"ރައީސް ޔާމީން 2018 ސްޕޯޓްސް ފިއެސްޓާ" ގެ އޮންލައިން މީޑިޔާ ޕާޓްނަރަކަށް "ވަގުތު"

ޕީޕީއެމް އިން އިސްނަގައިގެން ޒުވާނުންނަށް ހާއްސަކޮށް ބާއްވަން ތާވަލުކޮށްފައިވާ "ރައީސް ޔާމީން 2018 ސްޕޯޓްސް ފިއެސްޓާ" ގެ އޮންލައިން މީޑިޔާ ޕާޓްނަރަކަށް "ވަގުތު" ހަމަޖައްސައި އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.
މިއީ މިހާތަނަށް ރާއްޖޭގައި ބާއްވާ އެންމެ އަގުބޮޑު ކުޅިވަރުގެ މުބާރާތެވެ. މިއަދު މެންދުރު ޕީއެސްއެމްގެ ރޭޑިޔޯ ބިލްޑިންގގައި ބޭއްވި ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި "ވަގުތު"ގެ ފަރާތުން ސޮއިކުރެއްވީ އެ ނޫހުގެ މާކެޓިންގ އެސިސްޓެންޓް އަހުމަދު އަޝްހާދު އަބްދުﷲ އެވެ. އަދި ޕީޕީއެމްގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ ރައްޔިތުންގެ މަޖިލީހުގެ ގެމަނަފުށީ ދާއިރާގެ މެންބަރު ޖަމީލް އުސްމާންއެވެ.
މި އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު ޖަމީލް އުސްމާން ވިދާޅުވީ، މި މުބާރާތަކީ ރާއްޖޭގެ ބޭއްވޭ އެންމެ ވަރުގަދަ އެއް މުބާރާތްކަމަށް ވެގެންދާނެ ކަމަށެވެ. ޖަމީލް ވިދާޅުވިގޮތުގައި، މިހާރުވެސް މި މުބާރާތުގައި ބައިވެރިވުމަށް ރާއްޖޭގެ އެކި ކަންކޮޅުތަކުން ވަރަށް ގިނަ ޒުވާނުންތަކެއް ދަނީ ގުޅަމުންނެވެ.
"އަޅުގަނޑު ފާހަގަކޮށްލަން ބޭނުން މިފަދަ މުބާރާތެއް ބޭއްވުމަށްޓަކައި އެދޭ ވަރަށް ގިނަ ޒުވާނުން އެބަތިބި. ރައީސް ޔާމީން ބިނާކޮށްދެއްވާފައިވާ ވޮލީކޯޓްތަކުގައި އާއި ފުޓްސެލް ދަނޑުތަކުގައި ވާދަވެރިގޮތެއްގައި، މުބާރާތެއް ބޭއްވުމަށްޓަކައި ވަރަށް ގިނަ ޒުވާނުން އެދެމުން ދިޔަ". ޖަމީލް ވިދާޅުވިއެވެ.
ޖަމީލް އިތުރަށް ވިދާޅުވީ، މި މުބާރާތަކީ ޒުވާނުންގެ އެއްބާރުލުމާއެކި، އެ މީހުންގެ ހުނަރު ޓީވީތަކާއި، އަދި ނޫސްތަކުން ފެނިގެންދާނެކަމަށެވެ.
މި ސްޕޯޓްސް ފިއެސްޓާގެ ތެރެއިން އަންހެން ބޭފުޅުންނަށް ހާއްސަ ވޮލީ މުބާރާތަކާއި، ފިރިހެން ބޭފުޅުންނަށް ހާއްސަ ފުޓްސެލް މުބާރާތެއް އޮންނާނެއެވެ. އަންނަ އޮކްޓޯބަރު ތެރޭގައި މި މުބާރާތްތަށް ފެށޭއިރު މިހާރުން ފެށިގެން މި މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ. މި މުބާރާތުގައި ކޮންމެ ރަށަކުންވެސް ބައިވެރިވެވޭނީ އެއް ޓީމަށެވެ.
މި މުބާރާތުގެ މީޑިޔާ ޕާޓްނަރުންގެ ގޮތުގައި "ވަގުތު" "ޕީއެސްއެމް" އަދި "ޔޫތް ޓީވީ" ހިމެނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ