ސިޔާސީ ޚިޔާލު ތަފާތުވުންތަކާއި ރުޅިވެރިކަން އެއްފަރާތްކޮށް ޢީދުގެ އުފަލުގައި ހުރިހާ ރައްޔިތުން ބައިވެރިވުމަށް އިލްތިމާސްކުރަން : ޢަދާލަތު

1432 ވަނަ އަހަރުގެ އަޟުހާ ޢީދު ނަމާދު ޖަމާޢަތް އިސްލާމީ މަރުކަޒުގެ ބޭރުގައި. | ދިއިސްލާމް ފޮޓޯ: އަޝްވާގުސިޔާސީ ޚިޔާލު ތަފާތުވުންތަކާއި ރުޅިވެރިކަން އެއްފަރާތްކޮށް މާދަމާ ފާހަގަކުރާ ފިޠުރު ޢީދުގެ އުފަލުގައި ހުރިހާ ރައްޔިތުން ބައިވެރިވުމަށް ޢަދާލަތު ޕާޓީން އިލްތިމާސް ކޮށްފި އެވެ.އެ ޕާޓީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ޢީދަކީ އެންމެހައި މުސްލިމުންނަށް އަންނަ އެންމެ އުފާވެރި ދުވަސް ކަމަށާއި އެހެންވުމާއެކު ސިޔާސީ ބައިބައިވުންތަކަށްޓަކައި މި މުޤައްދަސް އިސްލާމީ މުނާސަބަތު ފަނޑުވިޔަ ދެވިގެން ނުވާނެ ކަމަށެވެ. އަދި ޢީދުނަމާދު ކުރުމަށް އެންމެ މާތްވެގެންވާ އަދި ސުންނަތް ގޮތަކީ ހުސްމައިދާނުގައި ފިރިހެން އަންހެން، ކުދިބޮޑު އެންމެން ޖަމާވެ އެނަމާދު ކުރުން ކަމަށާއި ނަމާދުކޮށް ނިމުމުން އެންމެން ސަލާމް ގަލާމްކޮށް ހިތްހެޔޮކޮށް އިސްލާމީ އުޚުއްވަތްތެރި ކަމުގެ ގުޅުން އާލާކުރުން ކަމަށް ޢަދާލަތުން ބުނެފައިވެ އެވެ.“މިމާތް އިޖުތިމާޢީ ސުންނަތް ދިވެހިރާއްޖޭގައި އާލާކުރެވުމަކީ ޢަދާލަތުޕާޓީގެ ފަރާތުން ނުހަނު އުފާކުރާކަމެކެވެ. މިމާތް ސުންނަތް ދިރުވުމަށް މިއަށްވުރެ ވަކި މުނާސަބު ވަގުތެއް އޮންނާނެތޯއެވެ؟ ނަމަވެސް ލޮބުވެތި ރަސޫލު ޞައްލަﷲ ޢަލައިހި ވަސައްލަމްގެ ސުންނަތާއި އެއްގޮތަށް މައިދާނުގައި ޢީދުނަމާދު ކުރުމަކީ “މިސްކިތްތައް ހުސްކޮށް، ކުޅޭދަނޑުތަކުގައި ނަމާދުކޮށް ދީނަކީ ކުޅިވަރެއް ކަމުގައި ހެދުން” ކަމުގައި ބައެއް ސިޔާސީ ފަރާތް ތަކުން ބުނަމުން ގެންދިއުމަކީ ޢަދާލަތުޕާޓީ ހިތާމަކުރާ ކަމެކެވެ.” ޢަދާލަތުގެ ބަޔާނުގައިވެ އެވެ.ޢަދާލަތުން ބުނެފައި ވަނީ އެ ޕާޓީން ކުރަމުންދާ ދީނީ އަދި ޤައުމީ މަސައްކަތްތަކަށް ނުނިޔަތް ލައިގެންއުޅޭ ބަޔަކު ފޭކް ޓްވިޓަރ އެކައުންޓެއް ހަދައި އެ ޕާޓީގެ ނަމުގައި ދޮގު ޚަބަރު ފަތުރަމުން އެބަގެންދާ ކަމަށެވެ. އެގޮތުން adhaalath@ މިނަމުގައި ހަދާފައިވާ ފޭކް ޓްވިޓަރ އެކައުންޓެއްގައި އަންނަ ބަރަކާތްތެރި ފިޠުރު ޢީދުގެ އުފަލުގައްޔާއި މައިދާނުގައި ކުރުމަށް ހަމަޖެހިފައިވާ ޢީދު ނަމާދުގައި ވަކިޕާޓީއެއްގެ ބަޔަކު ބައިވެރިވެގެން ނުވާނެކަމަށް ޢަދާލަތު ޕާޓީއަށް ނިސްބަތްކޮށް ސޯޝަލް މީޑިއާގައި ފަތުރަމުންދާ ކަމަށާއި، އޭގެ ބޭނުމަކީ އެޕާޓީއާމެދު މީސްތަކުންގެ ހިތްތަކުގައި ނަފުރަތު އުފެއްދުން ކަމަށް ބުނެފައިވެ އެވެ.“މި އެކައުންޓަކީ ޢަދާލަތުޕާޓީއާއި އެއްވެސް ގުޅުމެއް ނެތް ޢަދާލަތުޕާޓީ އެއެއްޗަކުން ބަރީއަވެގެންވާ އެކައުންޓެއް ކަމުގައި ދަންނަވަމެވެ. ޢަދާލަތުޕާޓީގެ ރަސްމީ ޓްވިޓަރ އެކައުންޓަކީ AdhaalathOffice@ ކަމުގައިވެސް މިފުރުސަތުގައި ދަންނަވަމެވެ.” އެބަޔާނުގައިވެ އެވެ.ޢަދާލަތުން ބުނެފައި ވަނީ ސިޔާސީ ޚިޔާލު ތަފާތުވުންތަކާއި ރުޅިވެރިކަން އެއްފަރާތްކުރައްވައި ވީހާވެސް ގިނަ ބޭފުޅުން ސްޓޭޑިއަމް ސަރަޙައްދުގައި ކުރެވޭ ޢީދު ނަމާދުގައި ބައިވެރިވެވަޑައިގެން ޢީދުގެ މާތްވެގެންވާ ނަބަވީ ސުންނަތް އޭގެ އެންމެ ފުރިހަމަ ގޮތުގައި ރާއްޖޭގައި ދިރުއްވެވުމުގައި ބައިވެރިވެވަޑައިގަތުމަށް އިލްތިމާސް ކުރާ ކަމަށެވެ. އަދި ބައިބައިވެފައިވާ ހިތްތައް އިސްލާމީ އަޚުވަންތަކަމުގެ ވާފަށުން އަލުން ގުޅާލުމަށް މި މަތިވެރި ފުރުޞަތުގެ ބޭނުން ހިއްޕެވުމަށްވެސް ޢަދާލަތުން ވަނީ ނަސޭހަތްތެރިވެފަ އެވެ.މިފަހަރުގެ ފިޠުރު ޢީދު ނަމާދުގެ ޖަމާޢަތް މާލޭގައި ހުސްމައިދާނެއްގައި ބޭއްވުމަށް އިސްލާމިކް މިނިސްޓްރީން ވަނީ ނިންމާފަ އެވެ. އެގޮތުން މާފަންނު ސްޓޭޑިއަމްގައި ޢީދު ނަމާދުގެ ޖަމާޢަތް ބޭއްވުމުގެ އިންތިޒާމް އެ މިނިސްޓްރީން ދަނީ ހަމަޖައްސަމުންނެވެ. އަދި ވީހާވެސް ގިނަ ބަޔަކު ސްޓޭޑިއަމްއަށް ޢީދު ނަމާދު ކުރުމަށް ވަޑައިގަތުމަށް މިނިސްޓްރީން ވެސް ވަނީ އިލްތިމާސްކޮށްފަ އެވެ. “ވީހާވެސް ގިނަ ބަޔަކު، އަންހެނުންނާއި ކުޑަކުދިންނާއި އެންމެހާ ޒުވާނުން ޢީދު ނަމާދާށް މައިދާނަށް ވަޑައިގަތުމަށް އެދެން. އެގޮތަށް މައިދާނުގައި ޢީދު ނަމާދު ކުރުމަކީ ކީރިތި ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ މަތިވެރި ސުންނަތެއް. މިކަން މިހާ ފުޅާކޮށް މިހާ ބޮޑުކޮށް ކުރެވި މުސްލިމުންގެ ބޮޑު ޖަމާއަތެއް އެއްތާކުން ފެނުމަކީ ގައުމުގެ ހައިބަތާއި ޤަދަރު ބޮޑުވާނެކަމެއް.” އިސާލމިކް މިނިސްޓަރ ޝައިޚް މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ