެ ވެރިކަން ހަވާލުކުރުމަށްފަހު ފާއިތުވެދިޔަ ދެ އަހަރާއި ބައިގެ ތެރޭގައި ކުރަމުންދާ ހިތާމަވެރި ތަޖުރިބާއަކީ އޭނާ ފާހަގަކުރާ ކަންކަމުގެ ހެއްކެއް ކަމަށެވެ.
ސިޔާސީ މައިދާނަށް ޤާބިލު ލީޑަރުން ބޭނުންވޭ: އަލީ ނިޒާރު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ