ތ.ގުރައިދޫ އިން ކަރަންޓު ކެނޑޭ މައްސަލަ ބޮޑުވެފައި

ތ. ގުރައިދޫ އިންޖީނުގޭގެ ޖަނަރޭޓަރަކަށް މައްސަލަތަކައް ދިމާވެ ކަރަންޓް ކެނޑޭ މައްސަލައަށް ދާއިމީ ހައްލެއް ނުލިބޭތީ ރައްޔިތުން ކަންބޮޑުވެއްޖެއެވެ.
އާބާދީގައި 2100 އަށް ވުރެ ގިނަ މީހުން ދިރިއުޅެމުން އަންނަ ގުރައިދޫ އަށް ކަރަންޓުގެ މައްސަލަ ދޭތެރެ ދޭތެރެއިން ދިމާވަމުން އަންނަކަމަށް އެރަށުން ވީއެފްޕީއާ ވާހަކަ ދެއްކި ބައެއް މީހުން ބުނެއެވެ. "ކަރަންޓުގެ މައްސަލަ ދޭތެރެ ދޭތެރެއިން ދިމާވޭ އަބަދުވެސް. މިކަން އަނެއްކާވެސް މިދިމާވީ މީގެ މަހެއްހާ ދުވަސް ކުރިން." އެރަށުން ވީއެފްޕީއާ ވާހަަކަ ދެއްކި މީހަކު ބުންޏެވެ.
"މިދުވަސްކޮޅަކީ ވެސް ނުލާހިކު ހޫނު ދުވަސްކޮޅެއް. ދެން އަދި އިރުއިރުކޮޅާ ކަރަންޓު ދަންޏާ ކިހާ ހޫނެއް ވާނެ. ކުޑަކުދިން ވެސް ބޭރުގައެއް ނުނިންދެވޭނެ މިރަށަކީ އެހާ މަދިރިވެސް ގިނަ ރަށެއް،" އެމީހާ ބުންޏެވެ.
ދުވާލެއްގެ މައްޗަށް ފަސް ވަރަކަށް ފަހަރު ކަރަންޓު ކެނޑޭއިރު، ކެނޑޭ ކޮންމެ ފަހަރެއްގައި 20 ވަރަކަށް މިނެޓުވާ ކަމަށް އެރަށު ބައެއް މީހުން ބުނެއެވެ. އޭގެ ސަބަބުން ގޭގައި ގެންގުޅޭ ފްރިޖާއި ޓީވީ ފަދަ ތަކެއްޗަށް ބޮޑެތި ގެއްލުންތައް ލިބެމުންދާ ކަމަށް ވެސް އެރަށުން ވާހަކަ ދެއްކި މީހުން ބުނެއެވެ.
ގުރައިދޫއަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލަ އާ ގުޅޭގޮތުން ވީއެފްޕީއާ ވާހަކަ ދައްކަވަމުން އެރަށު ކައުންސިލްގެ މެމްބަރަކު ވިދާޅުވީ، ކުއްލި ކުއްލިއަށް ކަރަންޓު ކެނޑި ރައްޔިތުންގެ އަގުބޮޑެތި މުދަލަށް ވެސް ގެެއްލުންވެފައިވާ ކަމުގެ ޝަކުވާތައް ލިބިފައިވާ ކަމަށެވެ.
ގުރައިދޫގައި ތިން ޖަނަރޭޓަރު ހުރި ނަަމަވެސް، އެއިން އެއްވެސް ޖަނަރޭޓަރަކުން ފުލްކޮށް ކަރަންޓު ނަގައިނުދޭތީ އެމެމްބަރު ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. "ތިން ޖަނަރޭޓަރު ހުރީ. އެއިން އެއްވެސް ޖަަނަރޭޓަރަކުން ފުލްކޮށް ކަރަންޓެއް ނަގައެއް ނުދޭ. މިހާރު މައްސަލަ ދިމާވެގެން މިއުޅެނީ އެންމެ ބޮޑު ޖަނަރޭޓަރަށް. އެހެންވެ ހުރިހާ ލައިނަކަށް ކަރަންޓެއް ފޯރުކޮށެއް ނުދެވޭ. ދެން މިކޮޅުންދޫ ކުރޭ ކޮންމެ ރެއަކު ހުރިހާ ލައިންއަކަށް. އެހެންވެ ކޮންމެ ރެއަކު ކަރަންޓު ކެނޑޭ،" ކައުންސިލް މެމްބަރު ވިދާޅުވެއެވެ.
މިދިޔަ މިޑް ޓާމް ބްރޭކްގައި ސްކޫލުގައި ކިޔަވައިނުދޭތީ އެހަފުތާގައި ރަށުގެ ކަރަންޓު މައްސަލައަށް ކުޑަ ހައްލެއް ލިބުންކަމަށް ގުރައިދޫ ކައުންސިލުން ބުނެއެވެ. ގުރައިދޫއަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް 800 ކިލޯ ވޮޓްގެ ޖަނަރޭޓަރެއް ތިން މަހެއްހާ ދުވަހުގެ ތެރޭގައި ހޯދައިދޭނެކަމަށް ފެނަކައިގެ ކުރީގެ އެމްޑީ އަހުމަދު ޝަރީފް ބުނެފައިވީނަމަވެސް ޖަނަރޭޓަރު ލިބިފައި ނުވާ ކަމަށް ކައުންސިލުން ބުނެއެވެ.
ކަރަންޓުގެ މައްސަލަ ހައްލު ކުރުމަށް ފެނަކައިގެ ޓީމެއް ރަށުގައި ހަރަކާތްތެރިވަމުން އަންނަ ކަމަށް ގުރައިދޫ ކައުންސިލުން ބުނެއެވެ. އަދި ގުރައިދޫ ކައުންސިލާއި ކަމާއި ގުޅުންހުރި އިދާރާތަކާއި ގުޅިގެން އެކަމަށް ދާއިމީ ހައްލެއް ވަރަށް އަވަހަށް ލިބޭނެކަމަށް އުންމީދު ކުރައްވާ ކަމަށް ވެސް ކައުންސިލުން ބުނެއެވެ.
ގުރައިދޫ އިންޖީނުގެ ފެނަކައިގެ ދަށުން ހިންގަމުން އަންނައިރު، އެރަށަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލައާ ގުޅޭގޮތުން އެރަށުގައި ހުންނަ ފެނަކައިގެ ބްރާންޗްގެ ބަހެއް ލިބޭގޮތް ވަނީ ނުވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ