މޮޅު ކުޅުންތެރިއާގެ މަގާމު ސެންޓޭ ދިފާއުކޮށްފި
މޯލްޑިވްސް ފުޓްބޯޅަ އެވޯޑްސްގައި ހޮވާ އަހަރުގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިއާގެ މަގާމު، މިދިޔަ އަހަރުވެސް ހޯދި ނިއު ރޭޑިއަންޓްގެ އަލީ ފާސިރު (ސެންޓޭ) އަނެއްކާވެސް ހޯދައިފި އެވެ.މިދިޔަ އަހަރު ސެންޓޭ އަހަރުގެ މޮޅު ކުޅުންތެރިއާގެ މަގާމު ހޯދީ ޓީސީ ސްޕޯޓްސް އަށް ކުޅެމުންނެވެ. މިފަހަރު ނިއުގައި މޮޅު ކުޅުމެއް ދައްކައި ސެންޓޭ އަނެއްކާވެސް އެވޯޑް ހޯދި އިރު، އޭނާ ވަނީ އިތުރަށް، އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިއާ އަށް ދޭ ރަން ބޫޓުވެސް ހޯދާފަ އެވެ. މި ސީޒަނުގައި އޭނާ ވަނީ 24 ލަނޑު ޖަހާފަ އެވެ. އެންމެ މޮޅު ކުޅުންތެރިއާގެ މަގާމު ސެންޓޭ ހޯދާފައިވަނީ ނިއުގެ އަލީ އަޝްފާގް (ދަގަނޑޭ)، ހަމްޒާ މުހައްމަދު (ހަމްޕު)، މާޒިޔާ ސްޕޯޓްސްގެ މުހައްމަދު އުމޭރު، ޓީސީގެ އިބްރާހިމް މަހުދީ އަދި ނާއިޒް ހަސަން (ދާދު) އާ ވާދަކޮށެވެ.އެންމެ އުންމީދީ ކުޅުންތެރިއަކަށް ދާދު ހޮވުން އިރު، އެންމެ ރީތި ގޯލަށް ދޭ ޖޫލޭ އެވޯޑް ލިބުނީ އިބްރާހިމް މަހުދީގެ ގޯލަށެވެ. އެންމެ މޮޅު ބިދޭސީ ކުޅުންތެރިއަކަށް ނިއުގެ ސްޕޭން ފޮވާޑް އެޑްރިއަން ގަލާޑޯ ހޮވުން އިރު، އެންމެ މޮޅު ކޯޗަކަށް ހޮވުނީ ނިއުގެ ސްޕޭން ކޯޗު އޮސްކާ ބްރޫޒޯން އެވެ. އޭނާގެ އިރުޝާދުގެ ދަށުން ނިއު ވަނީ ޓްރެބަލެއް ކާމިޔާބުކޮށްފަ އެވެ. އެންމެ މޮޅު ކީޕަރަކަށް ހޮވުނީ ނިއުގެ ތަޖުރިބާކާރު ކީޕަރު އިމްރާން މުހައްމަދެވެ.އެފްއޭއެމް އަދި ފުޓްބޯލް.ކޮމް ގުޅިގެން ކޮންމެ އަހަރަކުވެސް ދޭ ފުޓްބޯޅަ އެވޯޑްގެ މިއަހަރުގެ ހަފްލާގެ ޝަރަފުވެރި މެހްމާނެއްގެ ގޮތުގައި ސްޕޭން އަދި ބާސެލޯނާގެ ކުރީގެ ކައްޕި ކާލެސް ޕުޔޯލް ބައިވެރިވި އިރު، ރާއްޖޭގެ ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު ވެސް ހަފްލާގައި ބައިވެރިވެވަޑައިގަތެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ