ކާށިދޫ ދާއިރާގެ ބައި އިލެކްޝަން: ޕީޕީއެމާއި ޖުމްހޫރީ ޕާޓީގެ މެދުގައި ހައްލެއް ހޯދަން އިއްތިހާދު ތެދުވެއްޖެ

ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ ބައި އިލެކްޝަނަށް ސަރުކާރާ ގުޅިފައިވާ އިއްތިހާދުގައި ހިމެނޭ ޖުމުހުރީ ޕާޓީ އާއި ޕީޕީއެމުން ކެނޑިޑޭޓުން ވާދަކުރަން ނިންމުމާ ގުޅިގެން އެ މައްސަލަ ހައްލުކުރުމުގެ މަޝްވަރާތައް އިއްތިހާދުން ފަށާފައިވާކަމަށް ޕީޕީއެމުން މިއަދު ބުނެފި އެވެ.
ޕީޕީއެމްގެ އޮފީހުގައި އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ޕީޕީއެމް ވަގުތީ ނައިބު ރައީސް އުމަރު ނަސީރު މިއަދު ވިދާޅުވީ ކާށިދޫ ދާއިރާގެ ގޮނޑިއަށް ވާދަކުރަން ނިންމާފައިވާ ދެ ޕާޓީގެ މެދުގައި މަޝްވަރާކޮށް ގޮތެއް ކަނޑައެޅުމަށް އިއްތިހާދުގެ ފަރާތުން ހަތަރު ބޭފުޅުން މައްޗަށް އެކުލެވޭ ކޮމެޓީއެއް އެކުލަވާލައި މަޝްވަރާކުރަން ފަށާފައިވާ ކަމަށެވެ.
"އިއްތިހާދުގައި ހިމެނޭ ޕާޓީތަކުގެ ތެރެއިން މި މައްސަލަ ހައްލުކުރުމަށް މިހާރުވަނީ ހަތަރު ބޭފުޅުންގެ މައްޗަށް އެކުލެވޭ ކޮމިޓީއެއް އުފައްދާފައި. އެ ކޮމިޓީން މި ދެޕާޓީ [ޖުމުހޫރީ ޕާޓީ އާއި ޕީޕީއެމާއި] ދެމެދު މަޝްވަރާކޮށް ގޮތްތަކެއް ނިންމުމަށް ވަނީ ކަނޑައަޅާފައި،" އުމަރު ވިދާޅުވި އެވެ.
އުމަރު ވިދާޅުވީ ކާށިދޫ ގޮނޑިއަށް ދެ ޕާޓީން ވާދަކުރަން ނިންމުމާއި ގުޅިގެން ވާހަކަތައް ފެށީ އިއްޔެ ކަމަށާއި އެގޮތުން ޕީޕީއެމާއި އިއްތިހާދާއި ދެމެދު ވާހަކަދެކެވި ޕީޕީއެމުން ހުށަހަޅަން ޖެހޭ ހުށައެޅުންތައް މިހާރު ހުށައަޅާފައިވާކަމަށެވެ. އިއްތިހާދުން ޖުމުހުރީ ޕާޓީއާއި އިއްޔެ ވާހަކަދައްކަން މަސައްކަތް ކުރި ނަމަވެސް ވަގުތުނުވެގެން ޖުމުހުރީ ޕާޓިއާއެކު މަޝްވަރާ ނުކުރެވުނު ނަމަވެސް މިއަދު އެ ޕާޓީއާ މަޝްވަރާ ކުރާނެ ކަމުގެ މައުލޫމާތުލިބިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
އުމަރު ވިދާޅުވީ އިއްތިހާދުގައި ހިމެނޭ ދެ ޕާޓީން ވާދަކޮށްފިނަމަ ކާށިދޫ ދާއިރާގެ ގޮނޑި އެމްޑީޕީއަށް ލިބިދާނެ ކަމުގެ ބިރު އޮތުމުގެ ސަބަބުން އިއްތިހާދުން އެއް ކެނޑިޑެޓޭއް ނެރުމަށް ޕީޕީއެމުން އިސްނަގައިގެން ޖުމުހޫރީ ޕާޓީއާއި ވާހަކަދެއްކި ކަމަށާއި ނަމަވެސް އެކަމުން އެއްވެސް ނަތީޖާއެއް ނުނެރެވި ވާހަކަތައް ހުއްޓުމާއި ގުޅިގެން އިއްތިހާދަށް އެމައްސަލަ ޕީޕީއެމުން ހުށައެޅީ ކަމަށެވެ.
"ޖުމުހޫރީ ޕާޓީއާ ޕީޕީއެމް ވާދަކޮށްފިނަމަ އެ ގޮނޑި އެމްޑީޕީއަށް ގޮސްފާނެ. އެއީ އަޅުގަނޑުމެންގެ ވަރަށް ބޮޑު ބިރެއް. އެހެންވެގެން ހަގީގަތުގައި ޕީޕީއެމް އިސް ނަގައިގެން ޖުމުހޫރީ ޕާޓީއާ ވާހަކަދައްކަން ނިންމީ ސީދާ އަޅުގަނޑުގޮސް ޖުމުހޫރީ ޕާޓީއާއި ވާހަކަ ދެއްކީ އެކަމަކު ޖުމުހުރީ ޕާޓީއާ ދެއްކި ވާހަކައިގައި ކޮޅެއްމެދެއް ނުފެނުނު،" އުމަރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އިއްތިހާދުން އެއް ކެނޑިޑޭޓެއް ނެރުމަށް ކުރަން ޖެހޭ މަސައްކަތްކުރުމަށް ޕީޕިއެމުން ތައްޔާރަށް އޮތް ކަމަށާއި އިއްތިހާދުން ނިންމާ ގޮތެއް އެނގުމުން ޕީޕީއެމްގެ ކައުންސިލްގައި މަޝްވަރާކުރުމަށް ފަހު އެކަމާމެދު ގޮތެއް ކަނޑައަޅާނެ ކަމަށެވެ.
ކާށިދޫ ދާއިރާގެ ބައި އިލެކްޝަނުގައި ޖުމުހޫރީ ޕާޓީން މަޝްހޫރު ވިޔަފާރި ވެރިޔާ އަބުދުﷲ ޖާބިރު ކުރިމަތިލައްވަން އިއުލާން ކޮށްފައިވާއިރު ޕީޕިއެމްގެ ފަރާތުން ކާށިދޫ ދާއިރާއަށް ކުރިމަތިލަނީ އެޕާޓީގެ ކައުންސިލް މެންބަރު މުހައްމަދު ވަހީދު އިބްރާހިމް (ވައްޑޭ) އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ