ސުޕްރީމް ކޯޓު އުވާލުމަށް ދިޔާނާ ގޮވާލައްވައިފި

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު އުވާލުމަށް ކުރީގެ ބަންޑާރަނައިބް ދިޔާނާ ސައީދު ގޮވާލައްވައިފި އެވެ.
މަޝްހޫރު ގާނޫނީ ވަކީލް ދިޔާނާ ސައީދު މިކަމަށް ގޮވާލެއްވީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ޕާޓީން ވަކިވެއްޖެނަމަ އަދި ވަކިކޮށްފިނަމަ ނުވަތަ އެހެން ޕާޓީއަކާ ގުޅިއްޖެނަމަ އެ މެމްބަރެއްގެ ގޮނޑި ގެއްލޭގޮތަށް ސްޕްރީމް ކޯޓުން މިމަހުގެ 13 ވަނަ ދުވަހު ހުކުމްކުރުމާ ގުޅިގެން އެ ހުކުމަށް ފާޑު ވިދާޅުވެ ކުރައްވާފައިވާ ޓްވީޓްތަކެއްގަ އެވެ.
ދިޔާނާ ސައީދު ވިދާޅުވީ ސުޕްރީމް ކޯޓަށް ލިބިފައިވާ ގާނޫނީ ބާރުގެ ބޭރުން ތަކުރާރުކޮށް ބާރުގެ ބޭނުންކޮށް ގާނޫނު އަސާސީ ބަދަލުކޮށްފައިވާ ކަމަށެވެ. އެ ނިންމުންތަކުގެ ސަބަބުން ސުޕްރީމް ކޯޓަކީ އިންސާފުވެރިކަމާ ދެކޮޅު ތަނެއް ކަން ތަކުރާރުކޮށް ސާބިތުކޮށްދީފައިވާ ކަމަށްވެސް ވިދާޅުވި އެވެ. އެހެންކަމުން ރައްޔިތުންގެ މަޖިލީހުން ސުޕްރީމް ކޯޓު އުވާލުމަށް ދިޔާނާ ވަނީ ގޮވާލައްވާފަ އެވެ.
މެންބަރުންގެ ގޮނޑި ގެއްލުމާ ގުޅޭ ގޮތުން ސުޕްރީމް ކޯޓުން ކުރި ހުކުމަށް ފާޑު ވިދާޅުވަމުން ދިޔާނާ ވިދާޅުވީ ސުޕްރީމް ކޯޓުގެ ނިންމުމަކީ ނުކިއްސަރު އިޖުރައާތަކުން ހިންގާފައިވާ އަދި މުތުލަގަށް ގާނޫނު އަސާސީއާ ހިލާފަށް ނިންމާފައިވާ ނިންމުމެއް ކަމަށެވެ. އެހެންކަމުން ސައްހަ ހުކުމެއްގެ ގޮތުގައި ސުޕްރީމް ކޯޓުގެ ހުކުމް ބަލައިގަނެގެން ނުވާނެ ކަމަށްވެސް ވިދާޅުވި އެވެ.
ދިޔާނާ ވަނީ ރައްޔިތުންގެ މަޖިލީހަށް ގާނޫނު އަސާސީން ދީފައިވާ ބާރުތައް އެ މަޖިލީހުގެ އަތްމައްޗަށް މިހާރުން މިހާރަށް ގެނައުމަށްވެސް ގޮވާލައްވާފަ އެވެ. އަދި ސުޕްރީމް ކޯޓުގެ ހުކުމާ ގުޅިގެން އެތައް މައްސަލަތަކެއް ދިމާވެފައިވާ ކަމަށް ބައެއް ގާނޫނީ ބޭފުޅުން ވިދާޅުވާތީ އެކަމަށް އިޝާރާތް ކުރައްވާ ދިޔާނާ ވިދާޅުވީ އެމައްސަލަތައް ވަގުތުން ހައްލުކުރަން ޖެހޭ ކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް އަމާޒުކުރައްވާ ދިޔާނާ ވިދާޅުވީ މަޖިލީހުގެ ބާރުތައް ހޯދަން މިއަދު ނުތެދުވެއްޖެނަމަ ސުޕްރީމް ކޯޓުގެ ހުކުމާ ގުޅިގެން ގޮނޑި ގެއްލޭ މެންބަރުންނަށް އަލުން އިންތިހާބުގައި ވާދަނުކުރެވޭނެ ކަމަށް ސުޕްރީމް ކޯޓުން މާދަމާ ނިންމާފާނެ ކަމަށެެވެ. އެހެންކަމުން މަޖިލިސް ދިފާއުކުރަން ދިޔާނާ ވަނީ ގޮވާލައްވާފަ އެވެ.
ދިޔާނާ ސައީދު ވަނީ ބަންޑާނައިބްގެ އިތުރުން ހިއުމަން ރައިޓްސް މިނިސްޓަރު ކަންވެސް ކުރިން ކުރައްވާފަ އެވެ. އަދި ސާކުގެ ސެކްރެޓަރީ ޖެނަރަލްގެ މަގާމުވެސް ދިޔާނާ ވަނީ ފުރުއްވާފަ އެވެ. މީގެ އިތުރުން މިހާރު އަމަލުކުރަމުންދާ ގާނޫނު އަސާސީ އެކުލަވާލި ހާއްސަ މަޖިލީހުގެ މެންބަރުކަން ވެސް ދިޔާނާ ވަނީ ކުރައްވާފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ