ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ފޮނުވުން ލަސްވާތީ ދައުލަތުގެ މުއައްސަސާތަކުގައި އާއިލާގެ ފަރާތުން އާދޭސް ދަންނަވަމުން ދިޔަނަމަވެސް އަދިވެސް އެއްވެސް ކުރިއެރުމެއް ނުލިބޭ ކަމަށް ޖުމްހޫރީ ޕާޓީގެ ސެކްރެޓަރީ ޖެނެރަލް އަހުމަދު ސަމީރު ވިދާޅުވެއްޖެއެވެ.
ގާސިމް އިބްރާހީމްގެ ސިއްހީ ހާލުކޮޅު ދެރަވެ، އެމަނިކުފާނު ބޭސްފަރުވާއަށް ފޮނުވުމުގެ އިންތިޒާމުތައް ހަމަޖައްސައިދިނުމަށް ކްރިމިނަލް ކޯޓުން ވަނީ އަމުރުކޮށްފައެވެ.
ކޯޓު އަމުރަށް މިއަދަށް 4 ދުވަސް ވީއިރުވެސް ސަރުކާރުގެ އިދާރާތަކުން ހުއްދަ ނުދީގެން ބޭރަށް ގެންދެވޭނެ ގޮތެއް ނެތި އަދިވެސް އެމަނިކުފާނު އޮންނެވީ އައިޖީއެމްއެޗުގައި އެޑްމިޓްކޮށްފައެވެ.
ޖުމްހޫރީ ޕާޓީގެ ސެކްރެޓަރީ ޖެނެރަލް އަހުމަދު ސަމީރު ވިދާޅުވީ ގާސިމް އިބްރާހީމް ބޭރަށް ގެންދެވޭތޯ ދައުލަތުގެ އެކި މުއައްސަސާތަކުގައި އާއިލާއިން އާދޭސް ދަންނަވަމުންދާ ކަމަށެވެ.
އެގޮތުން އިއްޔެ ކަރެކްޝަނަލް ސާވިސްގެ ބޭފުޅުންނާ ބައްދަލުކޮށްފައިވާ ކަމަށާއި، އަދި މިއަދުވެސް ކަރެކްޝަނަލް ސާވިސްގެ ބޭފުޅުންނާއި ހޯމް މިނިސްޓަރާވެސް ބައްދަލުކުރުމަށް މަސައްކަތް ކޮށްފައިވާ ކަމަށް ސަމީރު ވިދާޅުވިއެވެ.
ކަރެކްޝަނުގެ ލީގަލް ޓީމުގެ ދެބޭފުޅަކާ ބައްދަލުކުރެވިފައިވާ ކަމަށާއި، އަދި ހޯމް މިނިސްޓަރާ ބައްދަލުކުރުމަށް މާދަމާއަށް އެޕޮއިންޓްމަންޓް ހަމަޖެހިފައިވާ ކަމަށް ސަމީރު ވިދާޅުވިއެވެ.
ސަމީރު ވިދާޅުވީ ގާސިމް ފުރުވާލުމަށްޓަކައި ހަމަޖައްސަންޖެހޭ ކަންކަން ހަމަޖައްސަމުންދާ ކަމަށް ކަރެކްޝަނުން ތަކުރާރުކޮށް ބުނާ ކަމަށާއި، އެކަމަކު ލަސްވަނީ ކޮން ސަބަބަކާހެދިކަން ބުނެނުދެވޭ ކަމަށެވެ. އަދި ވިދާޅުވީ ކަމާގުޅުންހުރި ހުރިހާ ލިޔެކިޔުމެއް ކަމާބެހޭ ފަރާތްތަކަށް ހުށަހަޅާފައިވާ ކަމަށާއި، ފުރުން ލަސްވާންޖެހޭ ސަބަބެއް ނެތް ކަމަށެވެ.
ސަމީރު ވިދާޅުވީ ހިއުމަން ރައިޓްސް ކޮމިޝަނުގެ ބޭފުޅުންނާ ވެސް މިއަދު ބައްދަލުކޮށް، ގާސިމާއިމެދު ކަން ހިނގަމުންދާ ގޮތުގެ މައުލޫމާތު ހިއްސާކޮށްފައިވާ ކަމަށެވެ.
ގާސިމް ބޭސްފަރުވާއަށް ބޭރަށް ފޮނުވުމަށް އެއްވެސް ހުރަހެއް އޮންނަން ނުޖެހޭކަން ކޯޓު ހުކުމުން ވަރަށް ސާފު ކަމަށާއި، އެމަނިކުފާނު ބޭސްފަރުވާއަށް ނުފޮނުވާ ލަސްކުރަމުންދިއުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ސަމީރު ވިދާޅުވިއެވެ.
އަދި ވިދާޅުވީ ވީހާވެސް އަވަހަކަށް އެމަނިކުފާނަށް ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ފުރާވަޑައިގަނެވޭގޮތް ވުމީ އާއިލާއާއި ހެދޔޮއެދޭ ފަރާތްތަކުގެ ވަރަށް ބޮޑު އުންމީދެއް ކަމަށެވެ.
ގާސިމް އިބްރާހިމްގެ ހާލުކޮޅު ސީރިއަސްވެ ރާއްޖެއިން ބޭރުން ބޭސްފަރުވާ ކުރުމުގެ ފުރުސަތު ދިނުމަށް ކޯޓުން ހުކުމްކޮށްފައިވާއިރު، މޯލްޑިވްސް ކަރެކްޝަނަލް ސާރވިސްއިން ކަނޑައެޅި ޑޮކްޓަރުވެސް ވަނީ ގާސިމަށް ރާއްޖެއިން ދެވޭނެ ފަރުވާއެއް ނެތް ކަމަށާއި، ރާއްޖެއިން ބޭރަށް ފޮނުވައިގެން ފަރުވާ ދިނުމަށް ލަފާދެއްވާފައެވެ.
މައުލޫމާތު ލިބިފައިވާގޮތުގައި ގާސިމްގެ ސިއްހީ ހާލަތު ބައްލަވާ ވަޒަންކުރުމަށް މޯލްޑިވްސް ކަރެކްޝަނަލް ސާރވިސްއިން ކަނޑައެޅީ މެޑިކާގެ ޑޮކްޓަރު ޑރ.އަބުދުލް އަޒީޒު އަހުމަދެވެ.
ރާއްޖޭގައި ހުރި ހިތުގެ އެންމެ މޮޅު ޑޮކްޓަރު، ޑރ އަލީ ޝަފީގުވެސް ވަނީ ގާސިމަށް ފަރުވާ ދިނުމަށްޓަކައި އީ.ޕީ.އެސް އާއި އާރު.އެފް.އޭ ނަމަކަށް ކިޔާ އޮޕަރޭޝަނެއް ކުރަންޖެހޭ ކަމަށާއި، މިއީ ރާއްޖެއިން ކުރެވޭނެ އޮޕަރޭޝަންތަކަކަށް ނުވާތީ ވީހާވެސް އަވަހަށް ރާއްޖެއިން ބޭރަށް ގެންދިއުމަށް ލަފާދެއްވާފައެވެ.
މިމަހުގެ 24 ވަނަ ދުވަހުގެރޭ ދަންވަރު ކްރިމިނަލް ކޯޓުން ގާސިމްގެ މައްޗަށް އިއްވި 3 އަހަރުގެ ޖަލު ހުކުމުގައި އަދަބު ތަންފީޒު ކުރުމަކީ، ރާއްޖެއިން ބޭރުން ހެދުމަށް ޑޮކްޓަރުން ލަފާދެއްވާފައިވާ ޓެސްޓުތައް ހެދުމާއި، ލިބެންޖެހޭ ފަރުވާ ލިބުމަށް އޮތް ހުރަހަކަށް ވެގެން ނުވާނެ ކަމަށާއި، އެފަރުވާތައް ގާސިމް އިބްރާހީމަށް ރާއްޖެއިން ބޭރުން ހޯދޭނެ އިންތިޒާމް ހަމަޖައްސައިދިނުމަށް ކަމާބެހޭ އިދާރާތަކުގެ މައްޗަށް ވަނީ އަމުރުކޮށްފައެވެ.
ގާސިމް ބޭރަށް ފޮނުވުމުގެ މަސައްކަތުގައި އެއްވެސް ކުރިއެރުމެއް ނުލިބޭ: ޖުމްހޫރީ ޕާޓީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ