ނާޒިމްގެ ކޮޓަރިން ފެނުނު ފިސްތޯލައިގެ ހަގީގަތް ހާމަކުރެއްވުމަށް އަދީބުގެ ސިޓީއެއް ސުޕްރީމް ކޯޓަށް!

ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމްގެ ކޮޓަރިން ފެނުނު ފިސްތޯލައިގެ ހަގީގަތް ހާމަކޮށްދެއްވަން ތައްޔާރަށް ހުންނެވި ކަމަށް ވިދާޅުވެ، ކުރީގެ ނައިބު ރައީސް އަދި މި ސަރުކާރުގައި އެއް އިރެއްގައި ނާޒިމްއާ އެންމެ ގާތުން މަސައްކަތް ކުރެއްވި އަހުމަދު އަދީބު ސުޕްރީމް ކޯޓަށް ސިޓީއެއް ފޮނުއްވައިފި އެވެ.
"މިހާރު" އަށް ކަށަވަރުވެފައިވާ ގޮތުގައި، މިހާރު ދޫނިދޫ ޖަލުގައި ހުންނެވި އަދީބު ފޮނުއްވި މި ސިޓީގައި އެމަނިކުފާނު ވިދާޅުވެފައި ވަނީ އެ ފިސްތޯލައާ ބެހޭ އެއްވެސް މައުލޫމާތެއް ނާޒިމަށް އެނގިވަޑައިނުގަންނަވާ ކަމަށެވެ.
"ނާޒިމަށް އެނގިވަޑައިގަންނަވާ މިންވަރަކުން ހަގީގަތް ކިޔައި ދެއްވަން ތައްޔާރަށް ހުންނެވި ކަމަށް އެ ސިޓީގައި އަދީބު އޮތީ ވިދާޅުވެފައި،" ރައީސް އަބްދުﷲ ޔާމީންގެ ރަސްމީ ލޯންޗްކޮޅު ގޮއްވާލުމުގެ މައްސަލަ އާއި އެހެނިހެން ބޮޑެތި މައްސަލަތަކުގައި 33 އަހަރުގެ ޖަލު ހުކުމް ތަންފީޒު ކުރައްވަމުން ގެންދަވާ އަދީބުގެ ސިޓީގެ މައުލޫމާތު އެނގިވަޑައިގަންނަވާ ބޭފުޅަކު "މިހާރު" އަށް ވިދާޅުވި އެވެ.
އެކަމަކު މި ސިޓީއާ ގުޅޭ ގޮތުން ނާޒިމާއި އަދީބުގެ ފަރާތުން ވެސް މީޑިއާ އަށް އަދި އެއްވެސް ކޮމެންޓެއް ނުކުރެ އެވެ. ރަސްމީ އެއްވެސް ފަރާތެއްގެ ބަހެއް ވެސް އަދިއެއް ނުލިބެ އެވެ.
ސުޕްރީމް ކޯޓުގައި އޮތް އަޑުއެހުމަކަށް ނާޒިމް ގެންދަނީ.---މިހާރު ފައިލް ފޮޓޯ
ޖެނުއަރީ 2015 ގައި ގ. އެނިފްގޭގައި ނާޒިމް ދިރިއުޅުއްވާ އެޕާޓްމެންޓްގައި ހުރި އޭނާގެ ކޮޓަރިން ފިސްތޯލައެއް ފެނުނު މައްސަލާގައި ނާޒިމްގެ މައްޗަށް ވަނީ 11 އަހަރުގެ ޖަލު ހުކުމެއް އައިސްފަ އެވެ.
އެކަމަކު އެ ހުކުމާ ގުޅިގެން ހައި ކޯޓުގެ މަރުހަލާ ނިމި ސުޕްރީމް ކޯޓުގައި އިސްތިއުނާފުގެ އަޑުއެހުން ކުރިއަށް ދަނިކޮށް، ޖޫން 21، 2016 ގައި ފުލުހުން ބުނެފައި ވަނީ ނާޒިމްގެ ކޮޓަރިން ފެނުނު ފިސްތޯލައިން އަދީބުގެ ޑީއެންއޭ ފެނިފައިވާ ކަމަށެވެ. އެކަމަކު ނާޒިމް ފްރޭމް ކޮށްފައިވާ ކަމަށް ބުނަން އަވަސް ކަމަށް ފުލުހުން އޭރު ބުނެފައިވެ އެވެ.
ނާޒިމްގެ ވަކީލުން ބުނާގޮތުން އޭނާގެ ކޮޓަރީގައި ފިސްތޯލަ ބޭއްވީ އާސިފް ނަމަކަށް ކިޔާ ފުލުހެކެވެ. އޭނާ އެކަން ކުރި ކަމުގެ ހެކިން އެބަތިބި ކަމަށް ވެސް ނާޒިމްގެ ވަކީލުން ބުނެފައިވެ އެވެ. އެކަމަކު ދައުލަތުން ބުނަމުންދަނީ އެއީ ދޮގު ވާހަކަތަކެއް ކަމަށާއި އެ ހެކިން ކޯޓަށް ގެންނަންޖެހޭ ކަމަށް ގަބޫލު ނުކުރާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ