ސްޕެއިން މައިތިރިކުރި ކޭޕް ވާޑޭގެ ކީޕަރު ވޮޒީނިއާގެ ލޮލުން އުފަލުގެ ކަރުނަ
ފީފާ ވޯލްޑް ކަޕް 2026 ގެ ގްރޫޕް އެޗްގައި ކޭޕް ވާޑް ކުޅުނު ފުރަތަމަ މެޗުގައި، ދުނިޔޭގެ ވަރުގަދަ ބާރެއް ކަމަށްވާ ސްޕެއިންއާ ވާދަކޮށް 0-0 އިން އެއްވަރުކޮށް، މުޅި ދުނިޔެ ސިއްސުވާލި މެޗުގައި ގިނަބައެއްގެ ލޮލުގައި އަޅައިގަތީ ކޭޕް ވާޑޭގެ ކީޕަރު އުމުރުން 40 އަހަރުގެ ޖޮސިމާރު ޑިއަސް ނުވަތަ ދަނޑުމަތީ ނަމުންނަމަ ވޮޒީނިއާއެވެ. މިއީ ވޯލްޑް ކަޕްގެ ތާރީޚުގައިވެސް ކޭޕް ވާޑުން ކުޅުނު ފުރަތަމަ މެޗަށް ވާއިރު، މިއީ އެ ގައުމުން މިފަދަ ބޮޑު މުބާރާތެއްގައި ހޯދި ފުރަތަމަ ތާރީޚީ ޕޮއިންޓެވެ. އެޓްލާންޓާ ސްޓޭޑިއަމްގައި ކުޅުނު މި މެޗުގައި ޔޫރޯގެ ޗެމްޕިއަން ސްޕެއިންއިން 74 އިންސައްތަ ބޯޅަ ހިފަހައްޓައިގެން، ޖުމްލަ 23 ހަމަލާ އުފެއްދި ނަމަވެސް، ކޭޕް ވާޑްގެ ޑިފެންސާއި ކީޕަރުގެ މޮޅު ކުޅުމުގެ ސަބަބުން ސްޕެއިންއަށް ގޯލެއް ކާމިޔާބެއް ނުކުރެވުނެވެ. މި ތާރީޚީ މެޗުގެ އަސްލު ބަތަލަކީ ކޭޕް ވާޑްގެ ތަޖުރިބާކާރު ކީޕަރު، އުމުރުން 40 އަހަރުގެ ވޮޒީނިއާއެވެ. މުޅި މެޗުގައި ސްޕެއިންއިން ގޯލަށް އަމާޒުކޮށް ފޮނުވާލި ނުރައްކާތެރި 8 ހަމަލާއެއް އޭނާ ވަނީ ހުޝިޔާރުކަމާއެކު ދިފާއުކޮށްފައެވެ. ސްޕެއިންއާއި ކޭޕް ވާޑޭ ކުޅުނު މެޗުގައި ކީޕަރު ވޮޒީނިއާ ބޯޅައެއް ދިފާއުކުރަނީ-- މެޗުގެ ފުރަތަމަ ހާފުގައި ފެރާން ޓޮރޭޒް ފޮނުވާލި ހަމަލާއެއް ގޯލުގެ ހުރަސް ދަނޑީގައި ޖެހުނުއިރު، ޕެޑްރީ އާއި ގަވީ ފޮނުވާލި ނުރައްކާތެރި ބޯޅަތައް ވޮޒީނިއާ ވަނީ ސޭވްކޮށްފައެވެ. ދެވަނަ ހާފުގައި ސްޕެއިންގެ ޒުވާން ތަރި ލަމީން ޔަމާލް ކުޅެން އެރި ނަމަވެސް، ކޭޕް ވާޑްގެ ފަހަތް ސާފުކޮށް ބެލެހެއްޓުމުގައި ވޮޒީނިއާ ދެއްކި ސާބިތުކަމަށް ބަދަލެއް ނުގެނެވުނެވެ. މެޗަށްފަހު، އޭނާގެ މި އާދަޔާޚިލާފު ކުޅުމަށް މުޅި މެޗުގެ އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑް ލިބުމުން، ލިބުނު ބޮޑު އުފަލާއި ކުރެވުނު އަސަރެއްގެ ބޮޑުކަމުން ވޮޒީނިއާގެ ލޮލުން ކަރުނަ ހިލިގެންދިޔަ މަންޒަރު ދަނޑުމަތިން ފެނިގެންދިޔައެވެ. މި މެޗުގައި ކޭޕް ވާޑްގެ ގޯލް ބެލެހެއްޓި ވޮޒީނިއާއަކީ އެ ގައުމުގެ ފުޓްބޯޅަ ތާރީޚުގައި އެންމެ މުހިންމު އެއް ކުޅުންތެރިޔާއެވެ. ވޭތުވެދިޔަ 10 އަހަރަށްވުރެ ދިގު މުއްދަތެއްގައި ގައުމީ ޓީމުގެ ނަންބަރު އެއް ކީޕަރުގެ ގޮތުގައި ހުރި ވޮޒީނިއާ ވަނީ މީގެ ކުރިން އެފްރިކާ ކަޕް އޮފް ނޭޝަންސްގެ 4 މުބާރާތެއްގައި ގައުމީ ޓީމަށް ކުޅެދީފައެވެ. މިފަހަރުގެ ވޯލްޑް ކަޕް ސްކޮޑުގައި ހިމެނޭ އެންމެ ދުވަސްވީ ކުޅުންތެރިޔާގެ ގޮތުގައިހުރި ވޮޒީނިއާއަކީ އޭނާގެ ކެރިއަރުގައި ޕޯޗުގަލްގެ ޗާވްސްގެ އިތުރުން ސައިޕްރަސް، ބަލްގޭރިއާ އަދި ސައުދީ އަރަބިއްޔާ ފަދަ ގައުމުތަކުގެ ކްލަބްތަކަށް ކުޅެ ބޮޑެތި ތަޖުރިބާތަކެއް ހޯދާފައިވާ ކީޕަރެކެވެ. މެޗުގެ ފަހު މިނެޓުގައި ކޭޕް ވާޑްގެ ޑިނޭ ބޯޖަސް ބޮލުން ފޮނުވާލި ހަމަލާއަކުން ސްޕެއިން ބަލިކޮށްލުމާ ގާތަށް ދިޔައިރު، މި މެޗުން ލިބުނު ޕޮއިންޓަކީ ކޭޕް ވާޑްގެ ފުޓްބޯޅައިގެ ރަން އަކުރުން ފަވާލެވޭނެ ފަދަ ބޮޑު ކާމިޔާބީއެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ