ރާއްޖޭގެ މަސްވެރިކަން މިހާރަށް ވުރެ ފުޅާކޮށް މަސްވެރިކަމުން މަދުވެގެން 400 މިލިއަން ޑޮލަރު ދައުލަތަށް ލިބޭނެ ގޮތް ޖުމްހޫރީ ޕާޓީގެ ވެރިކަމެއްގައި ހަޖައްސާނެ ކަމަށް އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހީމް ވިދާޅުވެއްޖެ އެވެ.
ފުވައްމުލަކުގައި ރޭ ބޭއްވި ކެމްޕޭން ޖަލްސާގައި ވާހަކަ ދައްކަވަމުން ގާސިމް ވިދާޅުވީ ރާއްޖޭގެ އިގްތިސޯދު މިހާރު އޮތް ގޮތަށް ބަލާ އިރު ދިރިއުޅުމުގެ މައިގަނޑު އެއްޗަކީ ޓޫރިޒަމް ކަމަށެވެ. އަދި ޓޫރިޒަމަށް ކުޑަކުޑަ ހީނަރުމަކެއް އައިސްފި ނަމަ އެކަމުގެ ސަބަބުން ދިވެހީންގެ ދިރިއުޅުމަށް ބޮޑެތި ދަތިތަކަކާ ކުރިމަތިލާން ޖެހޭނެ ކަމަށާއި އެހެންކަމުން އެކަން ހައްލު ކުރުމަށް ޓަކައި މަސްވެރިކަން މިހާރަށް ވުރެ ބޮޑަށް ތަރައްގީ ކުރަން ޖެހިފައިވާ ކަމަށް ގާސިމް ވިދާޅުވި އެވެ.
މަސްވެރިކަމަށް އިތުރު ދޯނިފަހަރު ބަނދެ "ގިރިބޮއި" އަޅައި މަސްވެރިކަން އިތުރަށް ތަރައްގީ ކުރުމުގެ މަސައްކަތް ޖުމްހޫރީ ޕާޓީގެ ވެރިކަމެއްގައި ކުރާނެ ކަމަށާއި އޭގެ ނަތިޖާއެއްގެ ގޮތުން 400 މިލިއަން ޑޮލަރު ދައުލަތަށް ވަންނާނެ ކަމަށް ގާސިމް ވިދާޅުވި އެވެ.
މަސްވެރިކަން ތަރައްގީ ކުރުމަށްކުރެވޭ އެ މަސައްކަތުގެ ސަބަބުން 400 މިލިއަން ޑޮލަރު ދައުލަތަށް ލިބޭނެ ގޮތް ހެދުމުން ޑޮލަރުގެ އަގު މިހާރަށް ވުރެ ތިރިވެގެންދާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އޭގެ ނަތީޖާއެއްގެ ގޮތުން މަދުވެގެން 400 މިލިއަން ޑޮލަރު ދައުލަތަށް ވައްދައިދޭނެ. އޭރުން ޑޮލަރުގެ އަގު މިހާރަށް ވުރެ ތިރި ކުރެވޭނެ ކަން ކަށަވަރު. އެނޫން އެހެން ގޮތަކަށް ނެތް ޑޮލަރުގެ އަގު ތިރި ކުރެވޭކަށް،" ގާސިމް ވިދާޅުވި އެވެ.
ގާސިމް ވިދާޅުވީ ސަރުކާރުގެ ޚަރަދުތައް ދެކޮޅު ނުޖެހެނީ ކޮރަޕްޝަންގެ ސަބަބުން ކަމަށާއި އެކި އެކި ޕްރޮޖެކްޓުތަކަށްދާ ޚަރަދަށް ވުރެ އިތުރަށް އަމިއްލަ ޖީބަށް ފައިސާ ވަންނަމުންދާ ކަމަށެވެ. އެފަދަ ކަންތައްތައް ވިޔަ ނުދިނުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ޖުމްހޫރީ ޕާޓީގެ ވެރިކަމެއްގައި ކުރައްވާނެ ކަމަށް ވެސް ގާސިމް ވިދާޅުވި އެވެ.
ރޭގެ ޖަލްސާގައި ފުވައްމުލަކުގެ ތަރައްގީއަށް ޖުމްހޫރީ ޕާޓީގެ ސަރުކާރުން ކުރުމަށް ގަސްތުކުރައްވާ ބައެއް ކަންތައްތައް ވެސް ގާސިމް ވަނީ އާންމުންނާ ހިއްސާ ކުރައްވާފަ އެވެ.
މަސްވެރިކަމުން 400 މިލިއަން ޑޮލަރު ދައުލަތަށް ލިބޭނެ ގޮތް ހަދާނަން: ގާސިމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ