ގާސިމް އިބްރާހީމް ރާއްޖެ އައުމަށް އެންގުމުން ޖުމްހޫރީ ޕާޓީން ކަންބޮޑުވުން ފާޅުކޮށްފި
ޖުމްހޫރީ ޕާޓީގެ ލީޑަރ ގާސިމް އިބްރާހީމް ރާއްޖެ ވަޑައިނުގަންނަވާނެކަން ދޭހަވާ މޭރުމަކުން އެޕާޓީގެ ސެކްރެޓަރީ ޖެނެރަލް އަހުމަދު ސަމީރު ވާހަކަ ދައްކަވައިފިއެވެ. ކުނޫޒުގައި އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ސަމީރު ވިދާޅުވީ ގާސިމް އިބްރާހީމް ރާއްޖެ ގެނައުމުގެ ބަދަލުގައި ފުލުހުން ހޯދަންވީ މި ގައުމުގައި ފިލައިގެން އުޅޭ ބޮޑެތި ކުށްވެރިން ކަމަށެވެ. ގާސިމް ފިލައިގެން ނޫޅުއްވާކަމަށް ވިދާޅުވެ ސަމީރު ވިދާޅުވީ ގާސިމް ރާއްޖެ ގެނައުމަށް ފުލުހުންގެ އެހީއަށް އެދުމަކީ ކަރެކްޝަންސް އިން ހިންގި ފިނޑި އަމަލެއް ކަމަށާއި، ގާސިމް ރާއްޖެ ވަޑައިގަތުމަށް ކަރެކްޝަންސް ސާވިސްއިން އަންގާފައި ވަނީ ގާސިމްގެ ބޭސްފަރުވާ ފުރިހަމަ ނުވަނީސް ދަތުރު ނުކުރެވޭނެ ކަމަށް ޑޮކްޓަރުން ބުނެފައި ވަނިކޮށް ކަމަށެވެ. އަދި ގާސިމަށް ރާއްޖެ ނާދެވިފައި ހުރީ ބޭސްފަރުވާ ފުރިހަމަ ނުވާތީ އެކަމުގެ ހުއްދަ ނުލިބިގެން ކަމަށާއި، ނަމަވެސް ގާސިމްއާ މެދު ސަރުކާރުން އަމަލު ކުރައްވަނީ އިންސާފުވެރި ގޮތަކަށް ނޫން ކަމަށް ސަމީރު ވިދާޅުވިއެވެ. ސަމީރު އިތުރަށް ވިދާޅުވީ ގާސިމް ފިލައިގެން އުޅޭ ކަމަށް ކަރެކްޝަން އިން ބުނާ ކަމަށް ވާނަމަ އެއީ އިންސާފުވެރިވާހަކައެއް ނޫން ކަމަށާއި، އަދި ގާސިމް ހުރީ ފިލައިގެން އުޅޭ ކަހަލަ ހާލަތެއްގައި ނޫންކަން އެޕާޓީއާއި، އިދިކޮޅު ޕާޓީތަކުންވެސް ގަބޫލު ކުރާ ކަމަށް ސަމީރު ވިދާޅުވިއެވެ. އަދި ސަރުކާރުން އަނިޔާވެރިކަމަށް އިސްކަން ދީގެން އަމަލު ކުރުމަކީ ގަބޫލު ކުރާނެކަމެއް ނޫން ކަމަށާއި، ބޭސްފަރުވާއަށް މުއްދަތު ދޭން ޖެހޭ ކަމަށް ސަމީރު ވިދާޅުވިއެވެ. ސަމީރު މިހެން ވިދާޅުވި އިރު، ގާސިމް ބޭސްފަރުވާއަށް ސިންގަޕޫރަށް ވަޑައިގެންފަހުން ކަރެކްޝަނަލް ސާވިސްއިން ވަނީ ދެ ފަހަރަށް މުއްދަތު އިތުރުކޮށްދީފައިއެވެ. އަދި ކަރެކްޝަނުން ގާސިމްގެ ބޭސްފަރުވާއަށް އެންމެ ފަހުން އިތުރުކޮށްދިން ހަތް ދުވަހުގެ މުއްދަތު ވެސް މިދިޔަ ހޯމަ ދުވަހު ވަނީ ހަމަވެފައެވެ. ރިޝްވަތުގެ މައްސަލާގައި ތިން އަހަރާއި ދެ މަހާއި 12 ދުވަހަށް ހުކުމް އައިސްފައިވާ ގާސިމްގެ ބޭސްފަރުވާއަށް ކަރެކްޝަނުން ފުރަތަމަ ދިނީ 10 ދުވަހުގެ މުއްދަތެކެވެ. ނަމަަވެސް އެ މުއްދަތުގެ ތެރޭގައި ބޭސްފަރުވާ ނުކުރެވޭތީ އިތުރު 10 ދުވަސް ވެސް އެ ސާވިސްއިން ދީފައިވާއިރު، އޭގެ ފަހުން އިތުރަށް ހަތް ދުވަސް ވެސް ދީފައިވާކަން ފާހަގަކޮށްލެވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ