އެއާޕޯޓާ އެކު އުމުރާނީ ގޮތުން އެތައް ތަރައްގީއެއް އެރަށަށް އައިސްފައިވާއިރު އަދިވެސް ހައްލު ނުލިބެނީ ކަރަންޓުގެ މައްސަލައަށެވެ. މީގެ ފަސް އަހަރު ކުރިން ބ. ދަރަވަންދޫ އެއާޕޯޓް ހުޅުވުމުގެ ކަވަރޭޖަށް އެރަަށަށް ދިޔައިރު ވެސް ރަށަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީ އިރުއިރުކޮޅާ ކަރަންޓް ކެނޑުމެވެ.
ދަރަވަންދޫގައި ކަރަންޓް ދެނީ ކުރިން ރައްޔިތުން ހިންގި އިންޖީނުގެއާ ފެނަކަ ކޯޕަރޭޝަނުން ހަވާލުވެގެން، އެ ކުންފުނިންނެވެ. ކަރަންޓް ދޫކުރަނީ މީގެ އެތައް އަހަރެއް ކުރިން ރައްޔިތުން އެޅި ކޭބަލްތައް މެދުވެރިކޮށެވެ. އެކަމަކު އެއީ ކުޑަ އާބާދީއަކަށް އަމާޒުކޮށްގެން ގާއިމްކުރި ނިޒާމެކެވެ. އޭރު އެރަށުގައި ގެސްޓްހައުސްތަކެއް ވެސް އަދި ބޮޑެތި ފިހާރަތަކެއް ވެސް ނެތެވެ. މިހާރަށް ވުރެ އާބާދީވެސް މާ ކުޑަ އެވެ. އޭގެ އެތައް އަހަރެއް ފަހުން އެރަށަށް އުމުރާނީ އެތައް ތަރައްގީއެއް އައިސް އަދި އާބާދީ ވެސް ބޮޑުވި އިރު ކަރަންޓްގެ ހިދުމަތް އޮތީ ވަރަށް ވެސް ދަށު ހާލަތެއްގަ އެވެ.
ދަރަވަންދޫ އެއާޕޯޓް: މިއީ ރާއްޖޭގެ އެންމެ ބިޒީ ޑޮމެސްޓިކް އެއާޕޯޓް
ދަރަވަންދޫ ކައުންސިލުން ލިބެން ހުރި މައުލޫމާތުތަކަށް ބަލާއިރު އެރަށަށް ކަރަންޓް ދެނީ ތިން ޖަނަރޭޓަރު ބޭނުންކޮށްގެންނެވެ. އެއީ 200 އާއި 250ގެ އިތުރުން 100 ކިލޯ ވޮޓުގެ ޖަނަރޭޓަރުތަކެވެ.
ކައުންސިލްގެ ނައިބު ރައީސް އަދި ގެސްޓްހައުސް ވިޔަފާރީގެ ތެރޭގައި ވެސް އުޅުއްވަމުން ގެންދަވާ އަލީ ޝަފީގު ވިދާޅުވި ގޮތުގައި މިހާރުގެ ހާލަތަށް ބަލާއިރު އެރަށުގެ ކަރަންޓުގެ ހިދުމަތް ވަރަށް ދަށެވެ. ގެސްޓްހައުސް ހިންގާ ފަރާތްތަކާއި އާންމުންނަށް ވެސް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ކަރަންޓް ކަމަށް އޭނާ ވިދާޅުވި އެވެ.
އިރުއިރުކޮޅުން ކަރަންޓް ކެނޑުމަކީ އެރަށުގައި އާންމު މައްސަލައެކެވެ. އެކަމުގެ ސަބަބުން އެތައް ގޭބިސީއެއްގެ އިލެކްޓްރޯނިކް ސާމާނު ހަލާކުވެފައިވާ ކަމަށް އަލީ ވިދާޅުވި އެވެ.
"ދަރަވަންދޫ ތަރައްގީވަމުން އަންނަ ވަރަށް ކަރަންޓް މައްސަލަ ހައްލުވެގެން ނާދޭ،" އޭނާ ވިދާޅުވި އެވެ.
ޓޫރިސްޓުންތަކެއް ދަރަވަންދޫގައި: އެއާޕޯޓާ އެކު މި ރަށުގައި ޓޫރިޒަމް އަންނަނީ ފުޅާވަމުން --
ދަރަަވަންދޫގައި 10 ގެސްޓްހައުސް ހިންގާއިރު 100 އަށް ވުރެ ގިނަ ޓޫރިސްޓް އެނދު އެބަ ހުއްޓެވެ. އާންމު ގޮތެއްގައި ގިނަ އަދަދަކަށް ޓޫރިސްޓުން އަބަދުވެސް އެ ރަށުގައި އުޅެ އެވެ. ފައްކާވަމުން އަންނަ ޓޫރިޒަމަށް ވެސް ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ ކަރަންޓް މައްސަލަ ކަމަށް ގެސްޓް ހައުސް ހިންގާ ފަރާތްތަކުން ބުނެއެވެ.
އޯނާ އެލްވީއައިއެސް ބުލަންކޫރާ ގެސްޓް ހައުސްގެ ވެރިޔާ އަލީ ވިޝާމް ވިދާޅުވި ގޮތުގައި ކަރަންޓް ލިބޭލެއް ދަށްވުމުން އެއާކޯންތަކާއި ފުރިޖު ފަދަ ތަކެތި، ބައެއް ފަހަރަށް، ބޭނުމެއް ނުކުރެވެ އެވެ. އަދި ކަރަންޓް ގޮސް ގިނަ އިރުތަކެއް ވުމަކީ ބޮޑު ގޮންޖެހުމެއް ކަމަށާއި ޓޫރިސްޓުންގެ ފަރާތުން ޝަކުވާ ވެސް ލިބެމުން ދާ ކަމަށް އޭނާ ވިދާޅުވި އެވެ.
"ކަރަންޓް ދަށް ވެގެން ގޮސް އެއާކޯން މަސައްކަތް ނުކުރަނީ. ފެން ހޫނުކުރާ ބޮއިލަރުތައް މަސައްކަތެއް ނުކުރޭ. ރޫމުތައް ފިންޏެއް ނުވޭ،" ވިޝާމް ވިދާޅުވި އެވެ.
"ކަރަންޓް ސުޓޭބަލްއެއް ނޫން. ކަރަންޓް ދަށްވީމަ އެއްޗެހި ހަލާކުވޭ. ފަންކާ އެއްޗެހި ބާރަކަށް ނޭނބުރޭ."
ދަރަވަންދޫގައި ޓޫރިސްޓުންގެ ބަޔަކު: އިގުތިސާދީ ފުރުސަތުތަކުގެ ބޭނުން ހިފޭނީ ކަރަންޓް ފަދަ ހިދުމަތްތައް ރަނގަޅުވެގެން
ސަރުކާރަށް ބޮޑު އާމްދަނީ ލިބޭ ފަދަ މަސައްކަތްތައް ހިނގާ ރަށްރަށުގައި ކަރަންޓްގެ ޚިދުމަތް ރަނގަޅުކުރަން ޖެހޭކަން، އިގުތިސާދީ ނަޒަރަކުން ބެއްޔަސް އެނގެ އެވެ. އިންޑަސްޓްރީތައް ކުރިއަރާނީ އެއާ އެއްކޮށް، އަސާސީ ޚިދުމަތްތައް ވަރުގަދަކޮށްގެންނެވެ. އެކަމަކު ފެނަކައިގެ ސިޔާސަތު، އިގުތިސާދީ ފުރުސަތުތަކުގެ މައްޗަށް ބިނާވާ ތަނެއް އަދި ނުފެނެ އެވެ. އެހެންކަމުން ދަރަވަންދޫގެ ފުޅާވަމުން އަންނަ ޓޫރިޒަމަށް އޮތް ކަރަންޓްގެ ގޮންޖެހުންތަކަށް ފެނަކައިން ހޯދައިދޭން ރާވަނީ ކޮން ކަންތައްތަކެއް ކަމެއް ނޭނގެ އެވެ. އެ މައްސަލާގައި ފެނަކައިން ޖަވާބެއް ނުލިބުނެވެ.
އަލީ ވިދާޅުވީ ކަރަންޓް މައްސަލައަށް ދާއިމީ ހައްލެއް ލިބޭތޯ އެތައް ފަހަރެއްގެ މަތިން ފެނަކައާ މަޝްވަރާކޮށްފައިވާ ކަމަށެވެ.
ނަމަވެސް އަމަލީ އެއްވެސް ސިފައެއް އަންނަ ތަނެއް އަދި ނުފެނެ އެވެ.
އެއާޕޯޓާ އެކު ދަރަވަންދޫގައި އިގުތިސާދީ ފުރުސަތުތައް ފުޅާކުރަން ރަނގަޅު މަގެއް އޮތީ ހުޅުވިފަ އެވެ. އެކަމަކު ކަރަންޓްގެ ފެންވަރު ރަނގަޅުނުކޮށް އަދި ނަރުދަމާ ފަދަ ވަސީލަތްތައް ގާއިމްނުކުރެވި، އެ ފުރުސަތުތަކުގެ ފުރިހަމަަ ފައިދާ ވިޔަފާރިވެރިންނަށް ވެސް، އާންމުންނަށް ވެސް އަދި ސަރުކާރަށް ވެސް ނެގޭކަށް ނެތެވެ.
ދަރަވަންދޫގެ މުސްކުޅި ކަރަންޓް، ޓޫރިޒަމަށް އޮތް ހުރަހެއް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ