ގުދުސްއަށް އެމްބަސީ ބަދަލުކުރަން ނިންމި މައްސަލާގައި ބޮޑުވަޒީރު އިސްތިއުފާ ދެއްވަން ރޫމޭނިއާގެ ރައީސް ގޮވާލައްވައިފި

އިސްރާއީލުގައި ހުރި ރޫމޭނިއާގެ އެމްބަސީ ގުދުސްއަށް ބަދަލުކުރަން ނިންމެވި މައްސަލާގައި ރޫމޭނިއާގެ ބޮޑުވަޒީރު ވިއޯރިކާ ޑަންސީލާ މަގާމުން އިސްތިއުފާ ދެއްވުމަށް ރޫމޭނިއާގެ ރައީސް ކްލައުސް ލޮހާނިސް ގޮވާލައްވައިފިއެވެ.
ރޫމޭނިއާގެ ރައީސް ކްލައުސް ނެރުއްވި ކުރު ބަޔާނެއްގައި ވިދާޅުވެފައިވަނީ، ވިއޯރިކާ ޑަންސީލާއަކީ ބޮޑުވަޒީރުކަމުގެ މަގާމަށް ކުފޫހަމަވާ ބޭފުޅެއް ނޫން ކަމަށެވެ. ޑަންސީލާ މަގާމަށް ކުފޫހަމަ ނުވުމުގެ ސަބަބުން އޭނާގެ ސަރުކާރު މިހާރުވެފައިވަނީ ރޫމޭނިއާއަށް ދިމާވެފައިވާ ބޮޑު މައްސަލައަކަށް ކަމަށްވެސް ރައީސްގެ ބަޔާނުގައި ވިދާޅުވެފައި ވެއެވެ.
ރޫމޭނިއާގެ ރައީސް މިއިޝާރާތް ކުރައްވަނީ، އިސްރާއީލުގައި ހުރި ރޫމޭނިއާ އެމްބަސީ ގުދުސްއަށް ބަދަލުކުރަން ސަރުކާރުން ސިއްރުން ނިންމި ނިންމުމަށެވެ.
ސަރުކާރުގެ ނިންމުމާ ރައީސް ކްލައުސް ލޮހާނިސްވަނީ ދެކޮޅު ހައްދަވާފައެވެ.
ރޫމޭނިއާގެ ގާނޫނުއަސާސީ ބުނާގޮތުން، ގައުމުން ބޭރުގައި އެގައުމު ތަންސީލު ކުރުމަށް އޮފީސްތައް ހުޅުވުމާއި ބަންދުކުރުމަކީ ރައީސްގެ ހުއްދަ ހޯދައިގެން ކުރަންޖެހޭ ކަމެކެވެ. ނަމަވެސް ގުދުސްއަށް އެމްބަސީ ބަދަލުކުރަން ބޮޑުވަޒީރު ނިންމެވިއިރު އެކަމުގެ އެއްވެސް މައުލޫމާތެއް ހިއްސާކުރައްވާފައި ނުވާކަމަށް ރައީސް ވިދާޅުވިއެވެ.
"މިއީ ވަރަށް ބޮޑު ގޯހެއް. ސަބަބަކީ ޚާރިޖީ ސިޔާސަތާ ގުޅޭ ކަންކަމުގައި ސިއްރު ނިންމުމެއް ނުނިންމޭނެ. އެކަމުގައި ރައީސާ މަޝްވަރާ ކުރަންޖެހޭނެ" ރޫމޭނިއާގެ ރައީސް ވިދާޅުވެފައި ވެއެވެ.
ރޫމޭނިއާގެ ބޮޑުވަޒީރު މަގާމުން ދުރުކުރުމުގެ ބާރެއް، ގާނޫނުއަސާސީން ރައީސަށް ލިބިދީފައެއް ނުވެއެވެ. ބޮޑުވަޒީރު މަގާމުން ދުރުކުރެވެނީ ޕާލަމެންޓަށެވެ.
ރޫމޭނިއާގައި ވެރިކަންކުރާ ސޯޝަލް ޑިމޮކްރެޓް ޕާޓީގެ ތެރޭގައި ބާރުތަކުގެ މައްސަލާގައި ހިނގަމުންދާ ކޯޅުންތަކުގެ ސަބަބުން ވިއޯރިކާ ޑަންސީލާއަކީ އެގައުމުގެ ބޮޑުވަޒީރުކަމަށް އަހަރު ދުވަހުގެ ތެރޭގައި ވަޑައިގެންނެވި ތިންވަނަ ބޮޑުވަޒީރެވެ. އޭނާގެ ކުރިން ވަޑައިގެންނެވި ދެ ބޮޑުވަޒީރުންވެސް ވަނީ މަގާމުން ދުރުކޮށްފައެވެ.
ފަލަސްތީނު-އިސްރާއީލު މައްސަލާގައި ރޫމޭނިއާއިން ގެންގުޅޭ ސިޔާސަތަށް އަލިއަޅުއްވާލައްވައި ރައީސް ކްލައުސް ލޮހާނިސް ކުރިން ވިދާޅުވެފައިވަނީ، އެ މައްސަލާގައި ރޫމޭނިއާގެ މަގާމު ބަދަލުނުވާ ކަމަށެވެ. މި މަރްހަލާގައި ރޫމޭނިއާގެ އެމްބަސީ ގުދުސްއަށް ބަދަލުކުރުން ވެގެންދާނީ ބައިނަލްއަގްވާމީ ގާނޫނުތަކާ ޚިލާފް އަމަލަކަށް ކަމަށްވެސް ރައީސް ލޮހާނިސް ވިދާޅުވިއެވެ.
ގުދުސްއަށް އެމްބަސީ ބަދަލުކޮށްފިނަމަ ރޫމޭނިއާ ވެގެންދާނީ، އެމެރިކާގެ ރައީސް ޓްރަމްޕްގެ ނިންމެވުމާ އެއްގޮތަށް ގުދުސްއަށް އެމްބަސީ ބަދަލުކުރާ ޔޫރަޕްގެ ފުރަތަމަ ގައުމަށެވެ.
އެހެން ނަމަވެސް، މިހަފްތާގައި އިސްރާއީލަށް ކުރެއްވި ދެދުވަހުގެ ދަތުރުފުޅަށްފަހު ރޫމޭނިއާގެ ބޮޑުވަޒީރު ވިއޯރިކާ ޑަންސީލާ ވިދާޅުވެފައިވަނީ، ގުދުސްއަށް އެމްބަސީ ބަދަލުކުރުމުގެ މަސައްކަތަށް މިމަރްހަލާގައި ބޭނުންވާ މިންވަރަށް ޕާޓީތަކުގެ ތާއީދު ނެތް ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ