އިންތިހާބަކާ ނުލަ ވެސް 2018 ގައި ރައީސް ޔާމީން ހޮވިދާނެ: އަބްދުއްރަހީމް

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އިދިކޮޅު ފަރާތްތަކުން ވާދަ ކުރާނެ ކެންޑިޑޭޓެއް ނެތް ކަމަށާއި އިންތިހާބަކާ ނުލައި ވެސް ރައީސް އަބްދުﷲ ޔާމީން ހޮވިވަޑައިގެންފާނެ ކަމަށް ވެރިކަން ކުރާ ޕީޕީއެމްގެ ނައިބް ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.
އާއްމު ފަރާތަކަށް ތިން އަހަރު ދުވަހަށް ތަރައްގީ ކުރުމަށް ދިނުމަށްފަހު މާލެހިޔާ ސަރަހައްދުގައި ހަދާފައިވާ ޕީޕީއެމްގެ ޖަގަހަ ރުމާލު 2 ހުޅުވަން ރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އަބްދުއްރަހީމް ވިދާޅުވީ ރައީސް ޔާމީނާ ވާދަ ކުރާނެ އިދިކޮޅު ކެންޑިޑޭޓަކު އަދި ދެއްކިފައި ނުވާ ކަމަށެވެ.
"އަޅުގަނޑުމެންނަކަށް ނުފެނޭ ވާދަވެރި ފަރާތްތަކުން 2018 ގެ ނެރޭނެ ކެންޑިޑޭޓަކު. އެހެންވީމަ ފަހަރެއްގަ އިންތިހާބަކާ ނުލައި ވެސް އިރާދަ ކުރެވިއްޖެއްޔާ މި އިންތިހާބު ކާމިޔާބުކޮށް ރައީސް ޔާމީން އިންތިހާބު ވެގެން ހިނގައިދާނެ،" އަބްދުއްރަހީމް ވިދާޅުވިއެވެ.
ރައީސް ޔާމީނަށް އޮތް ތާއީދު ދައްކަން ޕީޕީއެމުން އަތޮޅު ތެރޭގައި ހަފުތާ ބަންދާ ދިމާކޮށް ބޭއްވި ހަރަކާތްތަކަށް އިޝާރާތް ކުރައްވާ އަބްދުއްރަހީމް ވިދާޅުވީ ރައްޔިތުން ރައީސް ޔާމީން ބޭނުންވާކަން ދައްކައިދީފި ކަމަށެވެ.
އެރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އަބްދުއްރަހީމް ވިދާޅުވީ ކުރިއަށް އޮތްތަނުގައި ޕީޕީއެމްގެ ޖަގަހައާއި ރައީސް ޔާމީންގެ ކެމްޕޭން އޮފީސް ގުޅިގެން ކުރިއަށް އޮތްތަނުގައި ހުއްޓުމެއް ނެތި ހަރަކާތްތައް ހިންގަމުންދާނެ ކަމަށެވެ. އެހަރަކާތްތަކަށް ހުއްޓުމެއް ދެން އަންނާނީ 2018 ގައި ރައީސް ޔާމީން އިންތިހާބު ކުރުމަށްފަހު ކަމަށް ވެސް އަބްދުއްރަހީމް ވިދާޅުވިއެވެ.
އިދިކޮޅު ފަރާތްތަކުން ވާދަ ކުރާނެ ކެންޑިޑޭޓެއް ނުފެންނަ ކަމަށް އަބްދުއްރަހީމް ވިދާޅުވި އިރު އިދިކޮޅު ފަރާތްތަކަށް ދަނީ އެކި އެކި ގޮންޖެހުންތަކާ ފިއްތުންތަކާ ކުރިމަތިވަމުންނެވެ. އިދިކޮޅު ގިނަ ލީޑަރުން އެކިއެކި ހުކުމުތަކުގައި ތިއްބެވި އިރު ދެން ތިއްބެވި ބޭފުޅުންގެ މައްޗަށް ވެސް އެކި މަރުހަލާތަކުގައި މައްސަލަތައް ބާރު ސްޕީޑުގައި ދަނީ ބެލެމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ