ނަޝީދު ރާއްޖެ ޓީވީ އަށް ދެއްވި އިންޓަވިއުއެއްގެ މައްސަލަ ބަލަނީ

އިދިކޮޅު ސިޔާސީ ލީޑަރުންތަކެއް ދޫކޮށްލަން ސުޕްރީމް ކޯޓުން މިދިޔަ މަހުގެ އެކެއްގައި ނެރުނު އަމުރާ ގުޅިގެން، ކުރީގެ ރައީސް މުހައްމަދު ނަޝީދު ރާއްޖެ ޓީވީ އަށް ދެއްވި އިންޓަވިއުއެއްގެ މައްސަލަ މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުން ބަލަން ފަށައިފި އެވެ.
"މިހާރު" އަށް އެނގިފައިވާ ގޮތުގައި، ބްރޯޑްކޮމްގެ މެމްބަރަކު ހުށަހަޅުއްވައިގެން ބަލަމުން އަންނަނީ، ސުޕްރީމް ކޯޓުގެ ހުކުމް ތަންފީޒު ކުރަން ސަރުކާރުން ދެކޮޅު ހެދި މައްސަލައިގައި، އެކްޓިން ޕޮލިސް ކޮމިޝަނަރު އަބްދުﷲ ނަވާޒާއި ޗީފް އޮފް ޑިފެންސް ފޯސް، މޭޖަ ޖެނެރަލް އަހްމަދު ޝިޔާމް ހައްޔަރުކުރަން ނަޝީދު ވިދާޅުވި އިންޓަވިއުއެއް ރާއްޖެ ޓީވީން ބްރޯޑްކާސްޓު ކުރި މައްސަލަ އެވެ.
"ސުޕްރީމް ކޯޓަށް ސަރުކާރުން ގޮންޖެހުން" ނަމުގައި މިދިޔަ މަހުގެ ހަތަރު ވަނަ ދުވަހު ރާއްޖެ ޓީވީން ގެނެސްދިން ޕްރޮގްރާމްގައި ނަޝީދު ވާހަކަފުޅު ދެއްކެވީ، އެ ސްޓޭޝަނުން ބުނި ގޮތުގައި، ސުޕްރީމް ކޯޓުގެ ހުކުމް ތަންފީޒު ނުކުރައްވައި، އަމަލު ކުރައްވާނީ ބަންޑާރަ ނައިބު މުހައްމަދު އަނިލް ދެއްވާ ލަފަޔަށް ކަމަށް ނަވާޒާއި ޝިޔާމް ވިދާޅުވި މައްސަލައާ ގުޅޭ ގޮތުންނެވެ.
ރާއްޖެ ޓީވީގެ ސީއީއޯ ހުސެއިން ފިޔާޒް މިއަދު ވިދާޅުވީ އެ ސްޓޭޝަނާ ގުޅޭ މައްސަލަތައް މެމްބަރުން އަމިއްލަ އަށް ހުށަހަޅުއްވައިގެން ބަލަމުން އަންނަނީ، ރާއްޖެ ޓީވީއާ މެދު އިތުރު ފިޔަވަޅެއް އަޅަން ކަމަށެވެ. އެ ކޮމިޝަނުގައި ތިއްބެވި މެމްބަރުންގެ ހަމަހަމަކަމާއި އިންސާފުވެރިކަމާ ދޭތެރޭ ސުވާލު އުފެދެނީ އެފަދަ އަމަލުތަކުން ކަމަށް ފިޔާޒް ވިދާޅުވި އެވެ.
"ކޮމިޝަންގައި ތިއްބެވި މެމްބަރުންގެ ލޮލަކަށް ހަމަޔާއި އިންސާފެއް ނުފެނޭ. ރާއްޖެ ޓީވީގެ މައްސަލަތައް މެމްބަރުން އަމިއްލަ އަށް ހުށަހަޅުއްވައިގެން ވެސް ބަލަމުން މި އަންނަނީ،" ފިޔާޒް ވިދާޅުވި އެވެ.
ރާއްޖެ ޓީވީއާ ގުޅޭ މައްސަލަތައް މީގެ ކުރިން ވެސް ބްރޯޑްކާސްޓިން ކޮމިޝަނުން ބަލައި، އެ މައްސަލަތަކުގައި ބޮޑެތި އަދަދުތަކުން ޖޫރިމަނާ ކޮށްފައިވެ އެވެ. އަބުރު ރައްކާތެރިކުރުމާއި ޚިޔާލު ފާޅުކުރުމުގެ ގާނޫނުގެ ދަށުން، މިހާތަނަށް އެންމެ ބޮޑު ޖޫރިމަނާއެއް ދައްކަން ޖެހުނީ ވެސް އެ ސްޓޭޝަނަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ