އަނިޔާވެރި ވެރިއެއްގެ ކަސްތޮޅުން ފުރާނަ އާއި މުދާ ސަލާމަތް ކުރެވޭތޯ ދިވެހިން މަސައްކަތް ކުރަން ޖެހޭ ކަމަށް ޖަލު ހުކުމެއް ތަންފީޒު ކުރައްވަން ޖެހިވަޑައިގެންނެވުމުން މިހާރު ޖަރުމަނުވިލާތައް ވަޑައިގެން ހުންނެވި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް މިރޭ ވިދާޅުވެއްޖެ އެވެ.
ގާސިމް މިހެން ވިދާޅުވީ 2015 ވަނަ އަހަރުގެ މޭޑޭގައި އިދިކޮޅު ފަރާތްތަކުން މާލޭގައި ބޭއްވި މުޒާރާއާ ގުޅިގެން އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ އަށް އިއްވި 12 އަހަރުގެ ޖަލު ހުކުމުގައި އޭނާ ހުންނަވާތާ 1000 ދުވަސް ފުރުން ފާހަގަކުރުމަށް ގުޅިފައިވާ ޕާޓީތަކުން ކުރިއަށް ގެންދާ ޖަލްސާއަށް ފޮނުވި ހިޠާބެއްގައެވެ.
ގާސިމްގެ ހިޠާބުގައި ވަނީ މޭޑޭ މުޒާހަރާގައި ބައިވެރިވި އެންމެންނަށް ޝުކުރު އަދާ ކުރައްވާފައެވެ. "މޭޑޭގެ ބޮޑު އެއްވުމުގައި ބައިވެރިވި އެންމެހާ ދިވެހި ރައްޔިތުންނަށް މިއަދު ޝުކުރު ދެންނެވުމަކީ ނުކޮށް ދޫކޮށްލެވޭ ވަރުގެ ކަމެއް ނޫން." އޭނާ ވިދާޅުވި އެވެ.
ގާސިމް ވިދާޅުވީ ދިވެހިން މިއަދު ތަޖުރިބާ ކުރަން ޖެހިފައި ވަނީ މިއިން ޒަމާނެއްގައި ވެސް ދެކެފައި ނުވާ ފަދަ އަނިޔާވެރިކަމަކާއި ފިއްތުންތަކެއް ކަމަށެވެ. އަދި އޭނާ ވިދާޅުވީ މިއަދު ވެރިކަމުގައި ތިބީ ގައުމަށްވުރެ އަމިއްލަ މަސްލަހަތު އިސްކޮށްގެން ތިބި ބައެއް ކަމަށެވެ.
އޭނާ ވިދާލުވީ އެ ފަސާދައިން މިންޖުވެވެން އޮތީ ފަނޑިޔާރުންނާއި ސިފައިންނާއި ފުލުހުން މައްސޫލިއްޔަތު އަދާކުރައްވައިގެން ކަމަށެވެ. އަދި ވަކި ފަރާތެއްގެ ނުފޫޒުގެ ދަށު ނުވެ މަސްއޫލިއްޔަތު އަދާ ކުރައްވަން ޖެހޭ ކަމަށެވެ.
"އަޅުގަނޑު ދެކޭ ގޮތުގައި، ދިވެހިން މިއަދު ކުރިމަތިލާން ޖެހިފައިވާ އަނިޔާވެރިކަމާއި ބޭއިންސާފާއި ފަސާދައިގެ އަމަލުތަކުން މިންޖުވެވެން އޮތީ، ގާނޫނު އަސާސީ އާއި ގާނޫނުތަކަށް ހުރުމަތްތެރިކޮށް ހިތައި، ތެދުވެރިކަމާއި އަމާނާތްތެރިކަމާ އެކު މާތް ﷲ ގަންދީކޮށްފައިވާ ހުވަޔާ އެއްގޮތަށް ފަނޑިޔާރުންނާއި ފުލުހުންނާއި ސިފައިން އެ ބޭފުޅުންގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް އަދާކޮށްގެން." ގާސިމް ވިދާޅުވިއެވެ.
"ކުރިމަތިކޮށްފާނެ ދައްޗަކަށް ބިރުވެތި ނުވެ ހަވާލުވެފައިވާ ޒިންމާ އާއި މަސްއޫލިއްޔަތު އަދާ ކުރުމަށް ގާނޫނު ތަންފީޒު ކުރާ ފަރާތްތަކަށް އަޅުގަނޑު އިހުލާސްތެރިކަމާ އެކު ދަންނަވަން." ގާސިމް ވިދާޅުވި އެވެ.
އިމްރާނަށް ލިބެމުންދާ އަނިޔާތަކަށް އިޝާރާތް ކުރައްވައި ގާސިމް ވިދާޅުވީ އިމްރާނަށް އިއްވާފައިވާ ޖަލު ހުކުމަކީ ސަރުކާރުގެ ބައެއް އިސްވެރިންގެ ހީލަތްތެރި ރޭވުމެއްގެ ތެރެއިން ހިންގާފައިވާ ބޮޑު ޖަރީމާއެއްކަން މިއަދު ހާމަވަމުން އަންނަ ކަމަށެވެ. އަދި ޝައިހް އިމްރާންގެ މައްޗަށް ކުރެވުނު ހުކުމް ސުޕްރީމް ކޯޓްގައި އިސްތިއުނާފު ކުރުމަށް ކުރެވުނު މައްސަލަ މައުޟޫޢީ ގޮތުން އަލުން ބައްލަވައި އަދުލުވެރި ނިންމެވުމެއް ނިންމަވައި ދެއްވުމަށް ސުޕްރީމް ކޯޓާއި ކަމާ ބެހޭ ފަރާތްތަކަަށް އޭނާ ވަނީ ގޮވާލައްވާފައެވެ.
"މިއަދު ދިވެހިން އެ މަނިކުފާނަށްޓަކައި ފަހުރުވެރި ވަނީ ހަރުދަނާކަމާ އެކު، ބަދަލު ނުވާ ސިޔާސަތެއްގައި އެ މަނިކުފާނު ގައުމަށް އިހުލާސްތެރިކަމާ އެކު ދެމިހުންނަވާތީ." ޝައިހް އިމްރާންއާއި ބެހޭ ގޮތުން ވާހަކަފުޅު ދައްކަވަމުން ގާސިމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މޭޑޭ މުޒާހަރާއާ ގުޅިގެން ސިޔާސީ ޕާޓީތަކުގެ އެހެން ވެރިންނާއި އާންމު ރައްޔިތުންގެ ތެރެއިން އެތައް ބަޔަކު ހުކުމެއް ނުކޮށް ޖަލުގައި ވާ ކަމަށާއި، އަނެއް ބަޔަކު އެ މީހުންގެ އުފަން ގައުމު ދޫކޮށް އަމިއްލަ އަށް އަރުވާލެވިގެން ބޭރުގެ އެކި ގައުމުތަކުގައި ދިރިއުޅެން ޖެހިފައިވާ ކަމަށެވެ.
އަނިޔާވެރިވެރިއެއްގެ ކަސްތޮޅުން ސަލާމަތް ވާން ދިވެހިން މަސައްކަތް ކުރަން ޖެހޭ - ގާސިމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ