ނިއު ޔޯކުން ނަތަންޔާހޫ ހައްޔަރު ކުރެވޭނެ ގޮތަކާމެދު މަޝްވަރާ ކުރަމުންދާ ކަމަށް މަމްދާނީ ވިދާޅުވެއްޖެ

އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އެމެރިކާގެ ނިއު ޔޯކް ސިޓީއަށް ޒިޔާރަތްކުރައްވައިފިނަމަ، އޭނާ ހައްޔަރުކުރެވޭނެ ގޮތްތަކަކާމެދު ސިޓީގެ ކަމާބެހޭ ފަރާތްތަކާއެކު މަޝްވަރާކުރައްވަމުން ގެންދަވާ ކަމަށް ނިއު ޔޯކުގެ މޭޔަރު ޒަހްރާން މަމްދާނީ ވިދާޅުވެއްޖެއެވެ. ފަލަސްތީނުގެ މައްސަލައަށް ފާޅުގައި ތާއީދުކުރައްވާ ޑިމޮކްރެޓިކް ސޯޝަލިސްޓެއް ކަމަށްވާ މަމްދާނީ މިކަން ހާމަކުރެއްވީ ހޮނިހިރު ދުވަހު ނިއު ޔޯކް ޓައިމްސް (އެންވައިޓީ) އިން ގެނެސްދޭ "ދަ އިންޓަވިއު" ޝޯއަށް ދެއްވި ބަސްދީގަތުމެއްގައެވެ. ޣައްޒާގައި އިންސާނިއްޔަތާ ދެކޮޅަށް ހިންގަމުންދާ ޖަރީމާތަކާ ގުޅިގެން ބައިނަލްއަގުވާމީ ޖިނާއީ ކޯޓު (އައިސީސީ) އިން ހައްޔަރުކުރުމުގެ އަމުރެއް ނެރުމަށް މަސައްކަތްކުރަމުންދާ ނަތަންޔާހޫ އިންސާފުގެ ކުރިމައްޗަށް ގެންނަންޖެހޭ ކަމަށް މަމްދާނީ ވިދާޅުވިއެވެ. "އަހަރެން ގަބޫލުކުރާ ގޮތުގައި ބޮޑު ވަޒީރު ނަތަންޔާހޫ ހުންނަން ޖެހޭނީ ދަ ހޭގް ގައި. އޭނާ އަކީ އިންޓަނޭޝަނަލް ކްރިމިނަލް ކޯޓުން ދައުވާ އުފުލާފައިވާ ހަނގުރާމައިގެ ކުށްވެރިއެއް. މިއީ ފާއިތިވެދިޔަ އަހަރުތަކުގައި އޭނާ ކޮށްފައިވާ ކަންތައްތަކުގެ ސަބަބުން ގިނަ ބަޔަކު ގަބޫލުކުރާ ގޮތް،" އެންވައިޓީއަށް ދެއްވި އިންޓަވިއުގައި އޭނާ ވިދާޅުވިއެވެ. މޭޔަރުކަމުގެ ކެމްޕޭނުގައިވެސް ނަތަންޔާހޫ ނިއު ޔޯކަށް ވަޑައިގެންފިނަމަ ހައްޔަރުކުރައްވާނެ ކަމަށް ވައުދުވެވަޑައިގެންނެވި މަމްދާނީ ވިދާޅުވީ، އެ ފިޔަވަޅު އެޅުމުގެ ގާނޫނީ ބާރު އޭނާއަށް އޮތްތޯ ކަށަވަރުކުރުމަށް ސިޓީގެ ލޯ ޑިޕާޓްމަންޓާއެކު މިހާރުވެސް އަމަލީ ގޮތުން މަޝްވަރާތައް ކުރިއަށްދާ ކަމަށެވެ. "ނިއު ޔޯކް ސިޓީގައި ގާނޫނުން އަޅުގަނޑަށް ހުއްދަ ދިން ކޮންމެ ކަމެއް، އެއީ އަޅުގަނޑުމެން ކުރާނެ ކަމެއް، އެކަމަކު އެކަމަށްޓަކައި އަޅުގަނޑުމެންގެ އަމިއްލަ ގާނޫނުތައް ލިޔެގެން ނުވާނެ،" އޭނާ ވިދާޅުވިއެވެ. އިސްރާއީލުގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ. ފޮޓޯ/ގެޓީ މޭޔަރުކަމަށް ކެމްޕޭން ކުރެއްވި ދުވަސްވަރު މަމްދާނީއަށް ވަނީ އިސްލާމޯފޯބިއާގެ ހަމަލާތަކާއި ފުރައްސާރަތައް އަމާޒުވެފައެވެ. އެހެންނަމަވެސް، އޭނާ މޭޔަރުކަމަށް އިންތިހާބުވެވަޑައިގަތުމާއި، ނަތަންޔާހޫ ޒިންމާދާރުކުރުވުމަށް ގޮވާލައްވާ ގޮވާލުންތަކުން، އެމެރިކާގެ ޑިމޮކްރެޓިކް ޕާޓީގެ ސަޕޯޓަރުންގެ މެދުގައި އިސްރާއީލަށް އޮތް ތާއީދު ވަރަށް ބޮޑަށް ދަށަށް ގޮސްފައިވާކަން ހާމަވެގެންދާ ކަމަށް އެމެރިކާގެ ސިޔާސީ މަސްރަހު ދިރާސާކުރާ ފަރާތްތަކުން ފާހަގަކުރެއެވެ. މަމްދާނީގެ މި ވާހަކަތަކާ ގުޅިގެން ނަތަންޔާހޫއާ ސުވާލުކުރުމުން އޭނާ ބުނެފައިވަނީ، މަމްދާނީއަކީ ސިއްރިއްޔާތުގައި އެމެރިކާއަށް ނަފްރަތުކުރާ މީހެއް ކަމަށް ގަބޫލުކުރާ ކަމަށެވެ. ނަމަވެސް، ހައްޔަރުކުރާނެ ކަމުގެ އިންޒާރުތަކެއް ދީފައިވީ ނަމަވެސް، އަންނަ ސެޕްޓެމްބަރު މަހު ބާއްވާ އދ. ގެ އާންމު މަޖިލީހުގައި ބައިވެރިވެވަޑައިގަތުމަށް ނަތަންޔާހޫ ނިއު ޔޯކަށް ވަޑައިގަންނަވާނެ ކަމަށް އދ. ގައި ހުންނަ އިސްރާއީލުގެ ސަފީރު ޑެނީ ޑެނަން ވަނީ ބުނެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ