ކޮމަންވެލްތު ވިމެން ޕާލަމެންޓޭރިއަންސްގެ ސްޓިއަރިންގ ކޮމިޓީއަށް މެމްބަރު އަސްމާ

ކޮމަންވެލްތު ޤައުމުތަކުގެ ޤާނޫނު ހަދާ މަޖިލީސްތަކުގެ ޖަމިއްޔާ، ކޮމަންވެލްތު ޕާލަމެންޓްރީ އެސޯސިއޭޝަންގެ ގުނަވަނެއް ކަމުގައިވާ ކޮމަންވެލްތު ވިމެން ޕާލަމެންޓޭރިއަންސްގެ ސްޓިއަރިންގ ކޮމިޓީގެ މެމްބަރަކަށް، ރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދައިރާގެ މެމްބަރު އަސްމާ ރަޝީދު ހޮވިވަޑައިގެންފިއެވެ.
ކޮމަންވެލްތު ވިމެން ޕާލަމެންޓޭރިއަންސްއަކީ، 1989 ވަނަ އަހަރު އޮތް ކޮމަންވެލްތު ޕާލަމެންޓް އެސޯސިއޭޝަންގެ ޖަލްސާއެއްގައި ބައިވެރިވެވަޑައިގަތް ޤާނޫނު ހަދާ މަޖިލީސްތަކުގެ އަންހެން މެމްބަރުން ވެގެން އުފެއްދި ގޮތްޕެކެވެ. މި ގޮފިން ދަނީ، ޤާނޫނު ހަދާ މަޖިލީސްތަކުގައި އަންހެން މެމްބަރުންނަށް ރައްޔިތުން ތަަމްސީލު ކުރެވޭނެ ގޮތްތައް އިތުރު ކުރުމާއި ބެހޭގޮތުން މަޝްވަރާކޮށް، ސީޕީއޭގެ ހުރިހާ ހަރަކާތަކާއި ޕްރޮގްރާމްތަކަކީ ދެޖިންސުގެ ހަމަހަމަކަމާއި އެކު ކުރިޔަށް ގެންދާ ކަންކަމަށް ހެދުމުގެ މަސައްކަތް ކުރަމުންނެވެ.
މި ގޮފީގެ ސްޓިއަރިންގ ކޮމިޓީއަށް ރާއްޖެއިން މެމްބަރު އަސްމާ ހޮވިވަޑައިގެންފައިވަނީ، އޭޝިޔާ ސަރަހައްދުންނެވެ. ސްޓިއަރިންގ ކޮމިޓީގައި ހިމެނެނީ ދުނިޔޭގެ ތަފާތު 11 ސަރަހައްދަކުން 11 މެމްބަރުންނެވެ. ކޮމަންވެލްތު ވިމެން ޕާލަމެންޓޭރިއަންސްގެ މަސައްކަތްތަކާއި ހަރަކާތްތައް ރާވައި ހިންގާނީ މި ކޮމިޓީއިންނެވެ.
މާފަންނު މެދު ދާއިރާގެ މެމްބަރު އަސްމާ ރަޝީދަކީ، ރައްޔިތުންގެ މަޖިލީހުގައި ހިމެނިވަޑައިގަންނަވާ ފަސް އަންހެން މެމްބަރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ބޭކަނބަލެކެވެ. އަދި ވެރިކަން ކުރާ ޕީޕީއެމްއަށް ނިސްބަތްވެވަޑައިގަންނަވާ ހަމައެކަނި އަންހެން މެމްބަރެވެ.
މަޖިލީހުގައި ދެން ހިމެނޭ އަންހެން ބޭކަނބަލުންނަކީ އަދާލަތު ޕާޓީ ތަމްސީލުކުރައްވާ މަކުނުދޫ ދާއިރާގެ މެމްބަރު އަލްއުސްތާޒާ އަނާރާ ނަޢީމާއި، އެމްޑީޕީގެ ތިން މެމްބަރުން ކަމުގައިވާ، ގަލޮޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲއާއި، މައްޗަންގޯޅި އުތުރު ދާއިރާގެ މެމްބަރު އަލްއުސްތާޒާ މާރިޔާ އަހްމަދު ދީދީގެ އިތުރުން އައްޑޫމީދޫ ދާއިރާގެ މެމްބަރު ރޮޒޭނާ އާދަމެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ