ވޯލްޑްކަޕް ވޯލްޑްކަޕް ވޯލްޑް ކަޕްގެ ކުރިން ނޯޔާ ފިޓްވެދާނެ ކަމާމެދު ސުވާލު އުފެދިއްޖެ

ފީފާ ވޯލްޑް ކަޕް 2026 އަށް ތައްޔާރުވަމުން އަންނަ ޖަރުމަނު ގައުމީ ޓީމުގެ އެއް ނަންބަރު ގޯލްކީޕަރު މެނުއަލް ނޯޔާ، އަނިޔާގެ ސަބަބުން ޓީމުގެ ފަހު އެކުވެރިކަމުގެ މެޗުތަކުން ބާކީވެ، އޭނާ ވޯލްޑް ކަޕް ފެށުމުގެ ކުރިން ފިޓްވެދާނެ ކަމާމެދު ސުވާލު އުފެދިއްޖެއެވެ.
މެއި މަހުގެ 16 ގައި ބަޔާން މިއުނިކް މެޗެއްގެ ތެރެއިން ލިބުނު ފައިގެ ކުޑަހުޅުގެ އަނިޔާއަކާ ގުޅިގެން، ނޯޔާ މިހާރު ހުރީ ޓީމުގެ ފަރިތަކުރުންތަކާ ވަކިންނެވެ. މި ސަބަބާ ހުރެ، އެމެރިކާއާ ދެކޮޅަށް ޖަރުމަނުން ކުޅުނު އެންމެ ފަހު އެކުވެރިކަމުގެ މެޗުގައި އޭނާ ކުޅެފައެއް ނުވެއެވެ.
ނަމަވެސް، ޖަރުމަނުގެ ކޯޗު ޖޫލިއަން ނޭގަލްސްމަން ވަނީ ނޯޔާއާ މެދު އިތުބާރު އޮތްކަން ފާހަގަކޮށްފައެވެ. ކޯޗު ބުނި ގޮތުގައި، ނޯޔާގެ ހާލަތު ރަނގަޅުވަމުން އަންނަ ކަމަށާއި، އަންނަ ހަފްތާގައި އޭނާ ފަރިތަކުރުންތަކަށް އެނބުރި އައިސް، ޖޫން 14 ގައި ކިއުރަސާއޯއާ ދެކޮޅަށް ކުޅޭ ވޯލްޑް ކަޕްގެ ފުރަތަމަ މެޗަށް ފިޓްވާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ.
ނޯޔާ ނެތް ވަގުތުތަކުގައި ޖަރުމަނުގެ ގޯލު ބަލަހައްޓަމުން އަންނަނީ އޮލިވާ ބައުމަން އެވެ. އޭނާގެ ފަރާތުން ފެނިފައިވާ ރަނގަޅު ކުޅުމަށް ކޯޗު ނޭގަލްސްމަން ވަނީ ތައުރީފުކޮށްފައެވެ.
ނޯޔާ އަކީ ޖަރުމަން ގައުމީ ޓީމަށް ކުޅުން ހުއްޓާލުމަށްފަހު، މި ވޯލްޑް ކަޕަށް އަލުން އެނބުރި އައި ގޯލްކީޕަރެކެވެ. އޭނާ އަންނަނީ ވޯލްޑް ކަޕް 2010 އިން ފެށިގެން ޖަރުމަން ޓީމަށް ކުޅެމުންނެވެ. ނޯޔާ އަކީ ޖަރުމަނަށް ވޯލްޑް ކަޕް 2014 ކާމިޔާބުކޮށްދިނުމުގައި އިސް ދައުރެއް އަދާކުރި ކުޅުންތެރިއެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ